ޓެގު އަޅުވައި ދޫކުރަން މިހާތަނަށް އެދުނީ 'ދެ ތިން' މީހަކު، އެއްވެސް މީހަކު ދުލެއްނުކުރޭ

މީހެއްގެ ފައިގައި މީގެ ކުރިން ޓެގް އަޅުވާފައި: ވާނުވާ ބަންދުގައި ތިބޭ މީހުން ޓެގު އަޅައި ދޫކުރަން އެދި، މިދިޔަ ބުރާސްފަތި ދުވަހު ދެތިން ފޯމެއް ލިބުނު ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައި -- ފޮޓޯ/ ފުލުހުން

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ 'ވާނުވާ ބަންދު' ޖަހާފައި ތިބި މީހުން، އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ޓެގު އަޅުވައި ދޫކުރުމަށް އެދި މިހާތަނަށް ލިބިފައިވަނީ 'ދެ ތިން' މީހެއްގެ ފޯމް ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ވާނުވާ ބަންދުގައި ތިބޭ މީހުން ޓެގު އަޅުވައި ދޫކުރަން ނިންމާފައިވާކަން ޕީޖީ އޮފީހުން ހާމަކުރީ މިދިޔަ ބުދަ ދުވަހެވެ.

އެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން, އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމައިފައިވާ ކަމަށެވެ.

'ސަން'އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ ކަމަށް އެދި ހުށަހަޅާ ފޯމުތައް ލިބެންފެށީ މިދިޔަ ބުރާސްފަތީގައި ކަމަށާއި، އެހައިތަނަށް ދެތިން ފޯމެއް ލިބުނު ކަމަށެވެ.

އެހެން ނަމަވެސް މިހައިތަނަށް އެގޮތަށް އެއްވެސް މީހަކު ދޫކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަމުގެ އުސޫލު އޮންނަ ގޮތުން، ފޯމުތައް ލިބުމާއެކު، އެ މީހުން ދޫކޮށްލައިފިނަމަ، މުޖުމަތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމުގެ އެސެސްމަންޓެއް ހެދުމަށް ފުލުހުންގެ ޚިދުމަތުގައި ޕީޖީން އެދޭނެއެވެ. އަދި ކޮންމެ މީހަކު ނަމަވެސް، މި ނިޒާމުގެ ތެރެއިން ބަންދުން ދޫކުރާނީ ފުލުހުންގެ ލަފާގެ މަތިން މޮނިޓާ ކުރުމަށް ފަހުގައެވެ.

"އެހެންވީމަ އަދި ދުވަސްކޮޅެއް ވާނެ ސީދާ ބަންދުން ދޫވާން ފަށަން. އެކަމަކު މިހާރު ފޯމުތައް ބަލައިގަންނަން. ފޯމުތައް އަޅުގަނޑުމެންނަށް ލިބެމުންދަނީ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

https://sun.mv/206320

އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ މީހުންނަށް، ޕީޖީ އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި ބަންދުގައިވާ މީހާގެ ވަކީލު މެދުވެރިކޮށް ލުޔަށް އެދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ވާނުވާ ބަންދު ޖަހައިފައި ތިބި މީހުން މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، އެއް ފުރުސަތު ދޭ ގޮތަށް ދޫކޮށްލުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ)އާއި ޕީޖީއާ މަޝްވަރާކުރައްވާނެ ކަމަށް މިމަހުގެ ހަތް ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ތިބޭ މީހުން ކުށެއް ސާބިތުނުވަނީސް، އެތައް އަހަރެއް ޖަލުގައި ހޭދަކުރަން ޖެހޭ ހާލަތްތައް ބައެއް ފަހަރު ދިމާވާއިރު، އެ މައްސަލަ ހައްލުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

ވާނުވާ ބަންދުގައި އެންމެ ގިނަ ދުވަސް ހޭދަކުރި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު މީހަކު، ބަންދުގައި ހަ އަހަރު ހޭދަކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މާރިޗް މަހު ނެރުނު އަހަރީ ރިޕޯޓުގައިވެއެވެ. އަށް މީހަކު ފަސް އަހަރު ބަންދުގައި ހޭދަކޮށްފައިވާއިރު، ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 22 މީހަކު ޖަލުތަކުގައި ތިބި ކަމަށް އެ ރިޕޯޓުގައިވެއެވެ.

comment ކޮމެންޓް