އަލަށް ފާސްކުރި ކުޅިވަރުގެ އައު ގާނޫނުން ގިނަ ކަންތައްތަކެއް ކުޅުންތެރިންނާއި ކުލަބުތަކާއި އެސޯސިއޭޝަންތަކާއި ޖަމިއްޔާތަކަށް ފަހިވެފައިވީ ނަމަވެސް އެ ގާނޫނުން ލިބިދޭ ހައްގުތަކުން ފުށޫއަރާ ކަންތައްތަކުގެ ވާހަކަތައް ދަނީ ފެންމަތިވަމުންނެވެ.
ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ތަރި ޝާހު އިސްމާޢީލް (ސާޔާ) ވަނީ މި ގާނޫނުގެ ސަބަބުން ފުށޫއަރާ ކަންތައްތަކެއްގެ ވާހަކަ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި ކަންބޮޑުވުންތައް ހުރި މާއްދާތަކުގެ ތަފްސީލުތައް ވެސް ހިއްސާކޮށްފައެވެ.
ކުޅިވަރު ގާނޫނުގައި ހުރި ފޫނުބެދޭ މައިގަނޑު ތިން ފުށޫއެރުމެއް، ނުވަތަ މައްސަލަތަކެއް ސާޔާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފުރަތަމަ ފާހަގަކޮށްފައިވަނީ ކުޅިވަރު ގާނޫނުގެ ފުރަތަމަ އިސްލާހެވެ. ދެން ފާހަގަކުރީ ކުޅިވަރުގެ ގާނޫނުގެ ތިންވަނަ މައްދާ އާއި އެ ގާނޫނުގެ 51ވަނަ މާއްދާ ފުށުއެރުމުގެ ވާހަކައެވެ. އަދި ގާނޫނުގެ 54ވަނަ މާއްދާގައިވާ ގުޑްގަވަނަންސްގެ އުސޫލްތައް ނެގެހެއްޓުމުގެ މާއްދާއެވެ.
ފުރަތަމަ އިސްލާހުގައި ފަންޑަމެންޓަލް ޕްރިންސިޕަލްސް އޮފް އޮލިމްޕިޒަމްގެ އުސޫލާއި އިންޓަނޭޝަނަލް ވާޑާގެ ގަވާއިދާ ބައެއް ފުށުއެރުންތައް ހުރިކަންވެސް ފާހަގަކޮށްފައިވެއެވެ. ކުޅިވަރު ގާނޫނުގެ ތިންވަނަ މާއްދާގައި ތަފުސީލީގޮތެއްގައި އޮލިމްފިޒަމްގެ އަސާސްތައް ކަށަވަރުކޮށްފައިވީ ނަމަވެސް 51ވަނަ މާއްދާއިން ފެންނަނީ އޮލިމްޕިޒަމްގެ މައިގަނޑު އެ އަސާސްތައް ހަނިކުރުމުގެ ރޫހު ކަމަށް ސާޔާ ދެކެއެވެ.
މީގެ އިތުރުން ގާނޫނުގެ 54ވަނަ މާއްދާގައިވާ ގުޑްގަވަނަންސްގެ އުސޫލްތައް ނެގެހެއްޓުމުގެ މާއްދާގެ ދަށުން ގައުމީ އެސޯސިއޭޝަނެއްގެ އިންތިހާބަށް ވާދަކުރުމުން، މަސްލަހަތު ފުށުއަރާ ފަރާތްތަކުގެ ގޮތުގައި ހަމައެކަނި ތިބީ ދައުލަތުގެ ކުޅިވަރު ވުޒާރާގެ ހިމެނޭ ބައެއް މުވައްޒަފުންތޯ ވެސް ވަނީ ސުވާލު އުފައްދާފައެވެ.
"އެމްއޯސީގެ ހިންގާ ކޮމިޓީގައި އެފަދަ ބޭފުޅަކަށް ބައިވެރިވެވޭނެ ތޯ؟ ބަހުސުގެ ބޭނުމަށް ހަމައެކަނި ބުނެވޭނީ އެމްއޯސީ އަކީ ޤާނޫނުން ރަޖިސްޓްރީ ކުރަންޖެހޭ އިދާރާއެއް ނޫންކަމުން މަސްލަހަތު ފުށުނާރެކަމުގެ ވާހަކައެވެ. ރަނގަޅެވެ، އެއީ ހުއްޖަތެއްކަމަށް ބަލަންޏާ މަސްލަހަތު ފުށުއަރަނީ ކިހިނެއްކަން އޮޅޭ ހިސާބަށް އެބަދޭ" އެ މާއްދާއަށް ރިއާޔަތްކޮށް ސާޔާގެ ފޭސްބުކްގައި ލިޔެފައިވެއެވެ.
މިސާލެއްގެ ގޮތުގައި ނެގީ ޗެސް ފެޑެރޭޝަނުން އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އެމްއޯސީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރުން މިނާނީ ކޮން ހަމަޔަކުން ކަމާމެދު ތޯއެވެ.
"އެމްއޯސީ އަކީ ޤައުމީ އެސޯސިއޭޝަންތަކުގެ ބަލަދުވެރިފަރާތް، ކުޅިވަރުތެރޭގައި ނަމޫނާ ދައްކަންޖެހޭ އެންމެއިސް އިދާރާ. (މިއީ) ޤާނޫނާއި ގަވާއިދުތަކުގައި ހުރި ލޫޕްހޯލްތަކުން އެޑްވާންޓޭޖްނަގައި މަޤާމް ދިފައުކުރަން އޮތް އިދާރައެއްގެ ސިފަޖެއްސުމަކީ ކުޅިވަރުގެ ތެރޭގައި ތިޔަ ވަކާލަތު ކުރައްވާ ގުޑްގަވަނަންސް ހިމާޔަތްކޮށްދިނުން ކަމަށް ދެކެންޏާ ބުނާނެ އިތުރު އެއްޗެއް ނެތް،" ކުޅިވަރު ގާނޫނުގައި ހުރި ފުށޫއެރުންތަކަށް ރިއާޔަތްކޮށް ސާޔާ ބުންޏެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އެއްވަނަ އިސްލާޙު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އަހަރުގެ 26 ނޮވެމްބަރުގައެވެ.
ސަރުކާރުގެ ފަރާތުން މި އިޞްލާޙު ހުށައެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުއްލަޠީފް މުޙައްމަދެވެ. އަދި ކޮމެޓީގައި މި ބިލު ދިރާސާކުރުމަށްފަހު ކޮމެޓީ މަރުހަލާ ނިންމާ، މަޖިލީހުން ބިލު ފާސްކުރީ މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައެވެ.