އެކަނިވެރިކަމުގެ އިހުސާސް އެއްގޮތަކަށްވެސް ހިތަށް ވެރިވިޔަ ނުދޭށެވެ. އަބަދުވެސް ﷲ ތައާލާ ތިބާއާއެކު ވޮޑިގެންވާކަމަށް ދެކޭށެވެ. އަލްހަމްދުލިﷲ"
***
"އޯ....ސިމް؟އެއީވެސް ވަރަށް ގާތް އެކުވެރިއެއް. މާކުރިން ފެށިގެން.."އެލީޒީގެ އަޑުގައިވީ ސާބިތުކަމެވެ. ރާގުގައި އެކުވެރިކަމާއި މަޑުމައިތިރިކަންވިއެވެ. އެ އަދަބުވެރިކަމުގެ ފަހަތުގައި ޖަދަލުކުރާގޮތެއް ހުރިކަން އަހެދް ދެނެގަތެވެ. އެންމެނަށް ލިބުނީ ހައިރާންކަމެކެވެ.
"މުރުތަސިމް ދުވަހަކުވެސް ނުބުނޭ އެލީޒީގެ ވާހަކައެއް..."
އަހެދްވެސް ވަގުތުން ބައިވެރިވެލަންވެގެން އެދޭތެރެއަަށް ވަނެވެ. މާމުޔަށްވުރެ ފޮނި އަޑެކެވެ."އޯ..ސިމްގެ ބައިވަރު އެކުވެރިން ތިބޭ..ޕައިލެޓެއްވީމަ ދޯ....ހުރިހާ ވައްތަރެއްގެ މީހުންނާއި ދިމާވާނެ. ރެންޑަމް މީހުންނާ...."
އެ ލަފުޒުއިން ފާހަގަކުރެވޭފަދަ ގޮތަކަށް އެލީޒީގެ ރާގު ބަދަލުވިއެވެ.ވަރަށް ހަމަޖެހިލާފައި ފަރިގޮތަކަށް ހިނިތުންވެލަމުން އަވި އައިނު ދިއްކޮށްލިއެވެ. އަހެދްގެ އިނގިލިތަކުގައި އަތް ޖެހިލިއިރު ފާހަގަވީ އެ އަތުގެ އިނގިލީގައި އޮތް އަނގޮޓިއެވެ. އޭނަގެ ލޯ ހަނިކޮށްލެވުނެވެ. އެ ޖަވާހިރުޖެހި އަނގޮޓި މުރުތަސިމްގެ އިނގިލިން ދެކެފައިވާތީއެވެ. ޖޫރީއަށްވެސް އެކަން ފާހަގަކުރެވުމާއެކު އެންމެން ސިއްސުވައިލިއެވެ.
"އޯ...ސިމްގެ އަތުގައިވެސް ހަމަ މީގެ އަގޮނޓިއެއް އޮވޭ..." ޖޫރި ސަކީނާއަށް ބަލައިލިއެވެ." މުރުތަސިމް އެ އަނގޮޓިދިނީތަ؟"
ސަކީނާގެ ހިނިތުންވުން ފުޅާވިއެވެ. އެހާ ފަސޭހައިން އެ މައްސަލަ އޮއްބައިލާވަރަށްވުރެ ސީރިޔަސް މައްސަލައެއް ނޫންހެއްޔެވެ؟
ޒަހްރާ ސޯފާގައި ހިމޭނުން އިނަސް ހުރިހާ ވާހަކައެއް ފަރުވާތެރިކަމާއެކު އަޑުއެހިއެވެ. އެންމެފަހުން ވާހަކަދެއްކިއިރު އަޑުގައި ހަރުކަމެއްވިއެވެ."މުރުތަސިމްގެ އަނގޮޓިއަކީ އޭނަގެ ކާފަ އަމިއްލަ އަތުން ހަދާފައި އޮތް އަނގޮޓިއެއް. އޭގައިވާ ޖަވާހިރަކީވެސް ނާދިރު އެއްޗެއް. އެލީޒީގެ އަނގޮޓި ތަފާތުވާނެ.."
އަހެދްގެ ކެތްތެރިކަން ކޮޅުން ލައިގެންދާންފެށުމުން ދަތްތަކަށް ބާރުކޮށްލެވުނެވެ. "ފޭކް...ލައިކް ހާރ...."
އެކަކުވެސް ޖަވާބެއްނުދިނެވެ. އެލީީޒީގެ ހިނިތުންވުން އިރުކޮޅެއްވާންދެން ދެމިގެން ހުރިއިރު އޭނައަށްވެސް އެ ޖުމްލަތައް އިވުނުފަދައެވެ. ފަރުވާލެއްނެތީ އެފަދަ އަޑުތައް އަހަން ހޭނިފައި ހުރީމަކަމަށް ވެދާނެއެވެ.
ހަގުރާމަފެށުނީއެވެ. ފޭރާން އަޅާފައިވަނީ ހިނިތުންވުމާއި ގަލުންނެވެ. ކެހިވެރި މަޅިއާއި ހިމޭން އަޅާކިޔުންތަކާއި އެކުގައެވެ.
ބާބިލްވެސް އެތަނަށް އައީ ތަބަކެއްގައި ޖޫހާއި ލުއިކާނާތައް ހިފައިގެންނެވެ. ފަރުވާތެރިކަމާއެކު މަޑުމަޑުން ފިޔަވަޅު އަޅަމުންނެވެ. އޭނަގެ ނަޒަރުވެސް އެލީޒީއަށް ހުއްޓި ދުރުބަލައެއްނުލާ އިރުކޮޅަކަށް ހުރެވުނެވެ. މޭޒުމަތީގައި ތަބައް ބެހެއްޓުމަށްފަހު އިހުތިރާމްކުރާފަދަ ގޮތަކަށް ހިނިތުންވެލިއެވެ. ސިކުނޑީގެ ހައިޖާނު އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވަމުންނެވެ. ބާބިލްގެ ފަހަތުން ކަހަލަގޮތަކަށް އަލްބާންވެސް ނުކުތްއިރު އެލީޒީއާއި ހަތަރުކަޅި ހަމަވުމާއެކު ލޯ ބޮޑުކޮށްލެވުނެވެ. އޭނަގެ ފިޔަވަޅުތައް ހުއްޓުނެވެ. އެހެން މީހަކަށް ނޭގުނަސް އޭނަ އެލީޒީ އަކީ ކާކުކަން މާ ރަގަޅަށްވެސް ދަނެއެވެ. އެލީޒީއާއި މުރުތަސިމްގެ މާޒީއެވެ. އެ މަޝްހޫރުކަމާއި ވަކިވުމުގެ ހިތްދަތި ފަސާނާވެސް މެއެވެ. އޭނައަށް އެއްޗެކޭ ބުނެވުމުގެ ކުރިން ސަކީނާގެ ތޫނު ދުލުގެ އަމާޒަކަށް އޭނަވިއެވެ.
"އަނހަ ބަލާލަބަލަ...އެންމެފަހުން ރަގަޅު ޖޯޑަކަށް މިވީ..އަލްބާންގެ އިސްކޮޅާއި އެކަށީގެންވާ ކުއްޖެއް މިފެނުނީ..."ސަކީނާ އެލީޒީއަށް އިޝާރަތްކޮށްލިއެވެ. އޭނައަށް ސިހުމެއްލިބުނެވެ. ބޮޑުދައިތަގެ އެ ޖުމްލަތަކަށް އޭނަގެ ސިކުނޑިއަށް ނަގައިގަންނަން ފަސޭހައެއްވެސް ނުވިއެވެ.
"ޢެހެންނޫނަސް މިގޭގެ ހުރިހާ ފިރިހެންކުދިންގެ ކައިވެނި ނިމިއްޖެ. ހުހަށް ހުރީ މިކުއްޖާ އެކަނި....."ސަކީނާ ހިނިގަނޑެއް ޖަހާލައިފިއެވެ. ހުރިހާ އެންމެނަށްވެސް ހެވުނެވެ. ޖޫރީ ވަކިން ފޯރި ހިފާލިއެވެ. ފަހަރިއަކަށްވާން މިހާ އެކަށީގެންވާކުއްޖެއް ނުލިބޭނެއެވެ. އޭނައާއި ގުޅޭނެފަދަ ކުއްޖެކެވެ. ބާބިލްވެސް ގަދަކަމުން ހީލިނަމަވެސް އެ ލަފުޒުތަކުން އޭނަގެ މެޔަށް ކުރި އަސަރުތަކުން ރިހުމެއް އުފެދުނެވެ. އިސްޖަހައިލެވުނެވެ. ސަމާސާއަކަށްވެސް އަހަން އެންމެ ނޭދޭ ލަފުޒުތަކެވެ.
"އިވްްވްވް..."އަލްބާން ނޭފަތް ގުރުޑުކޮށްލާފައި ކިޔައިލީ ވިސްނުމަކާނުލައެވެ. އޭނަގެ ސިކުނޑި ރަގަޅަށް މަސައްކަތްކޮށްލިއިރު އެ ނޭދެވޭ ބަސްތައް ދުލުން ބޭރުވެ އޭނައަށް އެކަމާއި ހިތާމަކުރަންޖެހުނެވެ. އެލީޒީއަށްޓަކާއެއް ނޫނެވެ. އެ އަޑުގެ މާނަ ނެގޭނެގޮތުންނެވެ. އޭނަގެ ނުތަނަވަސްކަން ގުޅުނީ ސަކީނާ އެކުރިމަތިކޮށްލި ހާލަތުގެ ސަބަބުންނެވެ. ކޮންމެގޮތެއްވިޔަސް އެއިން ނުބައި އަސަރުތަކެއް ކުރާނެކަމަށް ބެލެވުނެވެ.
އަހެދްއަށްވެސް ހީގަނެވުނެވެ.
އެލީޒީގެ މޫނުގެ ޝުއޫރަކަށް ބަދަލެއްނަޔަސް އޭނަގެ ހިތުގެ ތެރޭގެ ކޮންމެވެސް ދިމާލެއްގައި ވި އުއްމީދާއި މުސްތަގުބަލްގެ ހުޅުކޮޅު ފަނޑުވެއްޖެއެވެ. އޭނަގެ ހިނިތުންވުން ލޮލާއި ހަމަޔަށް ނުފޯރިއެވެ. ކޮންމެގޮތެއްވިޔަސް ހަގީގީ މެސެޖް ސިކުނޑިއަށް ނަގައިގަނެވިއްޖެއެވެ.ކިތަންމެ ވަރަކަށް މާތް ފޭރާމަކުން ފަރުދާވިޔަސް އޭނަގެ އިއްޒަތާއި އީމާންކަންވެސް އެމީހުންދެކޭނީ އޭނައަކީ ބީރައްޓެއްސެއްކަމުގައެވެ. މިއުޒިކް ވީޑިއޯތަކުގައި ހުރި އަންހެންކުއްޖާއެވެ. ގަދަރެއްނެތް އަންހެންކުއްޖާއެވެ. އަބަދުވެސް މި އާއިލާއިން ހަނދާންކޮށްދޭނީ އެއާއިލާއަށް އޭނަ ނިސްބަތްނުވާކަމެވެ.
***
ގޭގެ މައިދޮރު ހުޅުވާލި އަޑަށް އަހެދްގެ މޭގަނޑު އަނގަޔަށް އަންނަގޮތްވިއެވެ. ނައީމް އަނެއްކާ އަންނަނީހެއްޔެވެ؟ ނަސީބަކުން އެ ސިކުންތުކޮޅު ގަތް ބިރު ވީ އޭނަގެ ސިކުނޑިއަށް ދެވުނު ބޭކާރު ބުރައަކަށެވެ. އެއީ ނައީމްއެއް ނޫނެވެ. މުރުތަސިމްއެވެ. އޭނަވެސް ގެއަށް ވަނީ ނިކަން ހަމަޖެހިލައިގެން ހުރެ ދުވަހުގެ ވަރުބަލިކަން ފިލުވައިލާ ހިތް ހަމަޖައްސައިލުމަށެވެ. އޭނަގެ ލޯ ގޭތެރެއަށް ހިންގައިލުމާއެކު ފިޔަވަޅުތައް ކައްސާނުލީ ހަމަކިރިޔާއެވެ. އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަން ފަސޭހައެއްނުވިއެވެ. ކަޅު އަބާޔާއެއްލައިގެން ރީތިކޮށް ފައްޖަހާ މޫނުވަށައިގެން ފެތުރިފައިވާ ހިޖާބުގެ ވެރިޔާ ނިކަން ހިތްގައިމުކޮށް އިށީދެލައިގެން އިންގޮތުން ފޮޓޯއަކަށް ހުއްޓިލައިގެން ފަދައެވެ. އެތައް ހާސް ހަނދާންތަކެއް ލޮލުގެ ކުރިމަތީގައި އެނބުރިގަތެވެ
"އެލީޒީ؟" އޭނައަށް ގޮވައިލެވުނެވެ. އެންމެނަށްވެސް ބަލައިލެވުނީ އޭނަގެ މޫނަށެވެ. އެމޫނުގައިވި އަސަރުތަކަށެވެ. އެލީޒީގެ މޫނުން ފެނުނީ އެހެން ކުލަވަރެކެވެ. އިންތިޒާރުކޮށްލައިގެން ހުރީ އޭނަ އެލީޒީއަށް ގޮވައިލާނެ އިރަކަށެވެ. އެލީޒީ ތެދުވުނެވެ. މުރުތަސިމް ފެނުމާއެކު އޭނަގެ އެނބުރެމުން ދިޔަ ދުނިޔެވެސް ހަމަޖެހިލިފަދައެވެެ. ރޭގަނޑުގެ އެކަނިވެރިކަމުގައި އޭނައަށް ގޮވައިލެވޭ ހަމައެކަނި ނަމެވެ. އޭނައަށް ގެއެއްގެ އިހުސާސްކުރެވޭ ހަމައެކަނި އިންސާނާއެވެ. އޭނަގެ ދިރިއުޅުމުން އެތައް ބަޔަކުވަނީ ދަމައިގަނެވިފައެވެ. މުރުތަސިމްވެސް ދުރަށްގޮސް ގެއްލެން އުޅުނެވެ. އެކަމަކު މިފަހަރު އޭނަ އެހާ ފަސޭހައިން ދޫކޮށެއްނުލަނެއެވެ. އެއްވެސްމީހަކަށް އޭނަ ނުހުއްޓުވޭނެއެވެ. އޭނައަށް އެންމެ ފިޔަވަޅެއް އެޅުނުއިރު އަހެދް މާ ކުރިން ހިނގައިގަނެއްޖެއެވެ. އެތަނަށް ވެރިވި ނުތަނަވަސްކަން ނަގައިގަނެވުމުގެ ކުރިން އަހެދްގޮސް މުރުތަސިމްގެ އަތުގައި ބާރަށް ހިފަހައްޓައިލީ ކުލުނާއި ލޯތްބަށްވުރެ ހިމާޔަތެއްގެ ގޮތުގައެވެ.
މުރުތަސިމްވެސް ސިހިފައި އޭނައަށް ބަލައިލިނަމަވެސް ހުރިތަނުން ގުޑާނުލިއެވެ
"ކުރިމަތިވާނެ ސުވާލުތަކުން ސަލާމަތްކޮށް މިދިނީ..."އޭނަ ހަމައެކަނި މުރުތަސިމްއަށް އަޑުއިވޭހާ ސިއްރުން ވާހަކަދެއްކިއެވެ."ވީމަ އެކަން ދަނެގެން ވާހަކަދައްކާ.."
އޭނަ ދެން މުރުތަސިމްއާއި ނަޒަރު ވަކިކޮށްލިއެވެ. ހުރިހާ ކަމެއް ހަމަ އާދައިގެ ދުވަހެއްފަދައިން އޭނަ ހުއްޓިލައިގެން ހުރީ މިއީ އޭނައަށް ހައްގު ޖާގަކަމަށް ދައްކަމުންނެވެ. އެލީޒީ އެގެއަށް އައުމާއިމެދު އެއްވެސް ފަރުވާލެއް ހުރިކަމަކަށް ނުދައްކައެވެ. އެލީޒީއަށް އެ މަންޒަރު ފެނުމުން ހިތަށް ބާރުވެ މޭނުބައިކުރާގޮތްވިއެވެ. އޭނަގެ ހިތުގައި ނަފްރަތު އަނދައިގަތެވެ. އަހެދް ލޯބިވާ އަންބެއްގެ ވާޖިބު އަދާކުރާގޮތާއިމެދުވެސް ނަފްރަތު އުފެދުނެވެ. "ވަރަށް ނޯމަލް އަދި ނެޗުރަލް....ކިހާ ފަސޭހައިން އެ އަންހެނާ މުރުތަސިމްއަށް ވެރިވެގަތީ...ގާޑެއްހެންގޮސް...." އެލީޒީއަށް އަބާޔާގެ އެއްފަރާތުގައި ހިފާ ބޮނޑިކޮށްލެވުނަސް ޝުއޫރުތައް ފޮރުވުމުގައި ކާމިޔާބުކުރިއެވެ.
ޒަހްރާ ތެދުވެގެން ހިނގައިގެންފައި ހަށަން ބަދެލައިގެން ހުއްޓުނެވެ. މުރުތަސިމްގެ ހަރަކާތްތައް އޭނަ ދެކުނެވެ. އެތެރެއަށް ވަންގޮތާއި ހުއްޓުން އައިގޮތް އަދި ފައި ކަސިޔާރުވުމާއެކު ލޮލުގައިވި ސިހުމުގެ އަސަރުވެސް ފެނުނެވެ. އޭނައަކީ މުރުތަސިމްގެ މަންމައެވެ. މައިންނަށް އަބަދުވެސް ދަރިންގެ ހަރަކާތް ހުންނަގޮތުންވެސް ދެނެގަނެވިދާނެއެވެ. މިދޭތެރޭގައި މާޒީއެއް އޮތްކަން އެނގުނެވެ. ނުބުނެ ސިއްރުކޮށްފައިވާ ބާބެއް ނަމަވެސް ހަމަ ޔަގީނެވެ. އޭނަ ކުޑަކޮށް ހަށިގަނޑު ސީދާކޮށްލަމުން ލޯބިން ފުރިގެންވާ ނަޒަރަކުން ބަލައިލިއެވެ.
"ދެކުދިން ހާދަ ލޯބި...ވަރަށް ބޮޑު ރަހުމަތެއް ހަމަ މާޝާﷲ..."
"އޯ...އެކަމަކު ހާދަ ލަސްވެއްޖެއޭ...އަދިވެސް ބައިވަރު ކަންތައް ނިންމަން ޖެހޭ..ޕެކިންއާއި ތައްޔާރީތައް...މިރޭ އުމްރާ ދަތުރު ފުރާކަން ހަނދާންނައްތާނުލާ.." ޒަހްރާގެ އަޑުގައި އުފާވެރި ރާގެއް ހުއްޓަސް އެލީޒީއަށް ދިން ބަހުގެ ހަމަލާއަކަށްވެސް އޭނައަށް ވިއެވެ. އެލީޒީއަށް ޔަގީންކުރެވުނީ މުރުތަސިމްގެ މަންމަވެސް ޖެއްުސުންކުރަނީ ކަމަށެވެ. މެހުމާނެއްގެ ގޮތުގައި ދެކުނު ނަމަވެސް ކުޑަވަރެއްގެ ގަދަރެއްވެސް ކުރަންވާނެ ނޫންހެއްޔެވެ؟
އެވަގުތު ޒަހްރާ ހިނިތުންވެލަމުން ވާހަކަދެއްކީ އަދަބުވެރިކޮށެވެ." ވަރަށް ބޮޑަށް ޝުކުރުވެރިވަން އެހާ ދުރުން އަވިއައިނު ހިފައިގެން އައީމަ..ވަރަށް ބޮޑު ހެޔޮކަމެއްކޮށް ތިދިނީ..."
ރީތިބަހުން އޭނަގެ ގާތުގައި ދާށޭ ބުނެލީި ނޫންހެއްޔެވެ؟ އެފަދަ ކަމުވޮށިގެންވާ އަންހެނުން އަޑުގަދަކުރުމަކާއި ނުލާ ބުނާނީ ދުރުންނެވެ. ފުދިއްޖެއޭ ދެން ނާންނާށޭ ބުނާނީ އަދަބެއް ސަދަބެއްނެތީމަ ކަން ނޭގެއެވެ. އަލީޒީ ހުރިތަނުން ގުޑާނުލިއެވެ. ހިތުގައިވި ތޫފާނާއެކުވެސް މޫނުމަތިން ހަމަޖެހިފައިވާކަން ދައްކަމުން އަތުގެ އިނގިލިތައް މަހާލައިގެންނެވެ. އޭނަ މިތަނުން ދާނީ މުރުތަސިމް އަނގައިން ބުނީމައެވެ.
ޒަހްރާއަށްވެސް އެކަން ފާހަގަވުމުން ދަރިފުޅަށް ބަލައިލަމުން ލޮލުން އެންގީ އަވަހަށް މި ކަންތައް ނިންމައިލުމަށެވެ. އޭނަ ގަދަކަމުން ހީލިނަމަވެސް އެހުނުމުގައި ސަމާސާގޮތަށްވުރެ ބޮޑަށް ކުށްވެރިކަމުގެ އިހުސާސްވިއެވެ.
"އޯ....އެހާވަރުން ނަޔަސް ރަގަޅުވީސް....." އަލީޒީއާއި ހަތަރުކަޅި ހަމަނުކުރަން އޭނަ މަސައްކަތްކުރިއެވެ."އެހެން މީހަކުވެސް ފޮނުވައިލެވިދާނެ ތި އައިނު ބަލާ..."
އަނެއް ތިލައިން ޒަޚަމްކޮށްލީއެވެ. އަލީޒީއަށް އެ ލަފުޒުތައް އެހާ ތޫނުވެފައި ފުންކޮށް ކެނޑުނެވެ. އެބަސްތަކުން އޭނަ ހައްތަހާ ތިރިއަށް ވައްޓައިލީއެވެ. މިއީ އޭނަ މި މައްސަލަ ހައްލުކުރަން ނިންމާފައިވާގޮތް ހެއްޔެވެ؟ މިއީ ހަގީގީ މުރުތަސިމްއެވެ. ހުރިހާ ކަމަކާއިއެކުގައިވެސްއެވެ. ހުރިހާ ހަނދާންތަކާއި ހުރިާ ލަފުޒުތަކަށްފަހުގައިވެސް އެވެ.
އެވަރުންވެސް އޭނަ ކެތްތެރިވިއެވެ. އެންމެންގެ ކުރިމަތީގައި އޭނަ ބަލިކަށިވެގެންނުވާނެއެވެ. މިތަނުގައެއް ނޫނެވެ. އަހެދް ގެ ކުރިމަތީގައެއް ނޫނެވެ.
އަހެދްގެ ރޯލު އޭނަވެސް ކުޅުނީ ފަސޭހަކަމާއެކުގައެވެ.މުރުތަސިމްގެ އަތުގައި މަޑުމަޑުން ބޮނޑިއެއް އެޅުމާއެކު ހީގަތެވެ.
"އޯ ޕްލީޒް..."އޭނަގެ އަޑުގައިވީ މަލާމާތާއި ސަމާސާއެވެ." އެ ނެތަސް ފާހަގައެއްވެސް ނުވާނެ. އެތަން މިތާގައި ސިމްގެ ކިތައް އަވިއައިނު..."
ކޮޓަރިއަށް ހިމޭންކަން ފެތުރުނެވެ. އެ މެސެޖްވެސް ފޯރުކޮށްދިނެވެ. އެހުރިހާ އަމަލަކާއި ބަސްތަކެއް އަލީޒީ ނެގީ ހިމޭންކޮށެވެ.އެކަމަކު އަޑިއަޑިން އަލިފާންގަނޑުގައި ރޯވެ އަނދައިގަތުމާއެކު މުޅި ހަށިގަނޑަށް ހޫނުކަން ވެރިވިއެވެ. އޭނައަށް ވެވޭވެނަމަ އަހެދްގެ މޫނުމަތި ނޮޅައިލީހެވެ. އެންމެންނަށްވެސް ބޭނުންވަރަަކަށް މަލާމާތްކޮށްފައި ހެވިދާނެއެވެ. އެކަމަކު އެއިން އެކަކަށްވެސް ހަގީގަތެއް ނޭނެއެވެ. އޭނައާއި މުރުތަސިމްގެ ގުޅުމެވެ. މިއާއިލާއާއި ގޭތެރެ ކިތަންމެ ފުރިހަމަކަމުގައި ފެނުނަސް އަބަދަށް އެކަން ދިގުދެމިގެނެއްނުދާނެއެވެ. ދުނިޔޭގެ އެހެން އެއްޗެހި ފަދައިން އެ އުފާވެރިކަންވެސް ފަނާވާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ޚާއްސަކޮށް މާޒީ ޓަކިޖަހަން ފެށިއެވެ. މިހާރު އޭނައާއި ޖެހުނީއެވެ.
***
އަލީޒީ އެގެއިން ނުކުތުމުގެ ކުރިން މުރުތަސިމްއާއި ސަލާމްކޮށްލަން އަތް ދިއްކޮށްލީ ޖެހިލުމެއްނެތިއެވެ. އެންމެންގެ ސިކުނޑީގައި ސުވާލުމާކުތައް އިތުރުކުރަމުންނެވެ. އަހެދްއަށް ތަންކޮޅެއް ބާރަށް އަތުގައި ހިފަހައްޓައިލެވުނުއިރު އޭނަވެސް އަތް ދިއްކޮށްލީއެވެ. އެދެމީހުންގެ ލޮލުން ކޮންމެވެސް ވަރަކަށް ބަސްމޮށުނެވެ. މުރުތަސިމްގެ ބެލުމުން ދޭހަވަނީ އޭނަ ގުޅަންދެން އިންތިޒާރުކޮށް މިގެއަށް ނައިނަމައޭ ބުނާފަދަ ގޮތެކެވެ. ސަކީނާއާއި ޖޫރީވެސް ސަލާމްކުރަން އަވަސްވެގަތުމުން އެދެމީހުންގެ ނަޒަރު ވަކިވިއެވެ. އަހެދްއަށް އެވަގުތު ބާކީވިފަދަ ގޮތެއްވިއެވެ. އެގޮތަށް އޭނަ ބާކީކޮށްލެވިގެންނުވާނެއެވެ. އެއްވެސް މީހަކަށެވެ. މުރުތަސިމް އެލީޒީއާއި ސަލާމްކޮށްލަން ދިއްކޮށްލި އަތް ޖީބަށް ޖެހިއެވެ.
***
ފުރަންދާ ގަޑިޖެހުނުއިރު އާދައިގެ މަތިން ގޭތެރޭގައި އަޑުގަދަވެ އެކަކު އަނެކަކަށް ގެންދަން ޖެހޭ އެއްޗެހި ހަނދާންކޮށްދޭ އަޑުއިވެއެވެ. އެކި ހަރަކާތްތަކެވެ. މުރުތަސިމް އެހުރިހާ ކަމަކުން ހުސްވެ ގިނަވަގުތު އުޅުނީ ފޯނުގައެވެ. އޭނައާއި އަހެދް އެކަނި ވުމުން އެ އޮންނަ ހިމޭންކަމާއިހެދި އޭނައަށް އެންމެ ފަސޭހައީ އެންމެ ފަހު ވަގުތު ޕެކްކޮށްލުމެވެ. އަހެދްއަށްވެސް މުރުތަސިމްގެ ދުރުކަން ފާހަގަވިއެވެ. އެހާ ފައުޅުކޮށްނޫނެވެ. ނަމަވެސް އޭނައައި ހަތަރުހަމަކަޅި ނުކުރުމާއި އޭނައާއި ވާހަކަދައްކާއިރު ކުރިން ހުންނަ އޯގާތެރިކަން އަޑުގައި ނެތުން ފަދަ ކަންކަމެވެ. އެކަމަކު އޭނަ ހުރީ ހިމޭނުންނެވެ. ވާނީވެސް އެެހެން ނޫންހެއްޔެވެ؟ އެދެމީހުންގެ ދޭތެރޭގައި އޮތް ގުޅުމަށް ދޭންވީ ނަމެއް އޭނައަކަށްވެސް ނޭގެއެވެ.
***
މައިރާ ދަތުރު ތައްޔާރުވެ ނިމިގެން ބުރުގާ އަޅަން ހުރެފައި ބަލައިލިއިރު ޒަވިއާރު އިނީ ފޯނާއި ކުޅެލަ ކުޅެލައެވެ. މޫނުމަތިން ފެންނަނީ ފޫހިވެފައިއ އިންކަމެވެ.އޭނަގެ ހިތް ކުޑަކޮށް ސޮއްސާލައިގެން ދިޔައެވެ. ދެމީހުން އެކީގައި އުމްރާ ދަތުރު ދިޔުމަކީ އޭނަގެ ހުވަފެނެވެ. އެކަަކު ހަގީގަތަކީ ޒަވިއާރުގެ ޝައުގެއް ނެތުމެވެ. އޭނަ އުއްމީދު ގެއްލުވާނުލާނެއެވެ. ފަހަރެއްގައި މި ދަތުރުގެ ބަރަކާތުން އެދެމީހުންގެ ހީނަރުވެފައިވާ ގުޅުމަށް އާ ދިރުމެއް ލިބިދާނެއެވެ.
"ވަޓް؟" ޒަވިއާރު ބުމަ އަރުވައިލިއެވެ.
"އިހުރާމް އެޅީމަ ބައެއްކުދިން ވަރަށް ހެންޑްސަމްވާނެއޭ ހިތަށް އެރީ...."
ޒަވިއާރު ބުމަކައިރިކޮށްލިއެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް އަނެއްކާ ގެއްލުނީ ފޯނަށެވެ.
***
ގެއިން ނިކުންނަންވީ ވަގުތު އަހެދް ކޮޓަރިން ނުކުތީ ތިރިއަށް ފުޅާ ކަޅު އަބާޔާއަކާއި ނިގާބުގައެވެ. ދަތުރުވެރިއަކަށްވުރެ ބޮޑަށް ވައްތަރީ ސައުދީ އަންހެންކުއްޖަކާއެވެ. އެހާވެސް ޝާހީ ހިނގުމެކެވެ. ކުއްލިއަކަށް ބަލައިލާ މީހަކަށް ހަމަ ވައްތަރުވާނީ އަރަބި ކުއްޖަކާއެވެ. މުރުތަސިމް ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ދޫ ފަޓުލޫނެއްލައިގެންނެވެ. އިހްރާމް ހެދުން އަޅަން އޭނަ ނިންމީ ތަންކޮޅެއް ފަހުންނެވެ. އޭނައަށް އަހެދް ފެނުމުން ވަގުތުން ދުރުބަލައިލީއެވެ.
ހުރިހާ އަންހެންވެރިން އުމްރާއަށް ތައްޔާރުވެލައިގެން ނިކުތީ ކަޅުހެދުންތަކުގައެވެ. ޒަހްރާގެ މަޑުމައިތިރި ހުނުމުން އިރުގެ އަލިކަން ފަދައިން އެތަނުގައި ފެތުރުނެވެ.
"އެންމެން ބަލާލަ..ހަމަ ކާޅުގެ ޖަމާއަަތެއްހެން...އެހާ ވައްތަރު އެކަމަކު ތަފާތު...."ޒަހްރާ ސަމާސާކޮށްލިއެވެ. އަދި ބާބިލް ފެނުމުން ހިނިތުންވުން ފުޅާވިއެވެ."ބާބިލް...ހާދަ ރީއްޗޭ ކަޅު ހެދުން ލީމަ...ވަރަށް ގުޅޭ. ތަންކޮޅެއް ގިނައިން އަބާޔާ ލާންވާނެ..."
ބާބިލް ލަދުރަކިގޮތަކަށް ހީލިއިރު އަލްބާން އެހެން މީހުންނަށްވެސް އިވޭވަރަށް އެއްޗެއް ބުނެލިއެވެ.
"މަންމަގެ ތި ވާހަކައާއި އެއްބަސް..."
އެންމެންގެ އުފާވެރިކަމާއި ހިމޭންކަންފެނި ޒަވިއާރު ހީލިއެވެ." އެހެންވީމަ މަންމަގެ ހިތް އަތުލެވެނީ މިގޮތަށް؟ ކަޅު އަބާޔާއަކުން؟ދެން ކޮންމެހެން ކަޅު އެއްޗެއް ލާންޖެހޭތަ؟ އެހެން ކުލަތައް ލިޔަސް ހަމަ އަޅުވެރިވެވިދާނެ ދޯ..."
"ކޮންމެހެން ވަކި ކުލައެއްވެގެނެއް ނޫން..ޒަވިއާ..އެއީ އެކުލަ ރަމްޒުކޮށްދެނީ ހިތްތިރިކަން އަދި ބޮޑާކަމެއްނެތްކަން.."ޒަހްރާ އެއްލޯ މަރައިލިއެވެ."އެކަމަކު ކަޅުކުލަ އެންމެންގެ ރީތިކަން އިތުރުކޮށްދޭ ކުލައަކަށް ވަނީ.."
އަހެދް އެއްޗެކޭ ނުބުންޏަސް ނިގާބުގެ ފަހަތުގައި ފިލާހުރެ ހީލިއެވެ. އޭނައަސް ސިއްރުން ބަލައިލެވުނީ މުރުތަސިމްއަށެވެ. އެލޮލުން އެއްވެސް ކަހަލަ ހޫނުކަމެއް ފެނިލުމަށް އެދިއެވެ. އެކަމަކު އޭނަ އުޅުނީ ކާރުގެ ތަޅުދަނޑި ނުފެނިގެންނެވެ. ކޮންމެ ގޮތެއްވިޔަސް މާހައުލުގައި އެހެންކަހަލަ މުގައްދަސްކަމެއްވިއެވެ. ފަހަރެއްގައި ހުނުމާއި ދުރުހިލޭކަމުގެ ތެރެއިންވެސް ހިތްތައް ތައްޔާރުވަމުން އައީ ހަމައެކަނި ދަތުރަކަށްވެސް ނޫނެވެ.
ނުނިމޭ