ސަންއާ (21 މެއި 2025) : އިސްރާއީލުން ޣައްޒާގެ ރައްޔިތުން ގަތުލުއާންމު ހިންގައިގެންނާ އަދި ބަނޑަށް ޖައްސައިގެން މަރައި ނަސްލު ނައްތާލަމުން ގެންދާތީ އިސްރާއީލަށް އަދަބު ދިނުމުގެ ގޮތުން ޔަމަންގެ ހޫޘީން އިސްރާއީލުގެ މައި ބަނދަރު ކަމަށްވާ ޙައިފާ ބަނދަރު ކަނޑުމަގުން ހިސާރު ކޮށްފިއެވެ.
ޔަމަންގެ ޙޫޘީ ޖަމާޢަތުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޙައިފާ ބަނދަރަކީ ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއެޅުމަށް އިސްރާއީލު ބޭނުންކުރާ ހަތިޔާރު އެތެރެކުރުމުގައި ބޭނުންކުރާ ބަނދަރަކަށް ވާތީ އެ ބަނދަނރު ހިސާރުކޮށްފައިވާ ކަމުގައެވެ. އެހެންކަމުން އެ ބަނދަރަށް ދާ އަދި އެ ބަނދަރުން ފުރާ ހުރިހާ އުޅަނދަކީ އެ ޖަމާއަތުގެ ނުރައްކާތެރި ޙަމަލާތަކުގެ އަމާޒަކަށް ވާނެ އުޅަނދުތަކެއް ކަމުގައެވެ. އެ އުޅަނދުތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ހޫޘީންގެ ސަރުކާރުން ޒިންމާ ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ބަޔާނަށްފަހު ޔަމަންގެ ރަސްމީ ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ޙޫޘީ ސަރުކާރުގެ ތަރުޖަމާނު ކާނަލް ޔަޙްޔާ ސަރީޢު ގާސިމް ވިދާޅުވީ ޔަމަންގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ދެކުނުގެ އީލާތު ބަނދަރުގެ ވެސް ޚިދުމަތްތައް ހުއްޓި އެތަން ފަޅުވެފައިވާތާ ދޮޅު އަހަރު ވެފައިވާކަމުގައެވެ. އަދި އިސްރާއީލު ވައިގެ މަގުން ހިސާރު ކުރުމަށް ޔަމަނުން އެޅި އަސްކަރީ ފިޔަވަޅުތަކުގެ ސަބަބުން އިސްރާއީލުގެ އެންމެ ބޮޑު އެއާޕޯޓްކަމަށްވާ ބެންގޫރިޔަން އެއާޕޯޓްގެ ހަރަކާތްތަކުގެ ގާތްގަނޑަކަށް 85 އިންސައްތަ ހުއްޓިފައިވާކަމުގައެވެ.

ހޫޘީންގެ މިސައިލެއް
އިސްރާއީލު ވައިގެ މަގުން ހިސާރުކޮށްފައިވާކަން ހޫޘީން އިއުލާން ކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އޭގެ ކުރިން ވެސް އިސްރާއީލުގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ބެންގޫރިޔަން އެއާޕޯޓްގެ ޓާމިނަލްތަކާއި ރަންވޭގެ ކައިރިއަށް ހޫޘީންގެ މިސައިލް ހަމަލާތައް އެރުމުގެ ސަބަބުން އެތައް ފަހަރަކު އެއާޕޯޓް ވަނީ ބަންދުކުރަން ޖެހިފައެވެ.
އިސްރާއީލު ވައިގެ މަގުން ހިސާރު ކޮށްފައިވާކަން ހޫޘީން އިއުލާން ކުރުމާއެކު ކުރިޔާ ޚިލާފަށް ހޫޘީންގެ މިސައިލްތައް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބެންގޫރިޔަން އެއާޕޯޓަށް އަމާޒުކުރެއެވެ. ބައެއް ދުވަހު ދެފަހަރު އަދި ތިން ފަހަރު ވެސް ހޫޘީންގެ މިސައިލްތަކާ ހެދި ބެންގޫރިޔަން އެއާޕޯޓް ބަންދުކުރަން ޖެހެއެވެ.
ނަތީޖާއެއްގެ ގޮތުން އިސްރާއީލަށް ދަތުރުކުރާ އެއާލައިން ތަކުގެ ތެރެއިން ތިންބައިކުޅަ ދެބައަށް ވުރެވެސް ގިނަ އެއާލައިން ތަކުން އިސްރާއީލުގެ އެކި އެއާޕޯޓްތަކަށް ކުރާ ދަތުރުތައް ވަނީ ހުއްޓާލާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ މައި ބަނދަރު ކަމަށްވާ ޙައިފާ ބަނދަރަކީ 1948 ގައި ޔަހޫދީން ގަދަބާރުން ފަލަސްތީނުގެ ބިމަށް ވެރިވެގަތުމުގެ ކުރިން ފަލަސްތީނުގެ ބަނދަރެކެވެ. އިސްރާއީލުގެ އަނިޔާވެރިކަމަށް އަދަބު ދިނުމުގެ ގޮތުންނާއި ޣައްޒާގެ މުޖާހިދުންނަށް އެހީތެރިވުމުގެ ގޮތުން ޔަމަންގެ ހޫޘީންގެ ސަރުކާރުންވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް އެހީތެރިވުމަށް އަސްކަރީ ސަޕޯޓް ފްރަންޓެއް ހުޅުވާފައެވެ.

ހޫޘީންގެ ޑްރޯނެއް
މި ފްރަންޓުން މިހާތަނަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އިސްރާއީލަށް އެތައް ސަތޭކަ ހަމަލާ ދީފައިވެއެވެ. މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ބައެއް ތަންތަނަށް ގެއްލުންތައް ލިބިފައިވާއިރު ގިނަ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އެތައް މިލިޔަން ބަޔަކު ކުއްލި ގޮތަކަށް ބިންގަރާސްތަކަށް ވަންނަންޖެހެއެވެ. ނަތީޖާއެއްގެ ގޮތުން އިސްރާއީލުގެ އާންމު ދިރިއުޅުމަށް ބޮޑެތި ބުރޫތަކެއް އަރާފައިވާއިރު އިގްތިސާދީ ގޮތުން ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.
ހޫޘީންނަށް ރައްދު ދިނުމުގެ ގޮތުންކަމަށް ބުނެ ޔަހޫދީ އިސްރާއީލުން ޔަމަންގެ މަދަނީ ތަންތަނަށް ޓެރަރިސްޓް ހަމަލާތައް ދެއެވެ. މީގެ ތެރޭގައި ޔަމަންގެ އާންމުންގެ ގެދޮރާއި ޔަމަންގެ ވަޔާއި ކަނޑުގެ ބަނދަނރުތަކަށް ދޭ ޓެރަރިސްޓް ހަމަލާތައް ވެސް ހިމެނެއެވެ.
ނަމަވެސް އިސްރާއީލު ވަނީ ހޫޘީން އަސްކަރީ ގޮތުން ބަލިކުރުމުގައިވެސް އަދި ހޫޘީންގެ އަސްކަރީ ގާބިލްކަން ކުޑަކުރުމުގައި ވެސް ނާކާމިޔާބު ވެފައެވެ. އަދި ހޫޘީންގެ ހަމަލާތައް ހުއްޓުވުމުގައި ވެސް އިސްރާއީލު ވަނީ މުޅިން ނާކާމިޔާބު ވެފައެވެ.
އިސްރާއީލުގެ ދިފާއުގައި އެމެރިކާ ވެސް ހޫޘީންނަށް ހަމަލާތަކެއް ދީ މި ހަނގުރާމައިގެ ތެރެއަށް ވަދެގެން އުޅުނެވެ. ނަމަވެސް ރައްދުގައި އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި އެމެރިކާގެ އާގު ބޯޓުތަކަށް ހޫޘީންގެ ވަރަށް ވަރުގަދައަށް ހަމަލާތައް އަމާޒުކުރަން ފެށުމުން އެމެރިކާ ވަނީ އަމާން ދީ ޑީލެއްގެ ދަށުން ހޫޘީންނާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތައް އެއްކޮށް ހުއްޓާލައި މަސްރަހުން ބޭރުވެފައެވެ. މި މައްސަލާގައި އިސްރާއީލު އެމެރިކާ ދެކެ އިންތިހާއަށް ރުޅިއައިސްފައިވާ ކަމަށް އިސްރާއީލުގެ ނޫސްތައް ބުނެއެވެ.
އިސްރާއީލު ކަނޑާއި ވައިގެ މަގުން ހިސާރު ކުރުމުގެ އިތުރުން ހޫޘީން ގެންދަނީ އަރަބި ކަނޑާއި ރަތްކަނޑުން ދަތުރުކުރާ އިސްރާއީލާއި އިސްރާއީލުގެ މަސްލަހަތުހުރި އާގު ބޯޓުތަކަށް ވެސް މިސައިލާއި ޑްރޯނުން ވަރުގަދައަށް ހަމަލާތަކެއް ދެމުންނެވެ.