ޖީސީއީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި މާއްދާގެ ލިސަނިން އިމްތިހާނު، ނުވަތަ އަޑުއެހުމުގެ ދޭހައިގެ ޓެސްޓު މާދަމާ ހެނދުނު އޮންނާތީ، އެ ވަގުތު ސްކޫލްތައް ކައިރީ އަޑުގަދަ ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.
އެ އިމްތިހާނު އޮންނާނީ މާދަމާ ހެނދުނު 09:15 އިން 10:45އަށެވެ.
އެ ވަގުތު ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ތޮއްޖެހިދާނެ ފަދަ ކަންތައްތަކުން އެއްކިބާވެ، ބަރުގޮނު ބޭނުން ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
އަދި ދަރިވަރުންނަށް އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދިނުމަށް ޓަކައި، އެންމެހައި އާންމުން އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
މި އަހަރުގެ އޯލެވެލް އިމްތިހާނު ފެށީ އޭޕްރީލް 20ގައެވެ.
މި އަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި ޖުމްލަ 8،362 ދަރިވަރުން ބައިވެރިވެއެވެ. އެއީ ކެމްބްރިޖް އިމްތިހާނުގައި 7،666 ދަރިވަރުންނާއި އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމު މާއްދާގައި 7،519 ދަރިވަރުންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނި ދޭ ގޮތުގައި މި އަހަރުގެ އޯލެވެލް އިމްތިހާން ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިއަށް ގެންދާނެއެވެ.
އޭޕްރީލް 20ގައި ފެށި މި އަހަރުގެ އޯލެވެލް އިމްތިހާނު ޖޫން 11ގެ ނިޔަލަށް ކުރިޔަށްދާނެއެވެ.