ލިވަޕޫލްގެ ކާމިޔާބީ ފާހަގަކޮށް ހުޅުމާލޭގައި ހަވާ އަރުވަނީ

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ލިވަޕޫލްގެ ކާމިޔާބީ ފާހަގަކޮށް ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ފަރާތުން ހުޅުމާލޭ ފޭސް ދޭއްގައި ހަވާއަރުވަން ނިންމައިފިއެވެ.

އެ ކުލަބުން މި ހަރަކާތް ބާއްވަނީ ލީގުގެ ފަހު މެޗުގައި ލިވަޕޫލް އާއި ކްރިސްޓަލް ޕެލަސް އަންނަ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައި ބައްދަލުކުރާ މެޗަށެވެ.

މެޗުގެ ޕަބްލިކް ސްކްރީނިން ކުރިއަށްދާނީ ހުޅުމާލޭ ފޭސް ދޭއްގެ ރުއްގަނޑު ތިނެއްގެ ސަރަހައްދުގައެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މެޗު ފެށުމުގެ 15 މިނެޓު ކުރިންނެވެ.

ބޮޑުބެރާއެކު ކާމިޔާބީ ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްދާއިރު، ހަވާ އެރުވުމަށް ނިންމާފައިވަނީ މެޗު ނިމުމުން ކަމަށް ލިވަޕޫލް ސަޕޯޓާސް ކުލަބުން މައުލޫމާތުދެއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ލިވަޕޫލް ސަޕޯޓަރުން އެކުވެގެން އުފެއްދި ސަޕޯޓާސް ކުލަބުން ބާއްވާ މި އިވެންޓަށް އާންމުންނަށް ހުޅުވާލާފައިވާއިރު، އެ ޓީމުން ލީގު ކަށަވަރުކުރި މެޗު ބެލުމަށް ކުލަބުގެ ސަޕޯޓާސް ކުލަބުން ވަނީ ކ. ހުރާއަށް ގޮސްފައެވެ.

ލިވަޕޫލުން މި އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 20 ވަނަ ފަހަރު ހޯދީ ލީގުގައި ނުކުޅެ ބާކީ ހަތަރު މެޗު އޮއްވައެވެ. މި ސީޒަނުގައި އެ ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

ލިވަޕޫލާއެކު ރާއްޖެއިންވެސް ދަނީ މާކެޓިން ކެމްޕޭނެއް ކުރިއަށްގެންދަމުންނެވެ.

އެގޮތުން ރާއްޖެއަކީ ލިވަޕޫލްގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރެވެ. މި ޕާޓްނަޝިޕުގެ ދަށުން ލިވަޕޫލާއި ރާއްޖެ ގުޅިގެން ގިނަ ކަންތައްތަކެއް ދަނީ ކުރިޔަށެވެ. އެގޮތުން ލިވަޕޫލްގެ ވަފުދެއް ދަނީ މިހާރުވެސް ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް