އިމިގްރޭޝަނުން 50 މުވައްޒަފުން ހޯދަން މިއަދު ކުރިއަށްގެންދާ ވޯކް-އިން އިންޓަވިއުތަކުން ޖާގަ ހޯދުމަށް، ގަލޮޅު ސްކޫލް ކައިރީގައި ކިޔޫ ދަމާލައިފިއެވެ.
ވޯކް-އިން އިންޓަވިއުއަކީ ކުރިއާލާ ފޯމު ހުށަހެޅުމެއް ނެތި، ވަޒީފާ ހުށަހަޅާ ތަނަކުން ބުނާ ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަކަށް ގޮސް ވަގުތުން ކުރާ އިންޓަވިއުއެވެ. މިފަދަ އިންޓަވިއުތަކަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް މީގެ ކުރިން ކުރާ އިންޓަވިއުތަކެކެވެ.
އިމިގްރޭޝަނުން 50 އޮފިސާ ޓްރެއިނީސް ހޯދަން އިންޓަވިއުތައް ބާއްވާނެކަން އިއުލާންކުރީ މިދިޔަ އަންގާރައިގައެވެ. އަދި އެ އިންޓަވިއުތައް މިއަދު ކުރިއަށްގެންދާނެކަން އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ.
މިއަދު 9:00ގައި ގަލޮޅު ސްކޫލުގައި އިންޓަވިއުތައް ފަށައިފައިވާއިރު، އެ ސްކޫލް ކައިރީ ދުވާރުމަތީގައި، މުޅި މަގުގައި މީހުން ވަނީ ކިޔޫ ހަދައިފައެވެ. އެ އިންޓަވިއުތައް ބާއްވާނީ 17:00ގެ ނިޔަލަށެވެ.

އިމިގްރޭޝަންގެ ވޯކް-އިން އިންޓަވިއުއަށް ކިޔޫ ހަދައިފައި: އިމިގްރޭޝަނުން ހޯދަނީ 50 އޮފިސާ ޓްރެއިނީސް -- ފޮޓޯ/ އިމިގްރޭޝަން
އެ އިންޓަވިއުގެ އެންމެ ފުރަތަމަ މަރުހަލާގައި ޝަރުތު ހަމަވާ މީހުން ދެނެގަނެއެވެ. އަދި ޝަރުތު ހަމަވާ މީހުންނަށް ޓޯކެން ނަންބަރެއް ދޭއިރު، އެ ނަންބަރު ސްކޫލުންނާއި އިމިގްރޭޝަންގެ ވެބްސައިޓުން ވެސް ފެންނަން ހުންނާނެއެވެ.
އެ ވަޒީފާއާ ގުޅުމުގެ ޝަރުތުތަކަކީ ސާނަވީ (ސެކަންޑަރީ) ނުވަތަ އެއާ އެއްވަރުގެ އިމްތިހާނަކުން ދެ މާއްދާއިން މަދުވެގެން "ޑީ" ގްރޭޑް ހާސިލްކޮށްފައިވުމާއި ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓަކުން މަދުވެގެން ދިވެހި ބަހުން "ސީ" ގްރޭޑެއް ހާސިލްކޮށްފައިވުމެވެ. ނުވަތަ އެމްއެންކިޔުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައި ވުމެވެ. އަދި އުމުރުން 40 އަހަރުން ދަށުގެ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ އިންޓަވިއުތައް ގަލޮޅު ސްކޫލްގެ ޖުމްލަ ހަ ކްލާސްރޫމެއްގައި ހަ ޕެނަލަކުން ކުރިއަށްގެންދެއެވެ.
އެ އިންޓަވިއުއަށް ދާއިރު ފުރިހަމަކޮށްފައިވާ ޖޮބް އެޕްލިކޭޝަން ފޯމާއި ސީވީއާއި އައިޑީ ކާޑުގެ ކޮޕީއާއި ތައުލީމީ ސެޓްފިކެޓްތައް ގެންނަން އިމިގްރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ.
މި މަގާމަށް މުސާރައަށް 6،500 ރުފިޔާ ލިބޭއިރު ސާވިސް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،500 ރުފިޔާއެވެ. އަދި ބޭސިކް ތަމްރީނު ފުރިހަމަ ކުރުމުން، ސްޕެޝަލް ސާވިސް އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ލިބޭނެއެވެ.
އިމިގްރޭޝަނަކީ ޕާސްޕޯޓްގެ ޚިދުމަތް ދިނުމުގެ އިތުރުން ރާއްޖެއަށް އެތެރެވާ މީހުންނާއި ބޭރުވާ މީހުންގެ ކަންކަން ބަލަހައްޓާ އިދާރާއެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ވެސް އިމިގްރޭޝަނުގެ ޒިންމާއެކެވެ.
ކިތަންމެ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ހިންގަމުން އައި ނަމަވެސް އިމިގްރޭޝަނަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރީންސުރެ ކުރެވޭ އިދާރާއެކެވެ. ޚާއްސަކޮށް ބިދޭސީންނަށް ކޯޓާ ދޫކުރުމާއި ބިދޭސީން ބެލެހެއްޓުމުގެ ކަންކަމުގައި ނާޖާއިޒު ފައިދާ އެތަނުގެ ބައެއް މުވައްޒަފުން ނަގާ ކަމަށް ތުހުމަތު ކުރެވެއެވެ.
ރާއްޖޭގައި 2022 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީ 515,132އަށް އަރާއިރު، މަސައްކަތު އުމުރުގެ އާބާދީ، އެއީ 15 އަހަރުން މަތީގެ އާބާދީއަކީ 411،219 އެވެ. އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މަސައްކަތް ލިބިފައިނުވާ އާބާދީއަކީ 9،244 (ތިން ޕަސެންޓް)އެވެ.