ގައިދީންނަށް ފަރުވާ ދެވޭ ގޮތަށް 3 ރިހެބިލިޓޭޝަން ސެންޓަރެއް، ރިމާންޑް ސެންޓަރުތަކެއް ގޮތަށް ބަދަލުކޮށްފި

ޑުރަގު އައްޑާއެއް: ގައިދީންނަށް ފަރުވާ ދެވޭ ގޮތަށް 3 ރިހެބިލިޓޭޝަން ސެންޓަރެއް، ރިމާންޑް ސެންޓަރުތަކެއް ގޮތަށް ވަނީ ބަދަލުކޮށްފައި --

ގައިދީންނަށް ފަރުވާ ދެވޭ ގޮތަށް, ތިން ރިހެބިލިޓޭޝަން ސެންޓަރެއް، ރިމާންޑް ސެންޓަރުތަކެއް ގޮތަށް ބަދަލުކޮށްފިއެވެ.

ރިމާންޑް ސެންޓަރުތަކަކީ މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުކުރެވޭ މީހުން ޝަރީއަތަށް ބަންދުގައި ބަހައްޓާއިރު ބައިތިއްބާ ފެސިލިޓީއެކެވެ. އަދި އެއީ ބަންދުގެ މުއްދަތުގައި އެތަނުގައި ބައިތިއްބައިގެން، އެމީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދޭ ފެސިލިޓީއެކެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 47 ވަނަ މާއްދާގެ ށ.ގެ ދަށުން، ރިމާންޑް ފެސިލިޓީގެ ގޮތުގައި ތިން ސެންޓަރެއް އާދިއްތަ ދުވަހު ގާއިމުކޮށްފައިވާ ކަމަށެވެ. އެ ތިން ސެންޓަރަކީ:

  • ގދ. ތިނަދޫ ޑުރަގު ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
  • ޏ. ފުވައްމުލަކު ޑުރަގު ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
  • ސ. ހުޅުދޫ ވިލުނު ސެންޓަރު

ހޯމް މިނިސްޓްރީން ބުނީ މި ތިން ސެންޓަރު ވެސް ހިންގާނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބެލުމުގެ ދަށުން ކަމަށެވެ.

އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު -- ސަން ފޮޓޯ

'ސަން' އާ ވާހަކަދައްކަވަމުން އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވީ، ކުރިން އެ ސެންޓަރުތަކުން ދެމުން ދިޔައީ ހަމައެކަނި ޑިޓޮކްސް ފަރުވާއާއި، ކޮމިއުނިޓީ ޓްރީޓްމަންޓް ކަމަށެވެ.

ނަމަވެސް މިހާރު އެ ތިން ސެންޓަރު ވެސް ރިމާންޑް ސެންޓަރުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ގައިދީންނަށް އެތަނުގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި، ދޭންޖެހޭ ފަރުވާ، ވަކި ދަފުތަރެއްގައި ޖައްސައިގެން ދޭނެ ކަމަށް ވެސް ލުބްނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރު އައުމަށްފަހު މިދިޔަ އަހަރުގެ ޖޫން 22ގައި ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު ކ. ހިންމަފުށީގެ ޑީޓީއާރްސީގައި އެންޑީއޭއިން އަލުން ހިންގަން ފަށާފައިވެއެވެ. ކުރީ ސަރުކާރުން ހިންމަފުށިގައި އެ ސެންޓަރު ހެދުމަށް ފަހު، ވަކި ހިސާބަކުން އެތަން ހިންގުން އޮތީ ހުއްޓިފައެވެ.

ހަމައެއާއެކު މާލޭގެ މަގުތަކުގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންނާއި މަސްތުގެ ހާލަތުގައި ހުރެ ކުށްތަކަށް އަރައިގަންނަ މީހުން ބަންދުކޮށް ފަރުވާ ދިނުމުގެ މަސައްކަތް އެންޑީއޭއާއި ފުލުހުން ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު 20ވަނަ ދުވަހު ވަނީ ފަށައިފައެވެ.

އެންމެ ފަހުން މިއަހަރުގެ ފެބްރުއަރީ މަހު އެންޑީއޭއިން ބުނީ އެ އޮޕަރޭޝަންގެ ތެރެއިން، މިހާތަނަށް 100އަށް ވުރެ ގިނަ މީހުންނަށް ފަރުވާގެ ފުރުސަތު ދީފައި ވާކަމަށެވެ.

މީގެ އިތުރުން އެންޑީއޭއިން ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭން އިންޑިއަން ކަލްޗަރަލް ސެންޓަރާ ވެސް މަޝްވަރާކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގައި އާއްމު މައްސަލަތަކެކެވެ.

comment ކޮމެންޓް