ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ ކައުންސިލް އިމާރާތްތައް ޒަމާނީ ފެންވަރަކަށް އިމާރާތް ކުރުމަށް ޓަކައި ޗައިނާގެ ސަރުކާރުންދޭ އެހީގެ ދަށުން، 'ލެޓާ އޮފް އެކްސްޗޭންޖު'ގައި މިއަދު ސޮއިކޮށްފިއެވެ.
މި ކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާއެވެ.

ކައުންސިލް އިމާރާތްތައް ޒަމާނީކުރުމަށް ޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމުގައި ސޮއިކުރުން --
މީގެ ކުރިން އޮތީ ކައުންސިލްތަކަށް އަޅާނުލެވި ކަމަށާއި، ރަަށްރަށުން ރިކުއެސްޓު އައުމުން 187 ރަށެއްގައި ކައުންސިލްގެ އިދާރާތައް އަޅަން ޖެހިފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން މީގެ ކުރިން އޮތީ ބުނެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މި ވެރިކަމުގައި 55 ކައުންސިލް އިމާރާތް އުމްރާނީ ގޮތުން ތަރައްގީކުރަން ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެ 55 ރަށުގައި ކައުންސިލް އިދާރާ އެޅުމަށް މެލޭޝިޔާގެ ކުންފުންޏަކަށް ސަރުކާރުން ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ 20ގައެވެ.