ހދ. ނޮޅިވަރަމުގައި އުމުރުން ދުވަސްވީ މީހަކު މޫދަށްއެރި އުޅެނިކޮށް މިއަދު މަރުވެއްޖެއެވެ.
މިކަމާ ގުޅިގެން "ސަން"އާ މައުލޫމާތު ހިއްސާކުރަމުން ނޮޅިވަރަމު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ މަރުވެފައި ވަނީ އުމުރުން 66 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ޔޫސުފް މޫސާ ވިދާޅުވީ އޭނާއަކީ އާންމުގޮތެއްގައި ކޮންމެ ދުވަހަކުވެސް މެންދުރު ނަމާދުގެ ކުރިން މޫދަށް އެރެންދާ މީހެއްކަމަށެވެ.
"އޭނާއަކީ ބައެއް ފަހަރު ފިޓުޖެހޭ މީހެއް. ދެން މެންދުރު ގަޑީގަ 11:00 ނުވަތަ 11:30 ހާއިރު މޫދަށްގޮސްފަ އެކަމެއްވީ. އަޅުގަނޑަށް މައުލޫމާތު ލިބުނީ 17:38ގައި." ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވިއެވެ.
ޔޫސުފް މޫސާ ވިދާޅުވީ މޫދަށް ދިޔަފަހުން ޚަބަރެއް ނުވެ، އަސުރު ނަމާދު ވީއިރު ވެސް ގެއަށް ނައުމުން އޭނާ ހޯދަން ފެށިކަމަށެވެ. އަދި އޭނާ ފެނުނީ އިރުއޮއްސި ހައެއްޖަހާ އެހާއިރު ކަމަށް ވެސް ޔޫސުފް މޫސާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން، ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖުގައި ވަނީ އުމުރުން ދުވަސްވީ އެމީހާ މިއަދުގެ 11:30 ހާއިރު މަސްގަންނަން ދިޔަފަހުން ހަބަރެއް ނުވެގެން މިއަދުގެ 17:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.
އޭނާ ހޯދަމުންދަނިކޮށް ފެނިފައިވަނީ އެރަށުގެ އޮޑިއެހެލާ ސަރަހައްދުގެ މޫދުގައި މަރުވެފައި އޮއްވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ގެނބިގެން ނުވަތަ އެ ނޫންވެސް ގޮތްގޮތުން މޫދުގައި މީހުން މަރުވާ މައްސަލަ ރާއްޖޭގައި ދޭތެރެއަކުން ފެންމަތިވެއެވެ. ދާދިފަހުންވެސް މާލޭގެ ނޯތު ހާބަރުގައި ގެނބުނު މީހަކު ސަލާމަތްކޮށްފައި ވެއެވެ.