އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް މިދިޔަ މަހު އެކަނި ވެސް 66 ކުޑަކުދިން ގޯނާގެ މައްސަލަ ހުށަހަޅަން ގުޅިކަމަށް އެ ވުޒާރާއިން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، މިދިޔަ މަހު އެކި ބާވަތުގެ މައްސަލަ ހުށަހެޅުމަށް އެ ވުޒާރާގެ ހެލްޕްލައިނަށް 2،150 މީހުން ގުޅާފައި ވާކަމަށެވެ. އޭގެތެރޭގައި ކުޑަކުދިން އަމިއްލައަށް ގުޅައި 66 މައްސަލައެއް ހުށަހަޅާފައި ވާއިރު، ބޮޑެތި މީހުން ހުށަހަޅާފައި ވަނީ 1198 މައްސަލައެވެ. އަދި ކާކުކަން ނޭންގޭގޮތަށް 514 މައްސަލައެއް ހުށަހަޅައިފައި ވެއެވެ.
މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ހުށަހަޅާފައި ވަނީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. މިފަދަ 98 މައްސަލަ ހުށަހަޅާފައި ވާއިރު އޭގެތެރޭގައި އިހުމާލުގެ 32 މައްސަލައެއް ހިމެނެއެވެ.

ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކުޑަކުދިންގެ އަނިޔާތަކާ ގުޅިގެން ހުށަހެޅި މައްސަލަތަކުގެ އިތުރު ހިސާބުތައް:
- ޖިންސީ ހާނިއްކައިގެ 21 މައްސަލަ
- ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ
- ނަފުސާނީ ހާނިއްކައިގެ 12 މައްސަލަ
- ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ހަތަރު މައްސަލަ
- އެހެންކުދިންގެ ފަރާތުން އިންޓަނެޓު މެދުވެރިކޮށް ގަނާލިބުމުގެ ތިން މައްސަލަ
- އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ ދެ މައްސަލަ
- ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ދެ މައްސަލަ
- ކުދިން ޖިންސީ ގޮތުން ގްރޫމް ކުރުމުގެ މައްސަލައެއް
- އިންޓަނެޓު މެދުވެރިކޮށް ކުދިން ގްރޫމްކުރުމުގެ މައްސަލައެއް
- ކުޑަކުދިން ދޫކޮށްލާފައި ދިޔުމުގެ މައްސަލަ
އޭގެއިތުރުން، ކުޑަކުދިންގެ ހައްގުތަކާ ބެހޭ ހަ މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ. އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައަކީ ކުދިން ސުކޫލަށް ނުފޮނުވުމާ ގުޅޭ މައްސަލައެކެވެ. ކުދިން ބެލުމުގައި ޖެހޭ 13 މައްސަލައެއް މިދިޔަ މަހުގެ ތެރޭގައި ވުޒާރާއަށް ހުށަހަޅާފައިވާއިރު، ދަރިންނަށް ޚަރަދު ނުދިނުމުގެ ފަސް މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމައުގައި ޒަމާންތަކެއް ވަންދެން ހައްލު ނުލިބި އޮތް މައްސަލައެކެވެ. އޭގެތެރެއިން ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާ މިންވަރު އިތުރުކަމަށް ހިސާބުތަކުން ދައްކައެވެ.
އެފަދަ ހުތުރު އަމަލު ހިންގައިގެން ކުށް ސާބިތުވެފައިވާ އުމުރުން ދުވަސްވީ ގިނަ ގައިދީންތަކެއް މިހާރު ވެސް ޖަލުގައި އެބަތިއްބެވެ. މިފަދަ މީހުންގެ މައުލޫމާތު އެނގޭނެ ވެބްސައިޓެއް ވެސް މިހާރު ވަނީ ގާއިމްކޮށްފައެވެ.