50 އަންހެނުން ރޭޕްކުރި ޖަޕާނުގެ ޓެކްސީ ޑްރައިވަރެއް ހައްޔަރުކޮށްފި

ޖަޕާނުގެ ފުލުހުންތަކެއް. ފޮޓޯ/ރޮއިޓާސް

މަސްތުވާތަކެތި ބޭނުންކޮށްގެން ހުރެ، އަންހެން ފަސިންޖަރަކު ރޭޕްކުރި ޖަޕާނުގެ ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފިއެވެ.

ޖަޕާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިތުރު 50 އަންހެނުން ވަނީ އޭނާގެ ޝިކާރައަށްވެފައެވެ.

"ގަދަކަމުން ޖިންސީ ގުޅުން ހިންގުމާއި ވީޑިއޯ ކުރުމުގެ މައްސަލައެއްގައި އުމުރުން 54 މީހަކު ވަނީ ހައްޔަރުކޮށްފައި." ޓޯކިޔޯ ފުލުހުންގެ ތަރުޖަމާނު އޭއެފްޕީއަށް ވިދާޅުވިއެވެ.

ޖަޕާނުގެ ޔޮމިއުރީ ޝިމްބުން ޑެއިލީ އާއި ޖިޖީ ޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 50 ވަރަކަށް އަންހެނުންނަށް ޖިންސީ ގޯނާކުރާ ގާތްގަނޑަކަށް 3،000 ވީޑިއޯ އާއި ފޮޓޯ އޭނާގެ ޓެކްސީންނާއި ގެއިން ފުލުހުންނަށް ފެނިފައިވެއެވެ.

އުމުރުން 20 އަހަރުގެ އަންހެނަކަށް ނިދާ ބޭސް ދިނުމަށްފަހު ރޭޕްކޮށް ވީޑިއޯކުރި މައްސަލައެއްގައި މިދިޔަ އަހަރުވެސް އެ މީހާ ވަނީ ހައްޔަރުކޮށްފައެވެ.

އިތުރު އެހެން އަންހެނަކަށް މަސްތުވާތަކެތި ދީ، 40،000 ޔެން ނުވަތަ 280 ޑޮލަރު ފޭރިގަތް ކަމުގައި ތުހުމަތުގައި މިދިޔަ އޮކްޓޫބަރު މަހުވެސް އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ޖަޕާނުގެ މީޑިއާތަކުން ބުނެއެވެ.

އެ މީހާގެ ފޯނާއި އެހެނިހެން ޑިވައިސްތަކުން ފެނުނު ފޫޓޭޖްތަކުގައި 2008 ވަނަ އަހަރުގެ ފޫޓޭޖްތަކެއް ވެސް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް