ހުޅުމާލޭގައި ޖެހިޖެހިގެން 3 ވަނަ ރޭ ހަވާ އަރުވަނީ

ހަވާއެރުވުން: ލިވަޕޫލް އެފްސީއަށް ޕްރިމިއާ ލީގުގެ ތަށި ލިބުން ފާހަގަކުރަން މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ --

ހުޅުމާލޭގައި ފާއިތުވި ދެ ރޭ ހަވާއެރުވުމަށްފަހު، މިރޭ ވެސް ހަވާ އަރުވަން ތައްޔާރުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލާ ދިމާ ބޭރުން ވަނީ ހަވާ އަރުވައިފައެވެ. އެއީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. އެ ރޭ ހަވާ އަރުވާ މަންޒަރު ބެލުމަށް ސެންޓްރަލް ޕާކަށާއި، ފެރީ ޓާމިނަލް ކައިރިއަށް ވެސް ގިނަ އަދަދެއްގެ މީހުން އެއްވިއެވެ.

އޭގެފަހުން ރޭ ހުޅުމާލޭ ފަރުކޮޅު ފުށީގައި ވަނީ ހަވާއަރުވާފައެވެ. އެއީ، ސަންގު ޓީވީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައެވެ.

އެމްއެންޑީއެފުން މިއަދު ވަނީ، ތިން މިނެޓެއް ހާއިރު، މިރޭ 21:45ގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ހަވާ އަރުވާނެކަން އިއުލާންކޮށްފައެވެ.

މިރޭ ހަވާ އަރުވަނީ، ލިވަޕޫލްއިން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާތީ، އެކަމުގެ އުފަލުގައެވެ.

ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ފަރާތުން ހަވާ އެރުވުން އިންތިޒާމުކުރާއިރު، ހަވާ އެރުވުމަށް ނިންމާފައިވަނީ މިރޭ ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ކުޅޭ މެޗު ނިމުމުން ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.

އެ ކްލަބުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ބޮޑުބެރުގެ ހުށަހެޅުންތައް ވެސް ހިމެނޭއިރު، ފުޓުބޯޅަށްއަށް ޝައުގުވެރިވާ އެންމެން ވެސް އެ ހަރަކާތްތަކުގައި ބައިވެރިވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ވަނީ ދައުވަތު ދީފައެވެ.

ލިވަޕޫލާއެކު ރާއްޖެއިން ދަނީ މާކެޓިން ކެމްޕޭނެއް ކުރިއަށްގެންދަމުންނެވެ.

އެގޮތުން ރާއްޖެއަކީ ލިވަޕޫލްގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރެވެ. މި ޕާޓްނަޝިޕުގެ ދަށުން ލިވަޕޫލާއި ރާއްޖެ ގުޅިގެން ގިނަ ކަންތައްތަކެއް ދަނީ ކުރިޔަށެވެ. އެގޮތުން ލިވަޕޫލްގެ ވަފުދެއް ދަނީ މިހާރުވެސް ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް