މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް މިއަދު ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކޮށްފިއެވެ.
މިދިޔަ މަހުގެ 24ގައި ހައްޔަރުކުރި ރައުދުގެ ބަންދު އެކި ފަހަރު މަތިން އިތުރުކުރުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 20 ދުވަސް ޖަހައިފައެވެ. އޭނާ މިއަދު ދޫކޮށްލީ އެ މުއްދަތު ހަމަނުވަނީހެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރުކޮށްފައެވެ.
މި ކަމާ ގުޅިގެން ފުލުހުން ބުނީ، ރައުދު ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން، މިއަދު ބަންދުން ދޫކޮށްލުމަށްފަހު، އާ ކޯޓު އަމުރެއްގެ ދަށުން އަލުން މިއަދު ހައްޔަރުކުރީ ކަމަށެވެ.
ކްރިމިނަލް ކޯޓުން ކުރި ބަންދު އަމުރު އިސްތިއުނާފުކޮށް، ރައުދު ވަނީ ބަންދުން ދޫކޮށްލަން އެދި ހައި ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
އެ މައްސަލައިގައި މިއަދު ހައިކޯޓުން ދައުވާ ފޯމު ބާތިލުކޮށް، ނިންމި ނިންމުމުގައި ވަނީ އިސްތިއުނާފު މައްސަލަ ބެލުމަށް ހަމަޖެހިފައި ވަނިކޮށް، ފުލުހުންގެ ބަންދުގައި ހުރި ރައުދު މިއަދު ހެނދުނު ބަންދުން ދޫކޮށްފައިވާ ކަމަށެވެ.
އެހެންވެ، އިސްތިއުނާފު ބާތިލުކުރުމަށް އެދި ރައުދު ހުށަހަޅާފައިވުމުން، މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން، މައްސަލަ ބާތިލުކުރެއްވީއެވެ.
އެ މައްސަލައިގެ ރިޔާސަތުގައި ހުންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލް ކަމަށްވާއިރު، އިތުރަށް ތިއްބެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއާއި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.
އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދާ ފުލުހުން ސުވާލުކޮށް، މަސްތުވާތަކެއްޗަށް ޓެސްޓު ކުރި ނަމަވެސް ފުރަތަމަ އޭނާ ހައްޔަރެއް ނުކުރެއެވެ.
އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ.
އެ މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ތުހުމަތުކޮށް، ޔުމްނުއަށް އިންސާފު ހޯދައި ދޭން އެދި ޒުވާނުން ވަނީ މުޒާހަރާކޮށްފައެވެ.
އެ މުޒާހަރާތައް ފެށި ފަހުން، ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24ވަނަ ދުވަހުގެ ރޭ 18:20ގައެވެ. އެފަހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެންމެ ފުރަތަމަ އޭނާގެ މައްޗަށް ޖެހީ ފަސް ދުވަހެވެ.
އޭގެފަހުން، އިތުރު ދިހަ ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން ފަސް ދުވަސް ޖަހެމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު 20 ދުވަސް އިތުރުކުރީއެވެ.
ފުލުހުން އެދިގެން، ރައުދުގެ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތައް ވަނީ ސިއްރުކޮށްފައެވެ. އެހެންވެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިހާތަނަށް ސާފުވެފައި ނުވެއެވެ.
ފުލުހުންވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ.
އެކަމަކު، އޭނާއާ ހަވާލާދީ އާއިލާގެ ފަރާތުން ވަނީ އެއީ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އުޅުނީ ވެސް މި މައްސަލައިގައި ހައްޔަރުކުރި ރައުދާއި ދެ މީހުން އެކަނި ނޫން ކަމަށާއި އިތުރު ހަތަރު މީހުން އުޅުނު ކަމަށް އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައެވެ.
އެ ވާހަކަތަކާ ގުޅިގެން ފުލުހުން ވަނީ، މި މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައެވެ.
އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް ނުވެ އޮތީ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ފުލުހުން ބުނީ، ހާދިސާ ހިނގި ފެންޓެނޯއީ ގެއަކީ ރައުދާއި ޔުމްނުއާ އެއްވެސް ގުޅުމެއް ނެތް ގެއެއް ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ.
ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެއްޓުނު ހާދިސާ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އެ ކޮމިޝަނުން މިފަހުން ރައުދާ ސުވާލު ވެސް ކޮށްފައިވެއެވެ.
ޔުމްނުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ ގޯހެއް ފާހަގަނުވާ ކަމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން މިފަހުން ވަނީ ވިދާޅުވެފައެވެ.