ބިޓްކޮއިންގެ އަގު ރެކޯޑު އަދަދަކަށް އުފުލިއްޖެ

ބިޓްކޮއިން އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ކްރިޕްޓޯ ކަރަންސީ -- ފޮޓޯ: ރޮއިޓާސް

ބިޓްކޮއިންގެ އަގު ރެކޯޑް އަދަދަކަށް އުފުލިއްޖެއެވެ.

ބިޓްކޮއިންގެ އަގު މިހާތަނަށް އަރައިފައިވާ އެންމެ މަތީ އަދަދަކަށް އަރައި، މިދިޔަ ޖެނުއަރީ މަހު ރެކޯޑު ކުރެވުނު އެންމެ މަތީ އަގު ބުދަ ދުވަހު ފަހަނައަޅައި ގޮސްފައިވާއިރު، މިއީ ފާއިތުވި މަހު އަލަށް ތައާރަފުކުރި ޓެރިފްގެ ސަބަބުން އައި ދަށްވުމަށްފަހު، އިންވެސްޓަރުންގެ އިތުބާރު އަލުން އިއާދަވަމުން އަންނަކަމުގެ ހެއްކެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ ކަމުގައިވާ ބިޓްކޮއިންގެ އަގު 109,481.83 ޑޮލަރަށް އަރައި، ބުދަ ދުވަހުގެ ވިޔަފާރީގައި ދެ އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ.

ބިޓްކޮއިންގެ ވިޔަފާރި ބައެއް ފަހަރު ޓެކް ސްޓޮކްތަކާއި އިންވެސްޓަރުންގެ އިތުބާރު މަތިވުމާއެކު އަގުބޮޑުވެއެވެ.

ޓެކްނޮލޮޖީ ދާއިރާގެ ސްޓޮކްތަކަށް ބުރަވާ ނަސްޑެކް އިންޑެކްސް (.IXIC) ވެސް އޭޕްރިލް މަހު ފެށުނު އިރު އޮތް އެންމެ ދަށް މިންވަރާ އަޅާބަލާއިރު 30 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ.

މީގެ އިތުރުން، ޑޮލަރުގެ އަގު ދަށަށް ދިއުމުގެ ސަބަބުން ވެސް ބިޓްކޮއިންގެ އަގަށް ހެޔޮ ބަދަލުތަކެއް އައިސްފައިވެއެވެ.

ކްރިޕްޓޯ މާކެޓުގެ ބައިވެރިން ގިނަ ފަހަރަށް ބިޓްކޮއިންގެ އަގު މައްޗަށް ދިއުމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރަނީ އާންމު މާލީ ކުންފުނިތަކުގެ ބައިވެރިވުން އިތުރުވަމުން އައުމެވެ.

މި ހަފުތާގައި އެ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ޖޭޕީ މޯގަންގެ ސީއީއޯ ޖެމީ ޑައިމަން، ކްރިޕްޓޯއާ ދެކޮޅު ހަރުކަށި ފިކުރެއް ގެންގުޅޭ ނަމަވެސް، އެ ކުންފުނީގެ ކަސްޓަމަރުންނަށް ބިޓްކޮއިން ގަނެވޭނެ ކަމަށް ބުނެފައިވާކަމާއި، ކްރިޕްޓޯ އެކްސްޗޭންޖް ކޮއިންބޭސް (.COIN.O) މި މަހު އެސް އެންޑް ޕީ 500 އިންޑެކްސްގައި ހިމެނިފައިވާކަމެވެ.

ކޮއިންބޭސްއިން ހޯމަ ދުވަހު ބުނެފައިވަނީ އެ ކުންފުނީގައި ފަހުން ހިނގި ޑޭޓާ ހާމަވުމުގެ މައްސަލަ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށެވެ.

ބިޓްކޮއިނަކީ 2009 ވަނަ އަހަރު ތަޢާރަފުކުރި، ދުނިޔޭގެ އެންމެ ފުރަތަމަ އަދި އެންމެ މަޝްހޫރު ކްރިޕްޓޯކަރަންސީއެވެ. މިއީ ސަރުކާރުތަކާއި ބޭންކުތަކުގެ ބާރުން މިނިވަން، ޑިޖިޓަލް ފައިސާގެ ނިޒާމެކެވެ.

ބިޓްކޮއިންގެ އަގަށް އަންނަ ބަދަލުތަކަކީ ވަރަށް ބޮޑެތި އަދި ކުއްލި ބަދަލުތަކަކަށް ވުމާއެކު، އިންވެސްޓަރުންނާއި މާލީ ދާއިރާގެ ތަޖުރިބާކާރުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. ބިޓްކޮއިންގެ އަގު މައްޗަށް ދިއުމަކީ އާންމުގޮތެއްގައި ކްރިޕްޓޯކަރަންސީގެ މުޅި މާކެޓަށް އަސަރުކުރާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން އެހެނިހެން ކްރިޕްޓޯކަރަންސީތަކުގެ އަގުތަކަށްވެސް ފާހަގަކުރެވޭ ބަދަލުތަކެއް އާދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު