ބ. ދަރަންވަންދޫއާއި އެ އަތޮޅު އޭދަފުށީގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ދޭން މިއަދު ފަށައިފިއެވެ.
މީގެ ކުރިން އެ އަތޮޅުގެ ރަށްތަކުން އައިޑީކާޑު ހެއްދުމަށް ޖެހެނީ މާލެ ފޮނުވާށެވެ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން އެންމެ ފުރަތަމަ އައިޑީކާޑު ފޮނުވަނީ އަތޮޅު ކައުންސިލަށެވެ. އެ ކައުންސިލުން އަތޮޅުގެ ރަށު ކައުންސިލްތަކަށް އައިޑީކާޑުތައް ފޮނުވަން ވެސް އެތައް ދުވަހެއް ނަގައެވެ.
އެކަމާ ގުޅިގެން ދަރަންވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު މިއަދު 'ސަން'އަށް ވިދާޅުވީ، މީގެކުރިން އައިޑީ ކާޑު ލިބެންދެން އެތައް ދުވަހަކު މަޑުކުރަން ޖެހޭ ކަމަށެވެ.
އެކަމަކު، މިއަދު އަތޮޅުގައި އައިޑީކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފެށުމަކީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއެއް ކަމަށް ސަމީހު ވިދާޅުވިއެވެ.

ދަރަވަންދޫގައި އައިޑީކާޑުގެ ޚިދުމަތް މިއަދު ފެށުން ---- ފޮޓޯ/ޑީއެންއާރު
"[އައިޑީކާޑު ލިބެން ކުރިން] އެވާ ލަސް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ. ރައްޔިތުންނަށް އައިޑީ ކާޑު ނެތި އެއްވެސް ޚިދުމަތަކަށް މިހާރު ނޭދެވޭނެ. އެހެންވީމައި އައިޑީކާޑު ހައްދާލަން މިހާރު ވަރަށް ފަސޭހަވާނެ" ސަމީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޮންލައިންކޮށް ފޯމު ފުރުމަށްފަހު ހުށަހަޅައިގެން ވެސް ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް މިހާރު އެ ރަށުން ލިބޭނެ ކަމަށެވެ.
އައިޑީ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން، މިފަހުން ވެސް ވަނީ، އެ ޚިދުމަތް 15 ރަށެއްގައި ދެމުން އަންނައިރު، އިތުރު ރަށްތަކުގައި އެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.