ރައީސް ބޭނުންފުޅުހާ ގޮތަކަށް ކަންކަން ނިންމެނީ އަރިހުގައި އިލްމީ ގޮތުން ގާބިލް ބޭފުޅުން ނެތުމުން: ޔާމީން

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރަންޓް އޮފީސް ޖަލްސާ -- ފޮޓޯ/ މޫސާ ނަދީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުހައި ގޮތަކަށް ކަންކަން ނިންމެވެނީ، އެ މަނިކުފާނު އަރިހުގައި އިލްމީ ގޮތުން ގާބިލް ބޭފުޅުން ނެތުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި، ޑޮލަރު މާރުކުރުން މަޖުބޫރުކޮށްފައި އޮތް ގާނޫނާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ ގަވައިދެއް ތަންފީޒު ކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެކެއްގައެވެ. އެ ގަވައިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކޮށް، ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ޖެހެއެވެ. ނުވަތަ ލިބޭ އާމްދަނީން 20 ޕަސެންޓް މާރުކުރުމުގެ އިޚުތިޔާރު ވެސް އޮތީ ދީފައެވެ.

އޮކްޓޯބަރު މަހު ތަންފީޒު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން, ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓް, ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން, އެ ބޭންކަކުން އެމްއެމްއޭގައި މާރު ކުރަން ޖެހޭނެއެވެ.

އެމްއެމްއޭއިން މިހާރު ނިންމާފައިވަނީ އެ އަދަދު 60 ޕަސެންޓުން 90 ޕަސެންޓަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިތުރު ކުރުމަށެވެ.

ޔާމީން ވިދާޅުވާ ގޮތުގައި، މާލީ އަދި އިގުތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށް ގާނޫނަކުން ހައްލެއް ނުގެނެވޭނެއެވެ. މި ގެނައި ބަދަލުތަކާހުރެ ރާއްޖޭގައި ޑޮލަރުގެ ދަތިކަން ހައްލުވެގެންދިއުމާމެދު އެ މަނިކުފާނުވަނީ ސުވާލު އުފައްދަވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ ރައީސް މުއިއްޒަށް މި ފަދަ ކަންކަން ކުރެއްވެނީ އެ މަނިކުފާނުގެ އަރިހުގައި އިލްމީ ގާބިލް މީހުން ނެތުމުން ކަމަށެވެ.

"މީގައި މި އުޅޭ މައްސަލައަކީ، ހަގީގަތުގައި މުއިއްޒު އަރިހުގައި އެ ވަރުގެ ސްޓާފަރުން ނެތީ، އެއިޑުން ނެތީ. މާލީ ވަޒީރަށް ބެލިޔަސް އެހެން ބޭފުޅުންނަށް ބެލިޔަސް އެ ވަރުގެ ބޭފުޅުން ނެތީ. އެހެންވީމާ އެ ބޭފުޅުން މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް [އެ ކަމެއް] ކޮށްދެނީ," ޔާމީން ވިދާޅުވިއެވެ.

"މިހާރު ވެސް އަޅުގަނޑަށް ހަމަ އެނގިގެން މި ދަންނަވަނީ، ފިނޭންސް މިނިސްޓްރީގައި ހަމަ ވަރަށް ސީނިއާ ބޭފުޅުން އެ ވިދާޅުވަނީ ފައިސާގެ މާލީ ހާލަތަށް ނުބަލައި މިވެނި ކަމެއް ވާން ވާނޭ، މިހެން ކުރާށޭ، މި ގޮތަށް އެންގި ރައީސަކު ތިމަންނަމެން ނުދެކެމޭ،"

https://sun.mv/206270

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު 19 ރުފިޔާއިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު މިއީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. މިކަމުގެ ސަބަބުން މުދަލާއި ޚިދުމަތްތަކުގެ އަގުތައް ވަނީ ބޮޑުވެފައެވެ. އަދި ސަރުކާރަށް ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އެމްއެމްއޭއަށް މާރުކުރަން ޖެހޭ ޑޮލަރުގެ ޕަސެންޓް ބޮޑުކުރާއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާއްމުންނަށް އެކިއެކި ބޭނުންތަކަށް, ޑޮލަރު ދޭ ޕަސެންޓް ވަރަށް ބޮޑަށް އިތުރު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް