ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ދައުވާ ލިބުނު ހަތް މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ.
މަރުތޭލަކުން ޝަމީމަށް ހަމަލާދިނީ މިދިޔަ އަހަރުގެ ޖެނުއަރީ 31ގައެވެ. މި ހާދިސާއާ ގުޅިގެން ޝަމީމަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ހަތް މީހުންގެ ތަހުގީގު ނިންމައި، ދައުވާކޮށްގެން އެދި ފުލުހުން ޕީޖީއަށް ހުށަހެޅީ މިދިޔަ އަހަރުގެ އޮގަސްޓު 18ގައެވެ.
ޕީޖީ ޝަމީމަށް ހަމަލާ ދިން މައްސަލައިގެ ދައުވާ ލިބޭ މީހުން
- ތ. ގާދިއްފުށި، މުސްތަރީގޭ އުމުރުން 21 އަހަރުގެ ޝަމާލް ހުސައިން
- އދ. މާމިގިލި، ކެމީހިޔާ، އުމުރުން 23 އަހަރުގެ ޒަޔާން ނަސީރު
- ތ. ދިޔަމިގިލި، ރުވާ، އުމުރުން 23 އަހަރުގެ އަބާން އަބްދުލް ހަންނާނު
- ލ. މާމެންދޫ، މުރިނގު، އުމުރުން 22 އަހަރުގެ ރަޖުވާން ލަތީފް
- ރ. އަލިފުށި، ރިވެލި، އުމުރުން 24 އަހަރުގެ މިދުހަތު އާދަމް
- ލ. ގަން، ޖަވާހިރުވިލާ، އުމުރުން 22 އަހަރުގެ މުހައްމަދު ޖަޒްލާން
- މާލޭ ދަފްތަރު ނަންބަރު 2247، އުމުރުން 20 އަހަރުގެ އަހުމަދު މައިސާން ހާޝިމް
މި ހަތް މީހުންގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާއެވެ.
މި މައްސަލައިގައި މިދިޔަ މަހުގެ 14ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށެވެ.
"ސަން"އަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުން މިއަދު ބުނީ، މި މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތު އަންނަ ހޯމައަށް ހަމަވާއިރު، އޭގެ ކުރިން އިސްތިއުނާފަށް ހުށަހަޅާނެ ކަމަށެވެ.
އެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ނިންމީ، ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީއެވެ.
ކެމެރާ ފުޓޭޖުން ފެންނަ ގަޑި ދިމާނުވާތީ އެންމެ މުހިންމު ހެއްކާމެދު ޝައްކު އުފެދޭކަން މައްސަލަ ބެއްލެވި ޣާޒީ އިބްރާހީމް އިހްސާން ކުރެއްވި ހުކުމުގައިވެއެވެ.