ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް މައުލޫމާތު ހޯދުމުގެ ހަރަކާތެއް ފުލުހުން ގދ. މަޑަވެއްޔާއި ގދ. ހޯނޑެއްދޫގައި ފަށައިފިއެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް މި ހަރަކާތް ކުރިއަށް ގެންދަނީ މަޑަވެއްޔާއި ހޯނޑެއްދޫ އަވައްޓެރި ފުލުހުންނެވެ.
މި ހަރަކާތުގައި، ދެ ރަށުގެ ކަމުވޮށިގެންވާ ފަރާތްތަކާއި، އިސްރަށްވެހިންނާއި، މުއައްސަސާތަކުގެ ވެރިންގެ އިތުރުން ވިޔަފާރިވެރިންނާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ރަށުގެ ކުށުގެ ވެށީގެ ހާލަތާއި، ކުށްމަދުކުރުމަށް ރައްޔިތުންނާ ގުޅިގެން އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހޯމް މިނިސްޓްރީން ބުނީ މި ހަރަކާތުގެ ސަބަބުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލު ހޯދައިދީ، ރައްޔިތުންނަށް އިތުބާރުކުރެވޭ ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށެވެ. ހަމައެއާއެކު ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ކުށުގެ ބިރުވެރިކަން އޮތް މިންވަރު ދެނެގަނެ، ފުލުހުން އިތުރަށް މަސަައްކަތްކުރަންވީ ގޮތް ދެނެގަނެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ސަން"އަށް މައުލުމާތުދެމުން ފުލުހުން ބުނީ މި ހަރަކާތަކީ އެ ރަށްތަކުގެ 'ނެއިބަހުޑް ޕޮލިސިން ކޮންސެޕްޓް'ގެ ދަށުން ސްޓޭޝަންގެ އިސް ނެގުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި މި މަސް ތެރޭގައި ބާކީ ރަށްތަކުގައި ވެސް އެ ހަރަކާތް ކުރިއަށްގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މިއީ ގދ. އަތޮޅުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާއްޖޭގައި އެންމެ ފަހުން ކުރިއަށްގެންދިޔަ ބޯހިމެނުމުން ދައްކާ ގޮތުގައި މަޑަވެއްޔާއި ހޯނޑެއްދޫގެ ޖުމްލަ އާބާދީ އުޅެނީ 2،000ގައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ އާންމު ކުށްތަކަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ. މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1،170 މައްސަލަ ހުށަހަޅައިފައިވާއިރު، މަސްތުވާތަކެތީގެ 676 މައްސަލަ ހުށަހަޅައިފައިވެއެވެ. އޭގެ ތެރޭގައި ގދ. އަތޮޅު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މަސްތުވާތަކެތީގެ 12 މައްސަލައާއި ވައްކަމުގެ ނުވަ މައްސަލަ ހިމެނެއެވެ.