"ތޭންކްސް." އަފްނާން ބުނެލިއެވެ. މަޑުމައިތިރިކަމާއެކުގައެވެ.

ޔޫޝައުއަށް ލިބުނީ ހައިރާންކަމެކެވެ. އެ މޫނުމައްޗަކުން ނުރުހުންތެރިކަމުގެ އަސަރުވެސް މިއަދަކު ނުފެނެއެވެ. އެހެންޏާ އެ ހުންނަ ރުންކުރުކަމެއްވެސް އެ އަޑަކު ނުވެއެވެ. ޔޫޝައުގެ ހައިރާންކަން އޭނާގެ މޫނުމަތީން ފާޅުވާކަށް ވެސް ގިނަ އިރެއް ނުނެގިއެވެ. އަފްނާން އެހާ ހަމަޖެހިފައި އިން ތަނެއް މިފަހުން އޭނާއަށް ފެނިފައެއް ނުވެއެވެ. ވީއިރު ހައިރާންވާނެ ނޫން ހެއްޔެވެ؟ އޭނާ އެއްޗެއް ނުބުނެ އިންއިރު ހީވީ އެކަމުގެ ތަފްސީލް އަފްނާންގެ ކިބައިން އެނގެން ބޭނުންވެފައި އިންހެންނެވެ.

"ފޯ އެވްރީތިންގ." ސީދާ ސީދަލަށް ބުނުމުގެ ބަދަލުގައި އަފްނާން ވާހަކަ ދައްކަމުން ދިޔައީ ދުރުދުރުންނެވެ. ޔޫޝައުއަށް ބުމަ އަރުވައިލެވުނެވެ.

"ކޮން ހުރިހާކަމަކަށް؟" އޭނަ އަހައިލިއެވެ. އަފްނާންއަށް އައިސްފައިވާ ބަދަލުތައް ދެނެގަންނަން ޔޫޝައު އިނީ ނުކުޅެދިފައެވެ.

"މި ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި އަހަންނަށް ނުކުރެވުނު އެތަކެއް ކަމެއް ޔޫޝައު ކޮށްދީފީމު. އެކަމަށްޓަކައި ޝުކުރު އަދާމިކުރަނީ… އަހަންނަށް އެނގޭ މައުވާގެ ގާތުގައި މި ދިޔަ ދުވަސްތަކުގައި ޔޫޝައުއާ ޒާޔާއާ ދެމީހުން ތިބިކަން. މައުއަށް ތި ދެމީހުން އެންމެ ބޭނުންވި ދުވަހު.... އެކަމަށްޓަކައި ޝުކުރު އަދާ މިކުރަނީ. މައުދެކެ… މައު ދެކެ ޔޫޝައު އެހާ ލޯބިވާތީ. އަމިއްލަ ހިތުގެ މުރާދު ހާސިލްކުރުމުގެ ބަދަލުގައި ޔޫޝައު އިސްކުރީ މައުގެ އުފާތައް. މައުގެ ހިތުގެ ހަމަޖެހުން. މައުގެ އުފާތައް. އަހަންނަށް އެނގޭ ޔޫޝައު ވެސް މައުއަށް ދެރައެއް ލިބެން ދުވަހަކު ނޭދޭނެކަން. އަދި އަބަދުވެސް ޔޫޝައުއަށް އެންމެ އިސްވާނީ މައުގެ އުފާތައްކަން. މައުއަށްޓަކައި ޔޫޝައުކުރި ކަންތަކަކީ އަހަންނަށް ދުވަހަކުވެސް ކުރެވޭނެ ކަންތައްތަކެއް ނޫން. އެ ހުރިހާކަމަކަށް ޝުކުރު މިކުރަނީ." އެތަކެއް ވާހަކައެއް ދައްކާލާފައި ލީ ފުންނޭވާއާއެކު އަފްނާން ޔޫޝައުއަށް ބަލައިލިއެވެ. އަފްނާންގެ ވާހަކަތަކުން ނަގަންވީ މާނައެއް ނޭނގި ޔޫޝައުއަށް އިނދެވުނުއިރު ހިތުގައި ތަފާތު ސުވާލުތައް އުތުރި އަރަން ފެށިއެވެ. އެހެންނަމަވެސް އޭނާއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތު ދިނީ އަފްނާން ވާހަކަ ދެއްކިއެވެ.

"މައު ޔޫޝައު ދެކެ ލޯބިނުވިއެއްކަމަކު، އޭނައަށް ޔޫޝައުފަދަ އެކުވެރިއެއް ނުލިބޭނެކަން ޚުދު އޭނަވެސް ޤަބޫލުކުރޭ. އޭނަ ޔޫޝައުއަށް ރެސްޕެކްޓްވެސް ކުރޭ." އަފްނާން އެހެން ބުނުމާއެކު ކުޑަކޮށް ދެފަރާތަށް ބޯ ހޫރާލާފައި އަތުން ޔޫޝައު އިޝާރާތްކޮށްލީ މަޑުކުރުމަށެވެ. އިތުރު އެއްޗެއް އަފްނާން ބުނުމުގެ ކުރިން، އޭނާ ކޮންމެވެސް އެއްޗެއް ބުނަން ބޭނުންވިއެވެ.

"ވެއިޓް ވެއިޓް. ޔޫ މެޓް ހާރ؟" ހިތުގައި އުފެދުނު ސުވާލު ޔޫޝައު ކޮށްލިއިރު އޭނާގެ ހިތް ތެޅިލިއެވެ. އަފްނާން ބޯ ޖަހައިލިތަން ފެނި ޔޫޝައުގެ ހިތުގައި ރިއްސައިލިއެވެ. އޭނާގެ ލޯތްބަށް ދެކޮޅު ހަދާފައި މައުވާ އަފްނާންއާ ބައްދަލުކޮށްފައި ދެއްކީ ކޮން ވާހަކަަތަކެއްކަން ނޭނގުނު ނަމަވެސް، އަފްނާންގެ ފަރާތުން ފެނިގެންދާ އަސަރުތައް ދޭހަކޮށްދެނީ އެ ދެމެދުގައި ވަރަށް ގިނަ ވާހަކަތައް ދެކެވުނުކަމެވެ. އަނެއްކާ މައުވާ އަފްނާންއަށް ދެވަނަ ފުރުސަތެއް ދިނީ ހެއްޔެވެ؟ އަލުން އެ ދެމީހުން ގުޅުނީ ހެއްޔެވެ؟ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި މައުވާ އެންމެފަހުން އަފްނާންއަށް މާފުކުރީ ހެއްޔެވެ؟

"މައު އަހަރެންގެ ގާތުގައި ޔޫޝައު ދިފާޢުކުރި. ވެދިޔަ އެއްވެސް ކަމަކަށް ޔޫޝައުއެއް ކުށްވެރިއެއް ނުކުރޭ." އަފްނާން ޔޫޝައުއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ.

"ކުށްވެރިނުކުރުމަކުން ކޮބާ ފައިދާއެއް؟" އަފްނާންއާ މައުވާއާ ދެކެވުނު ވާހަކަތައް އެނގި ޔޫޝައުއަށް ވައި އަޑުން އެހެން ބުނެވުމާއެކު އިސްޖަހައިލެވުނެވެ. އަފްނާންއަށް ޔޫޝައު އެބުނި އެއްޗެއް ސާފުވާގޮތެއް ނުވިއެވެ. އެހެންކަމުން އޭނާއަށް ޖެހުނީ އެބުނި އެއްޗެއް ސާފުކޮށްލަން ދެވަނަ ފަހަރަށް ސުވާލުކޮށްލާށެވެ.

"ސޯ ޝީ ގޭވް ޔޫ އެނަދަރ ޗާންސް." އަފްނާންގެ ވާހަކަތަކުން ޔޫޝައުއަށް އެނގުނުކަމަކީ މައުވާ އަފްނާންއަށް މާފުކޮށްފިކަމެވެ. އެހެންނަމަވެސް ޔަޤީންކުރަން ބޭނުންވެ އޭނާ އެ ސުވާލުކޮށްލީއެވެ. އޭރު ހިތުގައި ދިލަތަދެއް އުފަންވެއްޖެއެވެ. އަލަތު ލޯބި އަތުން އެކީ ބީވެގެންދިޔަ އިޙްސާސްއާއެކު، އަލުން ދެން އޭނާއަށް އެއްވެސް ފުރުސަތެއް ނެތްކަން އެނގި ޔޫޝައުއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނުއިރު އޭނާގެ ހިތް ދިޔައީ ބާރަށް ރޮމުންނެވެ. ގިސްލަމުންނެވެ. އަންނަމުން ދިޔަ ބަދަލުތައް ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިއެއްކަމަކު، މާޔޫސްކަން މޫނުމަތިން ފާޅުވާން ފަށައިފިއެވެ. ހިތުގެ ގިލަންވެރިކަން ނާއުންމީދުގެ ސިފައިގައި ފެންނަން ފަށައިފިއެވެ. އޭނާއަށް އިސްޖަހާލައިގެން އިނދެވުނީ ވެސް އެހެންވެ ކަންނޭނގެއެވެ.

ޔޫޝައު އެހެން ބުނެލި ގޮތުން، އަފްނާންއަށް ދެން އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހިމޭންކަމުގައި އެއްޗެއް ނުބުނެ އޭނާއަށް އިނދެވުނީއެވެ.

"އެހެންވީމަ އެކަންތައް އަހަންނަށް އަންގަަދޭންތަ ތިއައީ؟" އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވައިލަން މަސައްކަތްކުރަމުން، ޔޫޝައު އަފްނާންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ."އަހަންނަށް މަލާމާތްކުރަން؟"

"ނޫން! ހަމަ އަސްލުވެސް އަހަރެން ޔޫޝައުއަށް ޝުކުރު އަދާކުރަން އައީ. އެންމެން ޔޫޝައުހާ ހިތްވަރު ގަދައެއް ނުވާނެ. މިއަދު އަހަންނަށް ވެސް ޔަޤީންވެއްޖެ ޔޫޝައުއަކީ ހިތް ގޯސް މީހެއް ނޫންކަން. އަހަރެމެންގެ އެކުވެރިކަމަށް ބުރޫ އެރީ ވަގުތާ ޙާލަތުގެ ސަބަބުން. އަދި އެ ޙާލަތު އެގޮތަށް ދިމާވުމުގެ މެދުވެރިއަކަށްވީ އަހަރެން. ވީއިރު މިއަދު ހުރިހާކަމެއްގައި ޔޫޝައު ބްލޭމްކުރުމުގެ އެއްވެސް ސަބަބެއް ނެތް. ވެދިޔަ ހުރިހާކަމަކަށް އަހަރެން ޒިންމާނަގާނަން. އަހަރެމެންގެ އެކުވެރިކަން ރޫޅެން މެދެދުވެރިވީ އަހަރެންގެ ސަބަބުން. އަހަންނަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫންނަމަ މިއަދު ވެސް އަހަރެމެން އަދިވެސް އުޅޭނީ އެކުވެރިން ގޮތަށް. އައެމް ސޮރީ." އަފްނާންގެ އަޑުގައިވަނީ އޭނާ ވެދިޔަ ކަންތަކާ މެދު ދެރަވެ ހިތާމަކުރާކަމުގެ އަސަރުތަކެވެ. އެ ވާހަކަތަކުން އޭނާ އަމިއްލަ ނަފްސު ކުށްވެރިކުރާކަށް ޔޫޝައުއަށް ވެސް އެނގުނެވެ.

"ކޮންމެ ގޮތެއްވިޔަސް، އަހަންނަށް ޔޫޝައު ކަހަލަ ރަޙްމަތްތެރިއެއް ދެނެއް ނުލިބޭނެ. އެކަން އަހަންނަށް ޔަޤީން." އަފްނާން ބުނެލިއެވެ. ޔޫޝައު އެއްޗެއް ނުބުނި ނަމަވެސް ފާއިތުވެ ދިޔަ މާޒީގައި ހިނގާފައިހުރި ހުރިހާކަމަކާ މެދު އޭނާއަށް ވިސްނައިލެވުނެވެ. އެންމެ ފުރަތަމަ މައުވާއާ ދިމާވި ހިސާބުން މިއަދާ ހަމައަށެވެ.

"އިފް ޔޫ ހާރޓް ހާ އެގެއިން އައިލް ކިލް ޔޫ!" ކުއްލިއަކަށް ޔޫޝައު އިއްވައިލިއެވެ. އޭނާ ހީވީ އަފްނާންއަށް އިންޒާރެއް ދިންހެންނެވެ. މައުވާ އިތުރަށް ދެރަކޮށްފިނަމަ އޭނާއަށް ވުރެ ނުބައި މީހަކު ނުހުންނާނެޔޭ އެ ނަޒަރުން އެކަނިވެސް ބުނާ ފަދައެވެ. އަފްނާންގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ލުއި އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ ހިތާމައެއް ފޮރުވިފައިވިއެވެ.

ޔޫޝައު ތެދުވިއެވެ. އަފްނާންވެސް އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރިއެވެ. ޔޫޝައު ނުކުތުމުން އޭނާ ގޮނޑީގައި ލެނގިލައިގެން އިރުކޮޅަކު އިނެވެ. ކުރިމަތީގައި ހުރި ކޮފީތަށި ތުމުގައި ޖަހާ އޭގެން އެތިފޮދެއް ބޮއިލިއެވެ. ޔޫޝައުއަށްޓަކައި އޭނާ ދެރަވެސް ވިއެވެ. ޔޫޝައުއަކީ މައުވާ ބުނިހެން ހަމަ ހަޤީގަތުގައިވެސް ހިތް ރަނގަޅު އެހެން މީހުންގެ އިޙްސާސްތަކަށް ޤަދަރު ކުރަން ދަންނަ މީހެއްކަން އޭނާއަށް އެއްވެސް ޝައްކެތް ނެތް މިންވަރަށް މިއަދު ޤަބޫލުވެސް ކުރެވިއްޖެއެވެ.

*****

ޒާޔާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. މައުވާ ގުޅާފައި އޭނާ އަފްނާންއާ އަލުން ގުޅުނު ވާހަކަ ބުނުމުން ޒާޔާއަށް ވިސްނެނީ އެކަމާއެވެ. އޭނާ ޔޫޝައުއަށް މެސެޖުކޮށްފައި ބައްދަލުކުރަން އެދުމުންވެސް، ޔޫޝައު އޭނާ ބިޒީކަމަށް ބުނެ އެއްބަހެއް ނުވިއެވެ. އެހެން ހުއްޓާ ޒާޔާގެ ފޯނު ރިންގުވިއެވެ. ގުޅީ ނުވެސް ދަންނަ ނަންބަރަކުންނެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު "ހެލޯ" އޭ ބުނެލިއެވެ.

"ހައި ބޭބީ." އެކޮޅުން އިވުނީ ރަޔާންގެ އަޑެވެ. އޭނާގެ ހިތުގެވެރިޔާގެ އަޑެވެ.

"ރެ… ރެން!. މާލޭގަތަ؟' ފޯނު ކަންފަތާ ދުރުކޮށްލަމުން ނަންބަރަށް ބަލައިލާފައި ޒާޔާ އަނެއްކާވެސް ފޯނު ކަންފަތުގައި ޖައްސައިލިއެވެ. އޭރު އޭނާގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ހިނގައްޖެއެވެ.

"ރީތިވެގެން ނުކުމެބަ. އައެމް ވެއިޓިން. ތިރީގަ މީނީ." ރަޔާން ބުނެލިއެވެ.

"ދޮގު. ރަޔާންއަށް ކިހިނެއް މިގެ އެނގޭނީ؟" ޒާޔާ ބުންޏެވެ.

"ސީރިއަސްކޮށޭ." ރަޔާންގެ ލުއި ހުނުމެއްގެ އަޑު ޒާޔާގެ ކަންފަތުގައި ޖެހުނެވެ. އެއާއެކު އޭނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އަސްލުތަ؟" ޒާޔާއަށް އަދިވެސް އެކަން ޤަބޫލުނުކުރެވިގެން އުޅޭ ފަދައެވެ.

"އާއެކޭ. ޒާ ހަނދާނެއްވެސް ނެތް ދޯ ގެ ހުންނަތަން ބުނެވުނު ހަނދާނެއް. ޒާ ބުނި ޕްރީ ސްކޫލް ދޮރުމަތީ މިއިނީ. "އާރ ޔޫ ކަމިން؟ އޯ އަހަރެން ދާންވީތަ؟" ރަޔާން ސަމާސާކޮށްލިއެވެ.

"ނޫން. ނޫން. މިހާރު މިދަނީ." ޒާޔާ އެހެން ބުނެލާފައި އަވަސް އަވަހަށް ފޯނު ބޭއްވިއެވެ. އަދި އޭނާ ގޮސް ފާޚާނާއަށް ވަނެވެ. މޫނު ދޮވެލައިގެން ނުކުމެ ޖީންސްއަކާއި ޓޮޕެއްލަމުން ތައްޔާރުވެލައިގެން ނުކުމެ ތިރިއަށް ދިޔައިރު ރަޔާން އިނީ އޭނާގެ އިންތިޒާރުގައެވެ. ފޭސްބުކުން ދިމާވެ ފެށުނު އެ ގުޅުމަށް ހަމަސް ފާއިތުވެގެން ދިޔައިރުވެސް އެކަކު އަނެކަކު ހަމަލޮލުން ފެނިފައެއް ނުވެއެވެ. ޒާޔާއަށް ސައިކަލު މަތީގައި އިން ރަޔާންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ފޮޓޯއިން ފެންނަ ފެނުމާއި އަސްލަށް ރަޔާން ފެންނަ ގޮތުގައި ތަފާތުކަމެއް ހުއްޓެވެ. ހަމަލޮލަށް މާ ފިރިހެންވަންތަ ވެފައި ސްމާރޓެވެ. ލާފައިވާ ޓީޝާޓާއި އިސްތަށިގަނޑު ސްޓައިލްކޮށްފައިވާ ގޮތާއި ތުނި ތުނބުޅީގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަމަށް އިތުރު ފުރިހަމަކަމެއް ވަނީ ގެނެސްދީފައެވެ.

މަގުގެ އަނެއް ފަރާތުގައި ސައިކަލުމަތީގައި އިން ރަޔާންގެ ލޮލުގައި ޒާޔާ އަޅައިގަތުމާއެކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ސައިކަލު އަނބުރާލާފައި އޭނާ ގޮސް ޒާޔާގެ ގާތަށް މަޑުކޮށްލިއެވެ. ޒާޔާގެ ފައިން ފެށިގެން ބޮލަށް ރަޔާން ކަޅި ހިންގައިލުމުން ޒާޔާ ލަދުން މަރުވާވަރުވިއެވެ. އޭނާ އިސްޖަހައިލިއެވެ. އެހެންނަމަވެސް އޭނާ ހުރީ ނުހަނު އުފާވެފައެވެ.

"ނުވެސް ބުނެ އައީ ކީއްވެތަ؟ އަހަންނަށް އޭރުވެސް ހީވިޔޭ މިކަހަލަ ކަމެއް ކުރަން އުޅެނީއޭ…" ޒާޔާ ޝަކުވާކޮށްލިއެވެ. ބޭނުމަކަށްވީ އޭނާގެ އިޙްސާސްތައް ފޮރުވުމެވެ.

"ބުނެފަ އައިނަމަ ޒާގެ މޫނުމަތިން ތި އަސަރުތައް ފެންނާނެތަ؟" ޒާޔާއަށް ވަމުން ދިޔަ ގޮސް ރަނގަޅަށް އެނގޭ ޙާލު ރަޔާންގެ ބޭނުމަކަށްވީ އޭނާ ލަދުގަންނުވައިލުމެވެ. ފޯނަށް އެހާ ވަރަށް ވާހަކަ ދައްކާ އެގޮތަށް ދިމާވުމުން ޒާޔާ އެހާ ލަދުވެތިވެ ބަސްމަދުވެދާނެކަމަށް އޭނާއަށް ހީކުރެވިފައެއް ނުވެއެވެ.

"ދެން ރަޔާން." ޒާޔާއަށް ބުނެވުނެވެ.

"އޯކޭ ސޮރީ. ސައިކަށް ނާރާނަން؟" ރަޔާން އެހެން ބުނެލުމުން ޒާޔާ ސައިކަލަށް އަރާ އިށީނެވެ. ދެމީހުން ގޮސް މަޑުކޮށްލީ އާރޓްފިޝަލް ބީޗުގައެވެ. ތަންކޮޅެއް އަނދިރިކޮށް ހުރި ދިމާލެއްގައި ހުރި ބެންޗެއްގައި އިށީނުމަށްފަހު ދެމީހުންވެސް ހަމަޖެހިލިއެވެ. ރަޔާން މަޑުމަޑުން ޒާޔާގެ އަތްތިލައިގައި ހިފައިލިއެވެ. ފިިނިވެފައިވާ އެ އަތްތިލައަށް ބާރުކޮށްލަމުން، އޭނާ ޒާޔާއަށް ބަލައިލިއެވެ.

"ހާދަ ފިންޏޭ…" ރަޔާންއަށް ބުނެވުނެވެ. ޒާޔާ އޭނާގެ އަތް ދަމައިގަންނަން އުޅުނު ނަމަވެސް ރަޔާން އެ ފުރުސަތެއް ނުދިނެވެ. އޭނާ އެ އަތުގެ ތެރޭގައި ރަނގަޅަށް ޒާޔާގެ އަތް ގައިދުކޮށްލިއެވެ. ޒާޔާވެސް ލަދުގަނެވަފައިވާ ޙާލު އިސްޖަހައިލީއެވެ.

"ޒާ." ރަޔާން ގޮވައިލިއެވެ. ޒާޔާ "ހޫމްއެއް" ލައްވައިލިއެވެ.

"އަހަރެން… އަހަރެން ބޭނުމެއް ނޫން ދެން އިތުރަށްމަޑުކުރާކަށް. ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޒާއާ މެރީކުރަން." ރަޔާން ބުނެލިއެވެ. ޒާޔާ ވިސްނަން އިނުމުން އޭނާ ދެންވެސް ވާހަކަ ދެއްކިއެވެ. "ޒާ. ކިހިނެއްވީ؟ ޒާ ވެސް ބުނީމެއްނު އެގޮތޭ ބޭނުންވަނީ. ދެން ކީއްވެ އެއްޗެއް ނުބުނީ؟"

"އަހަރެންވެސް ބޭނުމީ މެރީކުރަން." ޒާޔާ ބުނެލިއެވެ.

"ބިލީވް މީ. ޒާއަށް ޝަކުވާކުރާނެ ފުރުސަތެއް އަހަންނެއް ނުދޭނަން. އައި ލަވްޔޫ ސޯ މަޗް." ރަޔާން ޔަޤީންކަން ދިނެވެ. ޒާޔާ ބޯ ޖަހައިލި ގޮތުން އޭނާ ރަޔާންއަށް ފުރިހަމައަށް އިތުބާރުކުރާކަން ހާމަވިއެވެ.

"ވެއިޓް." އެހެން ބުނެލާފައި، ރަޔާން އޭނާގެ ޖީބަށް އަތް ލާފައި ކޮންމެވެސް އެއްޗެއް ނެގިއެވެ. ޒާޔާ އެއަށް ބަލައިލިއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ދުރުގައިހުރި ލައިޓްތަކުގެ އަލިއެޅުމުން އޭގައި ޖަހާފައިވާ އެސްތައް ވިދަމުން ދިޔައެވެ. އެއީ ރިހި ކެވެލި ކޮޅެކެވެ.

"ދިޒް އިޒް ފޯ ޔޫ." ރަޔާން ޒާޔާގެ އަތުގައި ހިފައްޓާލާފައި އެ ކެވެލިކޮޅު ޒާޔާގެ އަތުގައި އަޅުވައިލިއެވެ. ޒާޔާ އެއަށް ބަލައިލިއެވެ. މާ އަގު ބޮޑު ނޫންކަން އެނގެއެވެ. އެހެންނަމަވެސް، އޭނާގެ ނަޒަރުގައި އެއީ މިހާތަނަށް އޭނާއަށް ލިބުނު އެންމެ އަގު ބޮޑު ހަދިޔާއެވެ. ޒާޔާ ވަރަށް ލޯބިން އެ ކެވެލިކޮޅުގައި ފިރުމައިލިއެވެ.

"ތެންކިއު. ތެންކިއު ސޯ މަޗް ރެން. އިޓްސް ބިއުޓިފުލް." ޒާޔާ ބުނެލިއެވެ. ރަޔާން ޒާޔާގެ ކޯތާފަތުގައި އަތްޖައްސައިލިއެވެ. ސިހުން ލިބުނީ ކުއްލިއަކަށް ރިންގުވި ރަޔާންގެ ފޯނުގެ އަޑާ އެކުގައެވެ.

"ސޮރީ." ރަޔާން ފޯނު ނަގާ ބަލައިލިއެވެ. ނަމަކަށް އަރާފައި އޮތީ ލުބާއެވެ.

"ކަޒިންއެއް. މެލޭގައި އުޅޭ އާންޓެއްގެ ދަރިއެއްގެ ވާހަކަ ބުނީމެއްނު. އޭނަ އެއީ. މިފަހަރު އައިއިރު އަހަރެންނާއެކު އައޭ.... ޗުއްޓީއަށް." ރަޔާން ފޯނު ސައިލެންޓަށް ލިއެވެ.

"ދެން ފޯނު ނަގާބަ." ޒާޔާ އެދުނެވެ.

"އެނގޭ ކީއްވެގެންކަން އެ ގުޅަނީ. އެ އުޅެނީ ފޫހިވެގެން. ނުބުނަން ޒާގެ ވާހަކައެއް. އެކަމަކު ކުޑަކޮށް ޝައްކުވާނެ މިހާރު. އަހަރެން އަތުން ތި ކެވެލިކޮޅު ފެނުނު ވިއްޔަ." ރަޔާން ބުނެލިއެވެ. "މިވަގުތު އެހެން އަންނަ އެއްވެސް ކޯލަކަށް ޖަވާބު ދޭކަށް ބޭނުމެއް ނޫން. މީ ހަމައެކަނި ޒާއަށް ޚާއްސަ ވަގުތެއް."

ޒާޔާއާއި ރަޔާންއާ ދެމީހުން އެކަކު އަނެކަކާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރިއެވެ. ދެމީހުންގެ ދޭތެރޭގައި އޮތް ގުޅުން އިހުނަށްވުރެ ވަރުގަދަވެގެން ދިޔައެވެ. އެކަކު އަނެކަކަށް ކުރާ އިތުބާރާ ލޯބި ބުނެލާ ކުދިކުދި ބަސްތަކާ އަމަލުތަކުން ހާމަވަމުން ދިޔައެވެ.

*****

ރޭގަނޑު އެގާރަ ޖަހާއިރެވެ. ރިސާމާ ޓެރެސްއަށް އެރިއިރު އަޒްލަފްހުރީ ޓެރެސްގައެވެ. އޭނާ ހުރީ ލުޔޫނާއާ ވާހަކަ ދައްކަން ނަމަވެސް، ރިސާމާ ފެނުމާއެކު ފޯނު ބޭއްވީއެވެ. ރިސާމާ ކުޑަކޮށް ކަންބޮޑުވެފައިހުރުމުން އަޒްލަފްއަށް ސުވާލުކޮށްލެވުނެވެ.

"މަންމައަށް ކަންތައް ކުރެވުނު ގޮތާ މެދު މި ވިސްނެނީ." ރިސާމާއަށް ބުނެވުނެވެ. މިރޭވެސް އޭނާ އެ އުޅެނީ ނިދޭގޮތް ނުވެގެންނެވެ. ނަޖީބުއަށް އޭނާ މައުވާއާ ބައްދަލުކުރިކަން ސިއްރުކޮށްގެން ހުރުން އޭނާއަށް ވީ އުނދަގޫކަމަށެވެ. އެ ނުތަނަވަސްކަމުގެ ސިއްރަކީވެސް އެއީއެވެ. އަޒްލަފް އަފްނާން މައުވާއާ ބައްދަލުކުރަން ދިޔަކަމާއި، އަދި ދިޔައީ މައުވާ ބުނެގެންކަން ހާމަކޮށްލުމުން ރިސާމާއަށް ވެސް ހައިރާންކަން ލިބުނެވެ.

"ދެން ފަހުން ކިހިނެއްވީ؟" އޭނާއަށް ސުވާލު ކޮށްލެވުނެވެ.

ފަހުން އަދި ވާހަކަ ދައްކާލެވޭ ގޮތެއް ނުވޭ. މިއަދުވެސް އަޅުގަނޑު އެކީ ހޮސްޕިޓަލުގައި އުޅުނީމަ." އަޒްލަފް ބުންޏެވެ.

ރިސާމާ އިރުކޮޅަކު ޓެރެސްގައި ހުރެލާފައި ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެ ހެޑްބޯޑުގައި ލެނގިލިތަނާ ނަޖީބަށް ހޭލެވިއްޖެއެވެ. އޭނާ ލޯ އުނގުލާފައި ތެދުވެ އިށީނީ، ރިސާމާ އިން ގޮތުންނެވެ. އޭނާ އެއިނީ ވަރަށް ވެސް ފިކުރު ބޮޑުވެފައިކަން ނަޖީބަށް އެނގުނެވެ.

"ރިސާމާ! ނުނިދަންތަ؟ ކިހިނެއްވީ؟" އެމޫނުމަތިން ނިދީގެ އެއްވެސް އަސަރެއް އޭނާއަކަށް ނުފެނުނެވެ. ހާސްވެ އަނބިމީހާ ނުނިދިފައި އިންދާ އަލުން އަނބުރާ ނިދީގެ ހުވަފެނީ އާލަމުގެ ތެރެއަށް ގެނބޭކަށް ނަޖީބު ބޭނުމެއް ނޫނެވެ. ރިސާމާގެ އަތުގައި ހިފައްޓާލަމުން އޯގާތެރިކަމާއެކު ސުވާލުކޮށްލީ އެެހެންވެގެންނެވެ.

"އަހަންނަށް ނަޖީބު ގާތު ނުބުނެ، ނަޖީބުގެ ޚިޔާލެއް ނުހޯދާ ކަމެއް ކުރެވިއްޖެ." ރިސާމާ އެންމެފަހުން ބުނެލިއެވެ.

"ކީކޭ؟ ކޮންކަމެއް؟" " ނަޖީބަށްވެސް ހައިރާންކަމާއެކު ސުވާލުކޮށްލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު