ޒާތީވާ ކަމަށް ބުނެ ޕެޓިޝަން ހުށަހެޅިއިރު ކޮމިޝަނަކަށް އެކަމެއް ނާންގާ: ޞަފާ

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް -- ފޮޓޯ: ބްރޯޑްކޮމް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅިއިރު, އެ ކަންބޮޑުވުންތައް ކޮމިޝަންގެ މެންބަރުންނާ ހަމައަށް ގެނެސްފައި ނުވާ ކަމަށް, ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް މިއަދު ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މި ޕެޓިޝަން މިދިޔަ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ 18 މުވައްޒަފެއްގެ ސޮޔާއެކުގައެވެ.

https://sun.mv/206188

ހަމައެހެންމެ އިއްޔެ ވަނީ, ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒުކުރަން އެއްބާރުލުން ނުދޭތީ ކަމަށް ކޮމިޝަނުން ނިންމައި, އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ތިން ދުވަހަށް ސަސްޕެންޑު ކޮށްފައެވެ.

އެއާއެކު އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކޮމިޝަންގެ ބައެއް މުވައްޒަފުން މިއަދު ވަނީ މަސައްކަތް ހުއްޓާލުމަށް ފަހު, ގެއަށް ގޮސްފައެވެ.

ދައުލަތުގެ ބަޖެޓުން ހިންގާ މިނިވަން މުއައްސަސާއެއްގެ ހިންގުމަށް ދަތިތަކެއް ފޯރާފައިވާއިރު, މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ބްރޯޑްކޮމްގެ ރައީސް ޞަފާ "ސަން" އަށް ވިދާޅުވީ އޭނާ އާއި ކޮމިޝަންގެ އެހެން މެންބަރުން ވެސް މަސައްކަތް ކުރަމުން އަންނަނީ މުވައްޒަފުންނާ ވަރަށް ގާތުން, ގުޅިގެން ކަމަށެވެ. މުވައްޒަފުންގެ ވާހަކަތައް އަބަދުވެސް އަޑުއަހާ ކަމަށާއި ނަމަވެސް ޕެޓިޝަންގައި އެ އޮތް ބޮޑެތި ކަންބޮޑުވުންތަކަކީ އޭނާ އާއި ކޮމިޝަންގެ މެންބަރުންނާ ހަމައަށް ގެނެސްފައިވާ ކަންކަން ނޫންކަން ޞަފާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުގެ ކޮޓަރީގެ ދޮރަކީ ބަންދުކޮށްފައި ހުންނަ ދޮރެއް ނޫން. ކޮންމެ މުވައްޒަފަކު ވެސް އައިސް ވާހަކަ ދެއްކޭނެ. ކަންކަން ހުށަހެޅޭނެ. އެހާ ބޮޑެތި ތުހުމަތުތައް ޕެޓިޝަންގައި ކޮށްފައި އޮތްއިރު އަޅުގަނޑުމެންނާ ހަމައަށް އެ ކަންކަން ހުށަހަޅާފައެއް ނެތް," ކޮމިއުނިކޭޝަން ދާއިރާއިން މާސްޓާސް ހާސިލުކޮށްފައިވާ ޞަފާ ވިދާޅުވިއެވެ.

ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޒީނިޔާ, ސަސްޕެންޑް ކުރީ ޕެޓިޝަނާ ގުޅިގެން ކަމަށް ދެކެވޭ ވާހަކައާ ގުޅުވައި ޞަފާ ވިދާޅުވީ ކޮމިޝަންގެ ނިންމުންތަކަށް އެއްބާރުލުން ނުދޭތީ އެސްޖީގެ ސުލޫކީ މައްސަލައެއް ކޮމިޝަނަށް ފާހަގަވެ އަނގަބަހުން ނަސޭހަތް ދިންތާ ވެސް ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. އަދި ޕެޓިޝަނާ މި މައްސަލައާ އެއްވެސް ގުޅުމެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ޕެޓިޝަނާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން," ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރެޒެންޓަރަކަށް މަސައްކަތް ކުރެއްވި ޞަފާ ވިދާޅުވިއެވެ.

https://www.sun.mv/206267

މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ވަނީ، ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، އަދި އިދާރީ އޮނިގަނޑަށް އިޙުތިރާމް ކުރުމެއް ނެތި، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.

އިއްޔެ ސަސްޕެންޑު ކުރި ސެކްރެޓަރީ ޖެނެރަލާ މެދު ކޮމިޝަންގެ މެންބަރުން ކުރާ ތުހުމަތުތަކުގެ ތެރޭގައި, ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައިއާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިޙުތިރާމު ކުޑަކުރުން ހިމެނެއެވެ.

ޒީނިޔާ ސަސްޕެންޑުކުރަން ކޮމިޝަނުން ނިންމިއިރު، އޭނާ މުވައްޒަފަކާ މެދު އަމަލުކުރުމުގައި ގަސްތުގައި އަނިޔާވެރިވެ، މަގާމުގެ ބޭނުން ނުހައްގު ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލައިފައި ވެއެވެ. އަދި ބްރޯޑްކޮމްގެ ރައީސް ޞަފާ އާ މެދު އިޙުތިރާމު ކުޑަކޮށް، އަމަލީ ގޮތުން އެކަން ދައްކައިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

comment ކޮމެންޓް