އެފްއޭއެމް ލީގު ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި މަހިބަދޫ ސްޕޯޓްސް ކުލަބުން ވަރުގަދަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗާއެކު މުބާރާތުގެ ލީގު ބުރުގެ ކުޅުން ވަނީ ނިމިފައެވެ.
މި މެޗާއެކު ފަސް ޓީމު ވާދަކުރަމުން އަންނަ އެފްއޭއެމް ލީގު ކަޕްގެ އެއްްވަނާގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ މިއަދު ހަވީރު އޮޑި ސްޕޯޓްސް އަތުން އެއްވަރުވެ، ޖުމްލަ 10 ޕޮއިންޓާއެކުއެވެ.
މިރޭގެ މެޗުން އެއްވަރުވި ނިއު ރޭޑިއަންޓް އޮތީ ދެވަނައިގައެވެ. އަދި ތިންވަނަ ލިބުނީ އޮޑި ސްޕޯޓްސް އަށެވެ. މި ދެ ޓީމަށް ވެސް ހަތް ޕޮއިންޓު ލިބިފައިވާއިރު ނިއުއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

އެފްއޭއެމް ލީގު ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި މަހިބަދޫ ސްޕޯޓްސް ކުލަބުން ވަރުގަދަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބައްދަލުކުރުން -- ސަން ފޮޓޯ/ މޫސާ ނަދީމް
ތާވަލުގެ ހަތަރުވަނައިގައި ހަތަރު ޕޮއިންޓާއެކު ޓީސީ ސްޕޯޓްސް ކުލަބު އޮތްއިރު، މި މެޗުން އެއްވަރުކުރި ނަމަވެސް މަހިބަދޫއަށް ވަނީ މުބާރާތް ނިމިފައެވެ. އެއީ އެ ޓީމު ކުޅުނު ހަތަރު މެޗުންވެސް ބަލިވުމާއެކު އެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ނިއު އިންނެވެ. މެޗުގެ 22 ވަނަ މިނިޓްގައި މި ލަނޑު ޖަހާފައިވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނިއުގެ ކެޕްޓަން، ގާނާގެ މިޑްފީލްޑަރ ތޯރިގު ޖެބްރިން އެވެ. މިއީ މަހިބަދޫގެ ޕެނަލްޓީ އޭރިއާތެރެއިން އެ ޓީމުގެ އަބްދުﷲ އަނީސް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި ޖެހި ލަނޑެވެ.
މި ލަނޑަށްފަހު ލީޑު ފުޅާކުރަން ނިއު އަށް ފުރުސަތުތަކެއް ލިބުނު ނަމަވެސއ މަހިބަދޫން ވަނީ ފުރަތަމަ ހާފުގެ ފަހުކޮޅު ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ޕެނަލްޓީއެއްގައި ޝުއައިދު ސައީދު ޖެހި ގޯލެކެވެ. ނިއުގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އަތުގައި ޖެހިފައި ނުކުތުމުން، ޝުއައިދު މި ލަނޑު ޖެހީ ރީބައުންސް ބޯޅައަކުންނެވެ.
މެޗުގެ ދެވަނަ ހާފުގައި ނިއުއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު ޖަހައިދިނީ ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ޔަސްފާދު ހަބީބެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ރޮނގުކައިރިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްގެންނެވެ.
މަހިބަދޫން ނިއު މޮޅުވިޔަނުދީ ހިފެހެއްޓީ މެޗުގެ 74 ވަނަ މިނެޓުގައި ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ޝުއެއިދު ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އަންނަ އާދީއްތަ ދުވަހު ކުޅޭއިރު، ފުރަތަމަ ސެމީގައި އެ ދުވަހުގެ ހަވީރު ބައްދަލުކުރާނީ މާޒިޔާ އާއި ޓީސީ އެވެ. ދެވަނަ ސެމީގައި އެ ދުވަހުގެ ރޭ ބައްދަލުކުރާނީ އޮޑި އާއި ނިއު ރޭޑިއަންޓެވެ.