އިންސްކްރިޕްޝަން މައުރަޒު: ކެލިގްރަފީއަށް ޚާއްސަކުރި މައުރަޒު ހުނަރުން ފުރިފައި

އިންސްކްރިޕްޝަން މައުރަޒުގައި ދައްކާލަން ބަހައްޓާފައިވާ ކުރެހުމެއް -- ސަން ފޮޓޯ: މޫސާ ނަދީމު

ފަންނުވެރިކަމުގެ ތެރެއިން ކެލިގްރަފީއަކީ އާންމު ގޮތެއްގައި އާޓްގެ ދުނިޔޭގެ މާބޮޑު ސަމާލުކަމެއް ނުދެވޭ ހުނަރެކެވެ. އަކުރުތައް ތަފާތު ގޮތްގޮތަށް ލިޔެ، ތަފާތު ގޮތަކަށް މާނަފުން ތަސްވީރެއް ދައްކުވައިދޭ މި ކުރެހުންތައް އާންމުކޮށް ހުންނަނީ އެހެނިހެން އާޓް މީޑިއާމްތަކުގެ ހިޔަނީގައި ފޮރުވިފައެވެ.

'އިންސްކްރިޕްޝަން'ގެ ނަމުގައި އާޓް ގެލެރީގައި މިހާރު ކުރިއަށްދާ މަގުސަދުގެ ބޭނުމަކީ އެކަން ބަދަލުކޮށް، ކެލިގްރަފީގެ ހުނަރަށް ލިބެން ޖެހޭ ސަމާލުކަން ހޯދައިދިނުމެވެ.

އެ މައުރަޒުގައި ބައިވެރިވާން 35 މީހުން ހުށަހެޅިނަމަވެސް، ގެލެރީގައި ދައްކާލަން ބަހައްޓާފައި ވަނީ 20 ފަންނާނެއްގެ މަސައްކަތްތަކެވެ.

އިންސްކްރިޕްޝަން މައުރަޒުގައި ދައްކާލަން ބަހައްޓާފައިވާ ކުރެހުމެއް: ސަން ފޮޓޯ: މޫސާ ނަދީމް

ސަގާފަތަކީ ކެލިގްރަފީގައި މުހިންމު ރޯލެއް ކުޅޭ އެއްޗެއް ކަމަށް ވާއިރު، މި މައުރަޒުގައި ސަގާފަތް ދައްކުވައިދީފައިވަނީ ޒަމާނީ ގޮތްތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި "އެބްސްޓްރެކްޓު" ގޮތްތަކާއި ޓެކްސްޗާ ޕެޓާންތައް ހިމެނެއެވެ.

އޭގެ އިތުރުން، މި ފަހުގެ ކޮންޓެމްޕަރަރީ އާޓިސްޓުންގެ މަސަތްކަތްތަކުން ޚިޔާލު ލިބިގެންނާއި ބައެއް އާޓިސްޓުން އެބަޔަކަށް ޚާއްސަ ސްޓައިލްތަކެއް އުފައްދާ އެ ސްޓައިލަށް ހަދާފައިހުރި މަސަތްކަތްތައް ވެސް ފެންނަން އެބަހުއްޓެވެ.

އިންސްކްރިޕްޝަން މައުރަޒުގައި ދައްކާލަން ބަހައްޓާފައިވާ ކުރެހުމެއް-- ސަން ފޮޓޯ: މޫސާ ނަދީމް
މޯލްޑިވްސް އާޓިސްޓު އެސޯސިއޭޝަންއިން 2017 ވަނަ އަހަރުގެ 'އަންވެއިލިންގެ ވިޝަންސް' ޝޯގައި ކެލިގްރަފީ ކެޓަގަރީ އެންމެ ފުރަތަމަ ހިމެނީ މި ކެޓެގަރީއަށް ކުދިންގެ ޝައުގު ހުރިވަރު ބެލުމަށް ކުރި އެކްސްޕެރިމަންޓެއްގެ ގޮތުގައެވެ.

އެއަށްފަހު، ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި ލޮކްޑައުން ތެރޭގައި އާޓްގެ ދުނިޔެއަށް ވެސް ބަދަލުތަކެއް އައެވެ. ގޭގައި އަބަދު ތިބޭއިރު ސިކުނޑި ތާޒާކޮށްދޭ، މައިންޑްފުލް ހޮބީތައް އިތުރުވެ ކެލިގްރަފީއަށް އޮތް ޝައުގު އިތުރުވިއެވެ.

މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީ (މެކް)ގެ ކޯ ފަައުންޑާ އަދި ޖެނެރަލް ސެކެޓްރީ އިހްފާލް އަހްމަދު (އިއްފަ) ސަންއަށް ކިޔައިދިން ގޮތުގައި، 'އިންސްކްރިޕްޝަން' މައުރަޒުން އެ ބަދަލު ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. އެގޮތުން މި މައުރަޒުން، އަމިއްލައަށް ކެލިގްރަފީ ހުނަރު ކިޔަވައިގެން ތިބި މީހުންތަކުން ފެށިގެން ތަޖުރިބާކާރުން ފަންނު ފެންނަން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

އިންސްކްރިޕްޝަން މައުރަޒުގައި ދައްކާލަން ބަހައްޓާފައިވާ ކުރެހުމެއް: ސަން ފޮޓޯ: މޫސާ ނަދީމް

އެ މައުރަޒުން ދައްކުވައިދޭ އިތުރު، ބޮޑު ކަމެއް ވެސް އޮތް ކަމަށް އިއްފަ ބުންޏެވެ. އެއީ ކެލިގްރަފީއަކީ ދިރިދިރި އޮތް، އިތުރައް ބަދަލުވަމުން ފުރިހަމަވަމުން އަންނަ ހުނަރެއް ކަމެވެ.

ޚާއްސަކޮށް އަރަބި ކެލިގްރަފީއަށް ދުނިޔޭގެ ފެންވަރުގައި ސަމާލުކަން ލިބެމުން އަންނައިރު, މި މައުރަޒުގައި އަރަބި، ދިވެހި އަދި އިނގިރޭސި ލިޔުންތައް ހިމެނިފައި ހުރުމުން މި ހުރިހާ ސަގާފަތަކާއި އުކުޅުތައް އެއްވެ، ތަފާތު ޓެކްނީކްތައް ވަރަށް ރީތިކޮށް ހާމަވާން ހުރެއެވެ.

އިންސްކްރިޕްޝަން މައުރަޒު އިންތިޒާމް ކުރި ފަރާތްތަކުގެ ބޭނުމަކީ އިތުރަށް އެ ވާހަކަ ދައްކައި، މީގެ ކުރިން މި ދާއިރާގައި ޝާމިލުނުވާ މީހުން ވެސް ކެލިގްރަފީއަށް ހިތްޖެއްސުމެވެ.

މި މަހުގެ 18 ވަނަ ދުވަހު ފެށި މި މައުރަޒު ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ.

އިންސްކްރިޕްޝަން މައުރަޒު ކޮންމެ ދެ އަހަރަކުން ތަކުރާރު ކުރުމަށް ރާވާއިރު، ޑިޖިޓަލްކޮށް ތައްޔާރުކުރާ ކުރެހުންތަކާއި އަތުން ކުރަހާފައި ހުންނަ ކުރެހުންތަކަށް ޚާއްސަކޮށް ވެސް ވަކި މައުރަޒުތަކެއް ރާވާނެކަމުގެ އުއްމީދެއް ވަނީ ދީފައެވެ.

comment ކޮމެންޓް