ޑިޒްނީގެ މަގުބޫލު ކަލްޓް ކްލެސިކް އެނިމޭޝަން ފިލްމެއް ކަމަށްވާ "ލީލޯ އެންޑް ސްޓިޗް"ގެ ލައިވްއެކްޝަން ސިނަމާގައި ދައްކަން ފަށައި ތާރީހީ ރެކޯޑަކާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.
ޑިޒްނީއިން 2002ގައި ނެރުނު އެނިމޭޓެޑް ފިލްމަށް ބިނާކޮށް ލައިވް އެކްޝަން ފިލްމެއް ތައްޔާރު ކުރަން އުޅޭކަން އިއުލާނު ކޮށްފައިވަނީ 2022ވަނަ އަހަރުއެވެ. އިއްޔެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމު އެންމެ ފަހުން ވަނީ ދައްކަން ފަށާފައެވެ.
ފިލްމު އެޅުވި ފުރަތަމަ ދުވަހު ވެސް ހީ ނުކުރާ ފަދަ ބޮޑު ރެކޯޑެއް ހަދާނެ ކަމަށް އެނަލިސްޓުން ލަފާކުރެއެވެ. ހަފުތާ ބަންދު ނިމޭ އިރަށް މިއަހަރުގެ އެންމެ ބޮޑު އޯޕެނިންގެ ތެރޭގައި ފިލްމު ހިމެނޭނެއެވެ. އެގޮތުން ލަފާކުރާގޮތުގައި ފިލްމަށް އާމްދަނީއެއްގެ ގޮތުގައި 165 މިލިއަން ޑޮލަރު ލިބޭނެއެވެ.
އެކި އުމުރު ފުރައިގެ މީހުންގެ މެދުގައި މި ފިލްމު އަންނަނީ ބޮޑު މަގުބޫލުކަމެއް ހޯދަމުންނެވެ. އެގޮތުން ކުޑަކުދިންނުން ފެށިގެން ފުރާވަރު އުމުރުގެ އަދި ޒުވާނުންގެ މެދުގައި ވެސް މި ފިލްމަށް ބޮޑު މަގުބޫލުކަމެއް ލިބެމުން އަންްނަ ކަމަށް ޑިޒްނީއިން ވަނީ ހާމަކޮށްފައެވެ.
ހަފުތާ ބަންދުގައި އެކަނި ފިލްމަށް 165 މިލިއަން ޑޮލަރު ލިބުމަކީ ބޮޑު ކާމިޔާބީއެކެވެ. އެއީ މި ފިލްމު ތައްޔާރުކޮށްފައިވަނީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ކަމަށްވާތީއެވެ.
އަލަށް ނެރޭ ފިލްމުގައި ލީލޯގެ ރޯލުން ފެނިގެންދާނީ މައިޔާ ކެލޯހާ ނަމަކަށް ކިޔާ ތުއްތު ކުއްޖެކެވެ. މި ފިލްމަކީ މައިޔާގެ ފުރަތަމަ ފިލްމެވެ. ސްޓިޗްގެ ރޯލަށް އަޑުއަޅާފައިވަނީ ހޮލީވުޑްގެ މަޝްހޫރު ޝަޚުސިއްޔަތެއްކަމަށްވާ ޒެކް ގެލިފިއާނާކިސެވެ.
ލީލޯ އެންޑް ސްޓިޗްގެ ވާހަކަ ބިނާވެފައި ވަނީ ހަވާއީގައި އުޅޭ ތުއްތު ކުއްޖެއްގެ ދިރިއުޅުމަށެވެ. ހަމައެކަނި ދައްތަ އެއްގެ ބެލުމުގެ ދަށުގައި ހުންނަ ލީލޯގެ ދިރިއުޅުން ބަދަލުވަނީ އޭލިއަން އެއް ލީލޯ އާ ދިމާވާ ހިސާބުންނެވެ. ލީލޯ އެ އޭލިއަންއަށް ސްޓިޗްގެ ނަމުން ނަން ދެއެވެ. ނަމަވެސް ސްޓިޗްގެ ސިއްރުތަކެއް ވެއެވެ. މި ސިއްރުތައް ފިލްމުން ދައްކުވައިދެއެވެ.