ޑެންމާކުން ރިޓަޔާ ކުރާ އުމުރު މުސްތަގުބަލުގައި 70 އަހަރަށް މަތި ކުރުމަށް އެ ގައުމުން ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
ދެހާސް ވަނަ އަހަރުން ފެށިގެން ޑެންމާކުން އަންނަނީ ރަސްމީ ރިޓަޔާމަންޓް އުމުރު ކޮންމެ ފަސް އަހަރަކުން އެއް އަހަރު އިސްލާހުކުރަމުންނެވެ.
ޑެންމާކުގެ މިހާރުގެ ރިޓަޔާމެންޓު އުމުރަކީ 67 އަހަރެވެ. އޭގެފަހުން 2030 ވަނަ އަހަރު 68 އަށް އަދި 2035 ވަނަ އަހަރު 69 އަހަރަށް މަތިވާނެއެވެ.
ޑެންމާކުގައި ރިޓަޔާ ކުރެވޭ އުމުރު 70އަށް މަތިކުރުމުން އެ ގައުމު ވާނީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން، އެންމެ ދޮށީ އުމުރުގައި ރިޓަޔާ ކުރާ މީހުން ތިބޭ ގައުމަށެވެ.
ރިޓަޔާ ކުރެވޭ އުމުރު މަތި ކުރުމަށް ޑެންމާކުން ބުރާސްފަތި ދުވަހު ގާނޫނު ފާސްކޮށްފައި ވަނީ 81 މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް ރިޓަޔާމެންޓު އުމުރާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާކުރާނެ ކަމަށް ބޮޑުވަޒީރު މެޓް ފްރެޑްރިކްސަން ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މިހާރު ގަބޫލެއް ނުކުރަން ރިޓަޔާމަންޓް އުމުރު އޮޓޮމެޓިކުން އިތުރުކުރަން ޖެހޭ ކަމަކަށް،" އޭނާ ވިދާޅުވިއެވެ.
ރިޓަޔާމެންޓް އުމުރު މަތިކުރާތީ ގުޅިގެން ޑެންމާކުގެ ބައެއް އާންމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާ ދެކޮޅަށް ޓްރޭޑް ޔޫނިއަންތަކުގެ ތާއީދާއެކު، ކޮޕަންހޭގަންގައި މިދިޔަ ހަފުތާގައި ވަނީ މުޒާހަރާތައް ވެސް ކޮށްފައެވެ.
ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ރިޓަޔާ ކުރާ އުމުރުތައް ތަފާތެވެ. ގިނަ ސަރުކާރުތަކުން ފާއިތުވި އަހަރުތަކުގައި ވަނީ ރިޓަޔާމަންޓް އުމުރު މަތިކޮށްފައެވެ.
ސްވިޑެންގައި އެންމެ އަވަހަށް ޕެންޝަން ލިބޭނީ 63 އަހަރު ވުމުންނެވެ.
އިޓަލީގައި ޕެންޝަން އުމުރަކީ 67 އަހަރެވެ. ނަމަވެސް 2026ގެ ނިޔަލަށް އެ ގައުމުގައި ވެސް އެ އުމުރު މަތިކުރާނެ ކަމަށް ބެލެވޭ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
އިނގިރޭސިވިލާތުގައި މިހާރު އޮތް ގޮތުން އޮކްޓޯބަރު 6، 1954 އާއި 5 އޭޕްރީލް 5، 1960 އާ ދެމެދު އުފަންވެފައިވާ މީހުންނަށް ޕެންޝަން ލިބެނީ އުމުރުން 66 އަހަރުގައެވެ. ނަމަވެސް މި ތާރީޚަށްފަހު އުފަންވާ މީހުންނަށް ދައުލަތުގެ ޕެންޝަން އުމުރު މަޑުމަޑުން އިތުރުވާނެއެވެ.
ފްރާންސްގައި ރިޓަޔާ ކުރާ އުމުރު 62 އަހަރުން 64 އަހަރަށް 2023 ވަނަ އަހަރު ވަނީ މަތިކޮށްފައެވެ.