ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން އެ ކަންކުރިކަމުގެ ހެކި ހުރިކަން ދައުލަތަށް ކަށަވަރުކޮށްދެވިފައިނުވާތީ، މައްސަލައިގެ އިސްތިއުނާފީ މަރުހަލާގެ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުނުކުރަން ހައިކޯޓުން އަނެއްކާ ވެސް މިއަދު ނިންމައިފިއެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ ޖުލައި 31، 2017ގެ ރެއެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ލ. ގަން ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ، ހަސަން މަހްފޫޒާއި ދަފްތަރު ނަންބަރު 1746، ސިމާހު މޫސާއާއި ޅ. ކުރެންދޫ އަސަރުމާގެ، އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގާއި ތ. ކިނބިދޫ ގުލްފާމްގެ، މުހައްމަދު ސާޒްގެ މައްޗަށެވެ.
އަނަސްއަށް ހަމަލާ ދީފައިވަނީ އަހުމަދު ޒަޔާނާއި އަފްރާހާއި އުސްމާން ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ. އެ ތިން މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
އެ މީހުންގެ ތެރެއިން، ސާޒާއި ޖުނައިހާއި މަހްފޫޒާއި ސިމާހުގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުން ކަމަށް ބުނެ ދައުވާކުރިއެވެ.
މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 25ގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނީ ދައުލަތުން ތުހުމަތު ކުރާ މީހުން އެ ކުށުގައި ބައިވެރިވި ކަމަށް ޝައްކެއް ނެތް މިންވަރަށް ހެކި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އެހެންވެ އެ މީހުން މިނިވަންކުރީއެވެ.
ދައުވާތައް ސާބިތުނުވި މައިގަނޑު ސަބަބަކަށްވީ، ސީސީޓީވީ ފުޓެޖް ޓައިމް ސްޓޭމްޕާ ގުޅޭ ގޮތުން ފުށުންއެރުންތަކެއް ހުރުން ކަމަށް ކޯޓުން ފާހަގަކުރިއެވެ. އެގޮތުން އެކި ސަރަހައްދުން ނެގި ފުޓޭޖުގައި މެދުކެނޑުން ހުރުމުން އެއީ އެއް ދުވަހެއްގައި އެއް ވަގުތެއްގައި ހިނގި ކަންކަން ކަމަށް ސާފުނުވާ ކަމަށާއި އެއް ފުޓޭޖުން ފެންނަ މީހާއަކީ އަނެއް ފުޓޭޖުން ފެންނަ މީހާކަން ސާބިތުނުކުރެވޭ ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ.
ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހެވެ. އަދި އެ ހަތް މީހުން ހައިކޯޓުގެ ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރުމަށް ވެސް ދައުލަތުން އެދުނެވެ.
އެހެންނަމަވެސް, ހައިކޯޓުން މިދިޔަ މަހުގެ 10ގައި ނިންމީ އެ މީހުން ބަންދު ކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެއީ ތުހުމަތު ކުރެވޭވަރުގެ ހެކިތަކެއް، އަދި ސީސީޓީވީ ފުޓޭޖުން ފެންނަނީ ދައުވާ ލިބޭ މީހުންތޯ ކަށަވަރުކުރަން ވެސް ބާރު ލިބިދޭ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައިނުވާތީއެވެ.
އެއާއެކު، އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
އެ ކޯޓުން ނިންމީ ބަންދާމެދު ގޮތް ނިންމި ގޮތް ބާތިލްކޮށް، އަލުން އެކަމާ މެދު ގޮތެއް ނިންމުމަށެވެ.
މިއަދު ހައިކޯޓުގައި ކުރިޔަށް ދިޔައީ، އިސްތިއުނާފީ މަރުހަލާ ނިމެންދެން އެ މީހުން ބަންދުގައި ބެހެއްޓުމާމެދު ގޮތް ނިންމުމެވެ.
ބަންދާމެދު ގޮތެއް ނިންމުމުގައި ބަލަންޖެހެނީ ދެ ކަމެއް ފުރިހަމަވޭތޯ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮވެއެވެ. އެއީ މީހަކު ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯއާއި، އެ މީހަކު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާލަތެއް އޮތްތޯއެވެ.
ހައިކޯޓުން ކުރި ހުކުމްގައި ބުނީ، އެ ހަތް މީހުންނަށް ތުހުމަތު ކުރެވޭ ކުށްކުރިކަމުގެ ހެކި ހުރިކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ، އިސްތިއުނާފީ މަރުހަލާގެ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރަންޖެހޭ ހާލަތެއް މި ވަގުތު ނެތް ކަމަށެވެ.
ހަމަލާއަށް ފަހު އަނަސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެއްލެވި ޑރ. އިބްރާހިމް މުބީން ވިދާޅުވެފައިވެއެވެ. އަދި، އޭނާގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު ލިބިފައިހުރި ޒަޚަމުތަކަކީ ވަގުތުން މީހާ މަރުވާފަދަ ޒަޚަމުތަކެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.