ބާސްކެޓު ކޯޓަކާއި، ޕާކިން ޒޯނަކާއެކު މާފަންނު ސަހަރާ، މާފަންނު މައިޒާނަށް

މާފަންނު ސަހަރާ ހުރި ބިމުގައި ތަރައްގީކުރާ މާފަންނު މައިޒާނުގެ ކުރެހުމެއް -- ފޮޓޯ: ސިޓީ ކައުންސިލް

މާފަންނު ސަހަރާ ހުސްކުރުމަށްފަހު އެ ތަނުގައި ތަރައްގީކުރާ ޖާގައިގައި، ޕާކިން ޒޯނުގެ އިތުރުން، ބާސްކެޓު ކޯޓެއް ވެސް ތަރައްގީކުރާ ގޮތަށް، އެ ތަނަށް "މާފަންނު މައިޒާން" ގެ ނަމުން ނަން ދީފިއެވެ.

މި ނަން ދީފައި ވަނީ، މިއަދު އޮތް ސިޓީ ކައުންސިލްގެ، ހަތަރުވަނަ ދައުރުގެ 195 ވަނަ ޖަލްސާގައެވެ.

ސިޓީ ކައުންސިލުން ބުނީ، މާފަންނު މައިޒާން ނިމޭއިރު، އެ މައިޒާނުގެ ހުޅަނގު ދެނކުނު ކަންމަތީގައި މިހާރު ހުރި ޕާކިން ޒޯން ސަރަހައްދުގައި 3 އޮން 3 ބާސްކެޓް ކޯޓެއް ތަރައްޤީ ކުރާނެ ކަމަށެވެ.

އަދި މަޖީދީމަގުގެ ތޮއްޖެހުން ކުޑަކުރުމަށް، ބަސް ސްޓޮޕް އެތެރެއަށް ވާހެން ތަރައްޤީ ކުރުމާއި، 295 ސައިކަލު ޕާކް ކުރެވޭނެހެން ޕާކިން ޒޯނެއް ތަރައްޤީ ކުރުން ހިމެނެއެވެ.

ހަމައެެއާއެކު ރަސްމިއްޔާތު ތަކާއި، ހަފްލާތައް ބޭއްވުމަށް ޚާއްޞަ ކުރެވިފައިވާ، ގްރީން އޭރިއާއެއް، ތަރައްޤީ ކުރުމުގެ އިތުރުން، ކަސްރަތުކުރުމަށް ކަނޑައެޅިފައިވާ، 496 އަކަ ފޫޓް ސަރަހައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަހަރާގެ ގޮތުގައި މީހުން ވަޅުލާން ބޭނުންކުރި ޖާގައިގެ ބޮޑު ބައެއް ބޭނުންކުރާ، ޖުމްލަ 36،153 އަކަފޫޓް ހުންނަ، މި މައިޒާނުގައި، ގަސް އިންދައި ފެހިކުރުމަށް، ކައުންސިލުން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ މައިޒާނުގައި އިންދުމަށް ނިންމާފައި ވަނީ، ހިޔާދޭ ބޮޑެތި ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކުގެ އިތުރުން، މޭވާއާއި ތަކުރާރީ ގަސްތަކެވެ. އަދި މި މަސައްކަތް، ފެށޭ ހަފުތާ ތެރޭގައި ފެށުމަށް ވެސް، ކައުންސިލުން ނިންމައިފަވާ ކަމަށް ވަނީ ހާމަކޮށްފައެވެ.

ކައުންސިލުން ނިންމާފައިވަނީ މާފަންނު މައިޒާން ތަރައްޤީ ކުރުމަށްފަހު، މައިޒާން ހިމެނޭ ސަރަހައްދު 24 ގަޑިއިރު ބޭނުން ކުރެވޭހެން، ހުޅުވާލާފައި ބޭއްވުމަށެވެ . އަދި އެސަރަހައްދުގައި ފެންހިދުމުގެ ރަނގަޅު ނިޒާމެއް ވެސް ތަރައްޤީ ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މާފަންނު ސަހަރާ ހުސްކުރުމުން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އޭގެ ތެރޭގައި ތާރީޚު ދިރާސާކުރާ ބޭފުޅުންނާއި، އެ ތަނުގައި ފަސްދާނުލައިފައި ތިބި މީހުންގެ އާއިލާތައް ވެސް ހިމެނެއެވެ.

މުޅި ސަަހަރާ ސާފުކުރުމުގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސަހަރާއިން ކުޑަ ޖާގައެއް ހުސްކޮށް އެ ތަނުގައި ވަނީ ޕާކިން ޖާގައަކާއި، ފެން ހިންދާ ނިޒާމުގެ ޖެނެރޭޓަރެއް ބަހައްޓައިފައެވެ.

comment ކޮމެންޓް