ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނިންމުންތައް ތަންފީޒުކުރަން އެއްބާރުލުން ނުދޭތީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ތިން ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބްރޯޑްކޮމްއިން ޒީނިޔާ ސަސްޕެންޑުކޮށްފައިވަނީ މާދަމާއިން ފެށިގެން ތިން ދުވަހަށެވެ. އަދި، އެ މުއްދަތުގައި ލިޔުމުން ޖަވާބުދާރީވުމަށް ވެސް އޭނާއަށް އަންގައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ސަސްޕެންޑުކުރި ސަބަބުތަކުގެ ތެރޭގައި ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައިއާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިޙުތިރާމު ކުޑަކުރުން ހިމެނެއެވެ.
ޒީނިޔާގެ ސަސްޕެންޑުކުރަން ކޮމިޝަނުން ނިންމިއިރު، އޭނާ މުވައްޒަފަކާ މެދު އަމަލުކުރުމުގައި ގަސްތުގައި އަނިޔާވެރިވެ، މަގާމުގެ ބޭނުން ނުހައްގު ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލައިފައި ވެއެވެ. އަދި ބްރޯޑްކޮމްގެ ރައީސް ޞަފާ ޝަފީގްއާ މެދު އިޙުތިރާމު ކުޑަކޮށް، އަމަލީ ގޮތުން އެކަން ދައްކައިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
އެ މައްސަލައިގައި އޭނާއަށް ކޮމިޝަނުން އަނގަ ބަހުން ނަސޭހަތްތެރިވި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ޒީނިޔާ ސަސްޕެންޑުކޮށްފައިވާއިރު، މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފައިވެއެވެ.
އެ ޕެޓިޝަންގައި ވަނީ، ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، އަދި އިދާރީ އޮނިގަނޑަށް އިޙުތިރާމް ކުރުމެއް ނެތި، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.