"ނުދޭބަ. ޕްލީޒް!… އަހަރެން ދޫކޮށްލާފަ ނުދޭބަ." ގިސްލުން މަަައިތިރިކުރަން މަސައްކަތްކުރަމުން މަައުވާ ވާހަކަ ދެއްކިއެވެ.

ކަންފަތަށް އިވުނު އަޑު ޤަބޫލުނުކުރެވުނު އަފްނާންއަށް މައުވާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނާ ކުށްހީއެއް ކުރާކަށް ބޭނުމެއް ނޫނެވެ. މައުވާ އެގޮތަށް އެބުނަނީ ހަމަ ހަޤީގަތުގައިވެސް އޭނާގެ ކައިރީގައި ހުންނަން ބޭނުންވެގެން ހެއްޔެވެ؟ މައުވާ އޭނާއަށް މާފުކުރީހެއްޔެވެ؟ އަލުން ގުޅެން ބޭނުންވަނީ ހެއްޔެވެ؟ ބަހެއް ބުނަން އަފްނާންގެ ދުލެއް ހަރަކާތެއް ނުކުރެއެވެ. މައުވާގެ ދެލޮލުން އައި ކަރުނަތައް ފުހެދިނެއްކަމަކު، އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ނިމުމެއް ނައެވެ. މައުވާ އެގޮތަށް ރޯ މަންޒަރު ބަލާކަށް އަފްނާންގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. ހިތަށް ތޫނު ހަންޖަރެއް ހަރައިލި ނަމަވެސް އެހާ ތަދުވާނެހެނެއް ހިޔެއްނުވެއެވެ.

އަފްނާން، މައުވާއަށް އޭނާގެ އަތުގެ ހިމާޔަތް ދެމުން ކުއްލިއަކަށް ގެނެސް މޭގައި ޖައްސާލައިފިއެވެ. އޭނާ މައުވާގެ ފަން އިސްތަށިގަނޑުގައި ބޮސްދިނެވެ. އަދި ނުރުއިމަށް އެދެން ފެށިއެވެ.

"އަހަރެން ނޫޅެމޭ މައު ދޫކޮށްލާފަ ދާކަށް. ތިގޮތަށް ނުރޮއިބަ މައު." އަފްނާން ބޭނުންވީ މައުވާގެ ހިތަށް ތަސައްލީއެއް ދޭށެވެ. މައުވާއަށް ލިބިފައިވާ ވޭނާއި ކެކުޅުންތައް އޭނާއަށް ތަޞައްވަރު ކޮށްލެވޭތީއާވެސް އެކުގައެވެ.

މައުވާ އަފްނާންއާ ދުރުވެލަމުން އަފްނާންއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަ ހިނދު، ދެމީހުންނަށް ވެސް އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބެވުނެވެ. އެހާ ގާތުގައި ތިބެން ވުމުން ދެހިތުގެ ތެޅުންވެސް ބާރުވާން ފެށިއެވެ. އަފްނާންއަށް އޭނާގެ ހިއްސުތައް ކިޔަމަންކުރަން އުނދަގޫވެގެން ދިޔައެވެ. މައުވާއާ އިތުރަށް ގާތްވެލަން އޭނާ ބޭނުންވާން ފެށިއެވެ. އެހާ ދުވަސްފަހުން މައުވާ އަމިއްލައަށް ރުހިގެން އޭނާގެ އަތުތެރޭގައި ހުރުމުން ހިތުގައި އުފާވެރިކަމުގެ ރާގެއްވެސް ކުޅެވިގެން ދިޔައެވެ. އެހެންނަމަވެސް، އަފްނާން އޭނާގެ އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވައިލިއެވެ. މައުވާގެ ދެ ކޮނޑުގައި ހިފާލުމަށްފަހު ކުޑަކޮށް ދުރުކޮށްލައިފިއެވެ.

"އަހަންނާ ދުރަށް ދާން ބޭނުންވަނީތަ؟" މައުވާއަށް ސުވާލުކޮށްލެވުނެވެ.

"މައު އަހަންނަށް މާފުކުރީތަ؟ އަހަންނާއެކު އުޅެން ބޭނުންވެގެންތަ ތިއައީ؟ ވީހުރިހާކަމެއް ހަނދާން ނައްތައިލީތަ؟" އަފްނާންއަށް ސުވާލުކޮށްލެވުނެވެ. މައުވާގެ ފަރާތުން އޭނާ ޖަވާބު ބޭނުމެވެ. އެ ސުވާލުތަކުގެ ޖަވާބު އެއްވެސް ޝައްކެތް ނެތް މިންވަރަށް ނުލިބެނީސް، އެއްވެސް ކަހަލަ އުންމީދުގެ ހުޅުކޮޅެއް ހިތުގައި ދިއްލިގެންދާކަށް އޭނާ ބޭނުމެއް ނޫނެވެ.

"އަހަރެން ހީކުރީ ދުވަހަކުވެސް އަފޫއަށް ފުރުސަތު ނުދެވޭވަރަށް އަހަންނަށް އަފޫއަށް ނަފްރަތުކުރެވޭނެކަމަށް. އެކަމަށް މާފު ނުކޮށް އަފޫއާ ދުރުގައި ކެތްކުރެވޭނެކަމަށް. އެކަމަކު…. އެކަމަކު އެހެންނެއް ނުވި. އަހަރެންގެ ހިތުން އަފޫގެ ލޯބި ފުހެއެއް ނުލެވުނު. އެއަށްވުރެ ފުނުގައި ތި ލޯބި ވަނީ ފެވިގެން ގޮސްފައި." މައުވާގެ ހިތަކީ އަފްނާންގެ މިލްކެއްކަން މިއަދު އޭނާއަށް ވެސް ޔަޤީންވެއްޖެއެވެ. އަމިއްލަ ހިތުގެ ޖަޒުބާތުތަކާ ދެކޮޅަށް ހަނގުރާމަކޮށްކޮށް އޭނާ ވަރުބަލިވެއްޖެއެވެ. އަފްނާންއާ ދުރަށް ދާން ބޭނުންވި ނަމަވެސް، އެކަމަށް ތަން ނުދިނީ އޭނާގެ ހިތުގައިވާ ލޯތްބެވެ. ދަގަތްފާނަށް ދަގަނޑު ދަމާހެން އޭނާ އަފްނާންގެ ކައިރިއަށް ގެނައީވެސް އެ ލޯތްބެވެ. އެ ޖަޒުބާތުތަކެކެވެ. އެ އިޙްސާސްތަކެވެ. އަފްނާންގެ އަތުގެ ހިމާޔަތަށް އެދި އެހިތް ބޭޤަރާރުވެފައިވާ މިންވަރު ވެސް އެ ހިނދު މައުވާއަށް އިޙްސާސްކުރެވިގެން ދިޔައެވެ. އިތުރަށް އެ އިޙްސާސްތަކާ ދުރަށް ދާން ވެއްޖެނަމަ އެހިތަށް ތަދުވުން ނޫންކަމެއް ނުވާނެއެވެ. އާއެކެވެ. އޭނާ އަފްނާންއަށް ފުރުސަތު ދޭންވީއެވެ. އަފްނާންގެ ލޯތްބަށް އިތުބާރުކުރަންވީއެވެ. އަފްނާންއާ ދުރަށް ދުވެ ދުވެ އޭނާ ވަރުބަލިވެއްޖެއެވެ.

"އައި ލަވް ޔޫ އަފޫ… ލަވް ޔޫ ސޯ މަޗް." އެެ ހުރިގޮތަށް ހުރެ މައުވާ ބުނެލިއެވެ. އޭނާގެ މުޅި ހަށިގަނޑުގެ ކޮންމެ ސެލް އެއްމެ އެ ކަމަކަށް އިޤުރާރުވަމުން ދިޔަ ފަދައެވެ. އެ ލަފުޒުތައް ދޫކޮށްލި ވަގުތު، އަފްނާންއަށްޓަކައި ހިތުގައި ވި ޖަޒުބާތުތައް ވެސް އުތުރިގެންފިއެވެ.

މައުވާ ދައްކަމުން ދިޔަ ވާހަކަތަކުން އަފްނާންގެ ހިތަށް ފިނިކަން ގެނެސް ދިންނަމަވެސް، ދެވަނަ ހިނދުކޮޅުގައި އޭނާގެ މޫނުމައްޗަށް ހިތާމަޔާއި މަޑުމޮޅިކަމުގެ އަސަރުތައް ވެރިވެއްޖެއެވެ. އަފްނާން މައުވާއާ ނަަޒަރު ވަކިކޮށްލަމުން އިސްޖަހައިލިއެވެ. ފުންނޭވާއެއެއް ދޫކޮށްލަމުން ދެލޯ މަރައިލެވުނީ ކޮންމެވެސް ކަމެއްގެ މަތިން ހަނދާންވުމާއެކުގައެވެ. އެ މަންޒަރު ފެނުނު މައުވާއަށް އަފްނާންގެ ގާތަށް ޖެހިލާ އަފްނާންގެ އަތުގައި ހިފައްޓައިލެވުނެވެ.

"އަހަރެން ބޭނުމޭ އަފޫ." މައުވާ ބުންޏެވެ.

"މައު…." އަފްނާންގެ އަޑުގައި ވަނީ، ބުނެދޭން ނޭނގޭ އަސަރެކެވެ.

"އަހަންނާއެކު އުޅެން ބޭނުންނުވަނީތަ؟" މައުވާގެ ހިތުގެ ހިނގުމަށް ބަދަލު އަތުވެއްޖެއެވެ.

"ނޫން، އެހެންނެއް ނޫން. މައު ޔޫޝައުއާ….." އެހިސާބަށް ޖުމްލަ ބުނެލުމަށްފަހު އަފްނާން މަޑުޖެހިލި ނަމަވެސް، އޭނާ މައުވާއަށް ބަލައިލީ، އެ ސުވާލުގެ ޖަވާބު ބޭނުމޭ ބުނާ ފަދައަކުންނެވެ.

"އަހަންނާ ޔޫޝައުއާ ގުޅުމެއް ނެތް." އަފްނާންގެ ހިތުގައިވި ޝައްކު ފިލުވައިދޭން މައުވާ ބޭނުންވިލެއް ބޮޑުކަމުން އޭނާއަށް އެހެން ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ. އެއާއެކު އަނެއްކާވެސް ސައިލަކަށް ކަރުނަތައް އެ ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދާން ފަށައިފިއެވެ. އަފްނާންގެ މޫނުމަތިން ފެންނަނީ އޭނާ ތަފްސީލަކަށް އެދޭކަމެވެ. ދުލުން ނުބުނި ނަމަވެސް، މައުވާއަށް އެކަން އެނގުނެވެ. އޭނާ އަފްނާންއާ އިތުރަށް ވާހަކަ ދައްކަން ފެށީ ދެނެވެ.

"އެނގޭ، އަފޫ އެހެން ތި ހީކުރަނީ ކީއްވެކަން. ޔޫޝައު އަފޫ ގާތު ކޮންމެވެސް އެއްޗެއް ބުނީމަ. އެ ސުވާލު އަހަންނާ ކުރީމަ އަހަރެންވެސް އަފޫ ކައިރީގަ އެކަމަކަށް އިންކާރެއް ނުކުރަން. އެ ކުށްހީ އަފޫއަށް ކުރެވުނީ އަހަރެންގެ ވެސް ސަބަބުން. އައެމް ސޮރީ…….." އެހިސާބަށް ބުނެފައި މައުވާ ކުޑަ ހިނދުކޮޅަކަށް ހިމޭންވިއެވެ. އެހެންނަމަވެސް ކަރުނަތައް ފުހެލާފައި އަނެއްކާވެސް އޭނާ ވާހަކަ ދައްކަން ފެށިއެވެ. "ޔޫޝައު އަހަރެން ދެކެ ލޯބިވާކަން އަހަންނަށް އެނގޭ. އެއީ އިއްޔެއަކު މިއަދަކު ވީކަމެއް ނޫން. އަހަރެން ޔުނިވާސިޓީއަށް ޖޮއިންކުރި ފުރަތަމަ ދުވަހުން ފެށިގެންވެސް ޔޫޝައުގެ ހިތުގައި އަހަންނާ މެދު އިޙްސާސްތަކެއްވި. އަފޫ އަހަރެން ދެކެ ލޯބިވުމުގެ މާކުރިންވެސް. އަހަންނާ އެވާހަކަ ނުދެކެވި އުޅެނިކޮށް އަހަރެންނާ އަފޫއާ ދެމީހުން ގުޅުނީ. އެހިސާބުން އޭނަ ހުރިހާކަމެއް ސިއްރުކުރީ. މިހާ ހިސާބަށް ވެސް އޭނާ އެ ހުރިހާކަމެއް ސިއްރުކުރީ އަހަންނަށްޓަކާ…. ބަދަލު ހިފުމުގެ ރޫޙެއްގައި އޭނަ އެ ހުރިހާ ވީޑިއޯއެއް އަލުން ވައިރަލްކޮށް އަފޫ ބޭޒާރުކުރިއެއްކަމަކު، ޔޫޝައު އަކީ ހިތް ނުބައި މީހެއް ނޫން. ގޯސް މީހެއް ނޫން. އަހަރެން އެ ޙާލުގައި ހޮސްޕިޓަލުގައި އޮތްއިރު، މަންމައަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ޔޫޝައުއާ ޒާޔާގެ ފަރާތުން. އެ ދެމީހުން ހިތްވަރު ނުދިން ނަމަ އެކަނިމާ އެކަނި މިހިސާބަށް އަންނަން މަންމައަށް ފަސޭހައެއް ނުވާނެ!. އެދުވަހު ހޮސްޕިޓަލުގައި އެ ހަމަނުޖެހުން ނުހިނގި ނަމަ ފަހަރުގައި އަދިވެސް ޔޫޝައުގެ ހިތުގައި އޮތް އެއްޗެއް އަހަންނަކަށް ނޭނގުނީސް ކަންނޭނގެ."

މައުވާ އެހުރިހާ ވާހަކައެއް ދައްކަމުން ދިޔައިރު އޭނާގެ ހަނދާނުގައިވަނީ މާޒީއެވެ. މާޒީގައި އެ މީހުން އެއްކޮށް އުޅުނު އުފާވެރި ހަނދާންތަކެެވެ. މަޖާ ދުވަސްތަކެވެ.

"އަހަރެން ޔޫޝައުއަށް ފުރުސަތު ނުދިނީ އެ ފުރުސަތު ދިން ނަމަވެސް، ޔޫޝައު ދެކެ ލޯބިވުމަކީ އަހަންނަށް ކުރެވޭނެ ކަމަކަށް ނުވާތީ. އަފޫ ނޫން މީހަކު ދެކެ އަހަރެން ކިހިނެއް ލޯބިވާނީ؟" މައުވާއަށް ބުނެވުނެވެ.

"ސޮރީ…" އަފްނާންއަށް ބުނެވުނު ހާވެސް އެއްޗަކީ އެއީއެވެ. އޭނާގެ ހިތުގައި ޔޫޝައުއާ މެދު އުފެދިފައިވާ ޝަކުވާތައްވެސް ފިލައިގެން ދިޔައެވެ. ލޯބިވާ މީހާއާ ދުރުގައި ހުރުމަކީ ހިތުގައި ކިހާ ވޭނެއް އަޅާ ކަމެއްކަން، އޭނާ ވެސް އެވަނީ ތަޖުރިބާކޮށްފައެވެ. އަފްނާން މައުވާ ގެނެސް އެ އަތުތެރޭގައި ހައްޔަރުކޮށްލީ ކުއްލިއަކަށެވެ. އޭނާ ދުވަހަކު މަައުވާ ދޫކޮށްނުލާނަމޭ ބުނާފަދަ ގޮތަކަށެވެ.

"ދެން ބުނެބަ ނުދާނަމޭ…" އެހުރި ގޮތަށް ހުރެ މައުވާ ބުނެލިއެވެ. އެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް މާފަށް އެދުން ފިޔަވާ އަފްނާން އިތުރު އެއްޗެއް ނުބުނާތީ އޭނާ ކުޑަކޮށް ނުތަނަވަސްވިއެވެ.

"އަހަރެން… އަހަރެން ނޫޅެމޭ ދާކަށް... އެހާވެސް ލޯބިވޭ!" އަފްނާންގެ އެ ޖުމްލަތައް ބުނެލިއިރު އެ އަޑުން ފާޅުވަމުން ދިޔަ ތެދުވެރިކަމާއި، ވި އަސަރުތަކުން މައުވާގެ ހިތުގައި ގަނޑުފެން އަޅައިލަދިން ފަދައެވެ. ހިތުގެ އެތެރޭގައި ވި ޒަޚަމްތަކުގައި، އަޅައިލަދިން މަލަންކޮޅެއްކަމުގައި އެ ބަސްތައް ވެގެން ދިޔައެވެ. އެހާ ދުވަސްފަހުން މޭގައިވި ފާރުތަކުން ލިބެމުން ދިޔަ ދިލަތަދަށް ވެސް ލުޔެއް ލިބިގެން ދިޔައެވެ.

"މައު. މައު މަންމަ އަހަންނާ ދޭތެރޭ ހީކުރާނީ ކީކޭ؟" އަފްނާން މައުވާ ދުރުކޮށްލުމާއެކު ސުވާލުކޮށްލިއެވެ. ކަންތައް ކުރެވުނު ގޮތުން މައުވާގެ މަންމައާ ކުރިމަތިލުމަކީވެސް އޭނާއަށް ފަސޭހަކަމަކަށް ނުވާނެއެވެ.

"މަންމަ އަހަރެންގެ އުފަލަކަށް ހުރަހެއް ނާޅާނެ." މައުވާ ޔަޤީންކަމާއެކު ބުނެލިއެވެ.

އެރެއަކީ މައުވާއާއި އަފްނާންގެ ޙަޔާތުގައި އައި އެންމެ އުފާވެރި ރެއެވެ. އެތަކެއް ދުވަހަކަށްފަހު ބައްދަލުވި ދެލޯބިވެރިން އެކަކު އަނެކަކަށްޓަކައި ކުރި އިންތިޒާރަށް ގެނުވީ ވަރަށް ވެސް ފޮނި ނިކުމެކެވެ. އަހުދާ ވަޢުދުން ދެ ހިތް ގުޅެމުން ދިޔަ ހިނދު، މާޒީގައިވީ ކަންތައް ހަނދާން ނައްތާލާފައި އައު ފެށުމަކުން ފަށަން ދެމީހުންވެސް ތިބީ ބޭނުންވެފައެވެ.

މައުވާ ފަޔަށް ތަދުވާ ވާހަކަ ބުނުމުން އަފްނާން، އެންމެފަހުން އޭނާ ގޮވައިގެން ގޮސް ކާރަށް އެރުވިއެވެ. މައުވާ އަފްނާންއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. ރިސާމާ އޭނާއާ ބައްދަލުކުރި ވާހަކަ ބުނަން ހިތަށް އަރާފައިވެސް އެވާހަކަ ބުނުމަށް އެންމެ މުނާސަބު ވަގުތެއްނޫނޭ ހިތާ މައުވާ ހިމޭންވީއެވެ.

ކާރު ސްޓާރޓްކޮށްލާފައި އަފްނާން ދުއްވައިލިއެވެ. މައުވާއަށް އޭނާ ބަލައިލީ ވަރަށްވެސް ލޯބިވެތި ނަޒަރަކުންނެވެ. މާލެއާ ހިސާބަށް ދެވެންދެންވެސް ދެމީހުން އެކިވާހަކަތައް ދެއްކިއެވެ. އިރުއިރުކޮޅުން އަފްނާން މާފަށް އެދެއެވެ.

"އެނގޭ އިތުބާރުކުރުމަކީ ފަސޭހަކަމެއް ނޫން ކަން. މިއަދު އަހަންނަށް ފުރުސަތު ދިނެއްކަމަކު، މައުގެ ހިތް ނުތަނަވަސްވާނެކަން އެނގޭ. ބިރުގަންނާނެކަންވެސް އެނގޭ. އަހަންނަކީ ދެން ހުންނަ މީހާއަށް އެއީ ދޮގެކޭ ބުނަން ނޭނގޭހާ ފަސޭހަކޮށް ދޮގު ހަދާ މީހެއް. އެކަން އެންމެ ރަނގަޅަށް އެނގޭނީވެސް މައުއަށް." އެހެން ބުނެލިއިރު އަފްނާންގެ އަޑުގައިވަނީ މަލާމާތެވެ. އޭނާ އެ ބަސްތައް ރައްދުކުރީ އަމިއްލަ ނަފްސަށެވެ. "އެކަަމަކު އައި ޕްރޮމިސް، އެހުރިހާކަމެއް ބަދަލުކުރާނަން. ދެވަނަ ފަހަރަށް ދެނެއް އިތުބާރު ގެއްލޭ ކަހަލަ ކަމެއް ނުކުރާނަން."

މައުވާ ހިނިތުންވެލިއެވެ. ގެއާ ހިސާބަށް އާދެވުމުން ކާރު ޕާކުކޮށްލާފައި އަފްނާން މައުވާއަށް ބަލައިލިއެވެ. އޭނަ ހިނިތުންވެލާފައި ކާރުން ފައިބައިގެން ގޮސް މައުވާ ނުކުންނަން ދޮރު ހުޅުވައިލަދިނެވެ. މައުވާއާއެކު ގެއާ ހިސާބަށްވެސް އަފްނާން ދިޔައެވެ. ލިފްޓް ނެތްކަން އެނގުމުން އޭނާ މައުވާއާއެކު، މައްޗަށް ވެސް އެރިއެވެ.

ދަބަހުން ތަޅުދަނޑި ނަގަންވެގެން މައުވާ އުޅުނު ވަގުތު އެތެރެއިން ބާރަށް ޒުލްފާ ބުނެލި ބަސްތައް އަޑު އިވުނީ ހަމައެކަނި މައުވާއަކަށް ނޫނެވެ. އެ އަޑު ރީއްޗަށް އަފްނާންއަށް ވެސް އިވުނެވެ.

"އަހަންނަށް ފެނުނޭ މައުވާ ކާރަށް އަރަނިކޮށް. އަދި އެ އުޅެނީ ރަނގަޅަށް ހިނގާނުލެވި. އެކަމަކު އެހާ އަވަހަށް ފިރިހެނުން ފަހަތުން ދުވަން ފެށީ. މުއްސަންޖެއް ފެނުނީމަ އަރާމު ދިރިއުޅުމެއް ހޯދާލަން މަސައްކަތްކުރަނީތަ؟ އެވައްތަރަށް ތެޅެން ހަދައިގެން ތޯއްޗެ އެކްސިޑެންޓު ވެސް ވީ." އެ ޖުމްލަތައް ބުނެފައި ދެން ޒުލްފާ މައުވާއަށް ރައްދުކޮށްލީ ހުތުރު ބަސްތަކެކެވެ. އެ އަޑު އިވި އަފްނާންގެ ދެބުމަ ގޮށްޖެހިގެން ދިޔަައެވެ. އައި ރުޅީގައި ދެއަތް މުށްކަވާ ލެވުނެވެ. މައުވާއާ އޭނާގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަ ހިނދުކޮޅު މައުވާ ލަދުގަތްކަން އޭނާއަށް އެނގުނެވެ.

"އަފޫ ދޭ! އަހަރެން ގުޅާނަން." ގޭތެރޭގެ ޙާލަތު ރަނގަޅު ނޫންކަން މައުވާއަށް އެނގުނެވެ. އޭނާ ބޭނުންވީ ވީ އެންމެ އަވަހަކަށް އަފްނާން ފޮނުވާލާށެވެ.

"އައިލް ބީ ފައިން." މައުވާ އެހެން ބުނެލުމުން އަފްނާން ތިިރިއަށް ދިޔައީ ގުޅާނަމޭ ބުނެފައެވެ.

މައުވާ ގެއަށް ވަތްއިރު، ރާމިޒާ، ހުރީ ކާމޭޒު ކައިރީގައި ކޮޅަށެވެ. އޭރު އޭނާގެ އަތުގައި ފައްސަތޭކައިގެ ތިން ނޫޓު އޮތެވެ. ޒުލްފާ ރާމިޒާގެ އަތުން އެ ޖަހައިގަތެވެ. މައުވާ ރާމިޒާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އޭނާ ވީގޮތް އޮޅުން ފިލުވިއެވެ. ރާމިޒާ ބުނީ ޖާވިދު އޭނާއަށް ފައިސާ ދިންކަން އެނގިގެން ޒުލްފާކޮށްލި ވަރުކަމުގައެވެ. މައުވާ ރާމިޒާ ހަމަޖައްސާލާފައި އެނދުގައި އިށީންތަނާ ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. އެއީ އަފްނާންގެ މެސެޖެކެވެ. އޭގައި އޮތީ ހުރިހާކަމެއް ވެސް ރަނގަޅުތޯ އަހާފަ އެވެ. މައުވާ އާއެކޭ ބުނެ ރިޕްލައިކޮށްލިއިރު، ރާމިޒާ އޭނާގެ ދަރިފުޅަށް ފުންކޮށް ބަލައިލިއެވެ.

*****

މެންދުރުގެ ހޫނު ގަދަ ވަގުތެވެ. ޔޫޝައު ގެއިން ނުކުތީ އޭނާގެ އާއިލާގެ މީހަކު، މާލެ އަންނާތީ އޭނާ ބަލާ އެއާރޕޯޓަށް ދިޔުުމުގެ ބޭނުމުގައެވެ. އަވިގަދަކަމުން ހީވަނީ ފިހިދާނެހެންނެވެ. އަދި އެ ހޫނު ގަދަ ވަގުތު ބްރިޖާ ހައިވޭމަތިން ދުއްވުންވީ މާ ވޭންދެނިވި ކަމަކަށެވެ. ސައިކަލުގެ ހުންގާނުގައި ހިފައްޓައިގެން އިންއިރު އަތުންވެސް ހީވަނީ ދިލަ ހޫނެއް އަރަމުންދާހެންނެވެ. ތާރުގަނޑުގެ ހޫނުކަމާއިއެކު ދުރުދުރުން އަވާމެންދުރުތައް ވެސް ފެންނަމުން ދިޔައެވެ. ސައިކަލުގެ ދުވެލި ބާރުކޮށްލުމާއެކު ޔޫޝައުގެ ބޭނުމަކަށްވީ އަވަހަށް އެއާޕޯޓަށް ފޯރުމެވެ.

އޭނާއަށް އެއާޕޯޓަށް ދެވުނުއިރު، ހުރީ ދާހިތްލާ ފޯވެފައެވެ. ސައިކަލު ޕާކުކޮށްލާފައި އަތުގެ ނުފުށުން ދާތިކިތައް ފުހެލިއެވެ. އަދި ހިނގާލާފައި އެރައިވަލް ގޭޓާ ދިމާލަށް މިސްރާބުޖެހިއެވެ. ފޯނަށް އޭނާ ބަލައިލީ މެސެޖެއް ލިބުނުތޯއެވެ. ނުކުމެފައި މެސެޖްކުރާނެކަމަށް އެމީހަކު ބުނެފައިވާތީއެވެ.

"އަޅެ ކޮންތާކުތަ ތިހުރީ؟ ނުފެނެޔޭ. ދެމިނެޓަށޭ ވޮޝްރޫމަށް ވަނީ. އަހަރެން ބަހައްޓާފަ ގޮސްފި." ފޯނުގައި ހުރެ ހިތްހަމަނުޖެހުމާއެކު ވާހަކަ ދައްކަމުން އައި އަންހެން ކުއްޖާ ދިޔައީ ފަރާތް ފަރާތަށް ބަލަމުންކަމުން، އެ ދިމާލަށް އައި ޔޫޝައުއެއް އެ އަންހެން ކުއްޖާއަކަށް ނުފެނުނެވެ. އެއާއެކު އޭނާ އައި ގޮތަށް އައިސްފައި އަޅައިގަތީ ޔޫޝައުގެ ގައިގައެވެ.

"ސޮރީ…" ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. ޔޫޝައު މާފަށް އެދިފައި އެ ކުއްޖާއަށް ބަލައިލިއެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް އޭނާގެ ފޯނު ރިންގުވިއެވެ. އެއާއެކު އޭނާ ދުރަށް ހިނގައިގަތެވެ.

"ހަލޯ. ކޮބާތަ؟" ޔުޝައު ދިޔަތަން ބަލަން ހުރުމަށްފަހު އެ ކުއްޖާ އަނެއްކާވެސް ފޯނު ކަންފަތުގައި ޖައްސައިލާ ޝަކުވާގެ ރާގަކަށް ވާހަކަ ދައްކަން ފެށިއެވެ. ޔޫޝައު ފަހަތް ބަލައިލުމެއްވެސް ނެތި ހުރި ގޮތަށް ދިޔައީއެވެ.

ބޭބެ ގޮވައިގެން އައިސް ހުންނަން ހަމަޖެހިފައިވާ ގެސްޓް ހައުސްއަށް ލައިދީފައި ޔޫޝައު ދިޔައީ ޔުނިވަރސިޓީއަށެވެ. އެތަނުގައި ކުރިއަށް ދާ އިވެންޓަކަށެވެ. ދާހިތްނުވިޔަސް މަޖުބޫރުވުމުން ދިޔައީއެވެެ. އެކަމުގައި އުޅެނިކޮށް އޭނާއަށް އަފްނާންގެ ކޯލެއް ލިބުނެވެ. އަފްނާން އެދުނީ ބައްދަލުކޮށްލާށެވެ. ޔޫޝައު ދެކޮޅު ހެދިނަމަވެސް އަފްނާން މައުވާއާ ބެހޭކަމެއްގައި ކަމަށް ބުނުމުން އަފްނާން އެ ދައްކާ ވާހަކައެއް އަޑު އަހާލަން ދާން ޔޫޝައު ނިންމި އެވެ.

ރޭގަނޑެވެ. އަފްނާން ކެފޭގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިނުމަށްފަހު، ގަޑިއަށް ބަލައިލިއެވެ. އޭރު ނުވަގަޑި ބައިވަނީއެވެ. ނުވައެއްޖަހާއިރަށް އަންނަން ކިޔާފައި އަދިވެސް ޔޫޝައު ނާދެއެވެ. އެންމެފަހުން ހިތްހަމަނުޖެހި ދާން ތެދުވީ ޔޫޝައު، އޭނާގެ ވަގުތައް ވަގުތުތައް ބޭކާރުކުރަނީ އޭ ހިތާއެވެ. އެހެންނަމަވެސް އެވަގުތު ދޮރު ހުޅުވާލާފައި ޔޫޝައު ވަދެއްޖެއެވެ. އަފްނާން ފެނުމުން އޭނާ އައިސް އިށީނދެއްޖެއެވެ. އެއާއެކު އަފްނާންވެސް އިށީނެވެ.

"ތި ކިޔާ އެއްޗެއް ކިޔާބަލަ." ޔޫޝައު ބުންޏެވެ.

"ތޭންކްސް." އަފްނާން ބުނެލިއެވެ. މަޑުމައިތިރިކަމާއެކުގައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު