ބްރޯޑްކޮމްގެ އެސްޖީ ކޮމިޝަންގެ ނިންމުންތަކަށް އެއްބާރުލުން ނުދޭކަމަށް ބުނެ މަގާމުން ވަކިކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނިންމުންތައް ތަންފީޒުކުރަން އެއްބާރުލުން ނުދޭތީކަމަށް ބުނެ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކުރި ސަބަބުތަކުގެ ތެރޭގައި ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައިއާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިޙުތިރާމު ކުޑަކުރުން ހިމެނެއެވެ.

މަގާމުން ވަކިކުރުމުގެ ކުރިން މިދިޔަ އަންގާރަ ދުވަހު ބްރޯޑްކޮމް އިން އޭނާ ތިން ދުވަހަށް ސަސްޕެންޑު ކުރިއެވެ. އެއާއެކު އެކަމާ ގުޅިގެން އިހުތިޖާޖު ކުރުމުގެ ގޮތުން ކޮމިޝަންގެ ބައެއް މުވައްޒަފުން މިދިޔަ ބުދަ ދުވަހު ވަނީ މަސައްކަތް ހުއްޓާލުމަށް ފަހު, ގެއަށް ގޮސްފައެވެ.

https://sun.mv/206267

ޒީނިޔާ މަގާމުން ވަކިކޮށްފައި ވާއިރު، އޭނާ މުވައްޒަފަކާ މެދު އަމަލުކުރުމުގައި ގަސްތުގައި އަނިޔާވެރިވެ، މަގާމުގެ ބޭނުން ނުހައްގު ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މީގެ ކުރިން ކޮމިޝަނުން ބަލައިފައި ވެއެވެ. އަދި ބްރޯޑްކޮމްގެ ރައީސް ޞަފާ ޝަފީގްއާ މެދު އިޙުތިރާމު ކުޑަކޮށް، އަމަލީ ގޮތުން އެކަން ދައްކައިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އެ މައްސަލައިގައި އޭނާއަށް ކޮމިޝަނުން އަނގަ ބަހުން ނަސޭހަތްތެރިވި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިމަހުގެ 18ވަނަ ދުވަހު ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.

https://sun.mv/206305

އެ ޕެޓިޝަންގައި ވަނީ، ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، އަދި އިދާރީ އޮނިގަނޑަށް އިޙުތިރާމް ކުރުމެއް ނެތި، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.

ނަމަވެސް، ޕެޓިޝަނެއް ހުށަހެޅިއިރު, އެ ކަންބޮޑުވުންތައް ކޮމިޝަންގެ މެންބަރުންނާ ހަމައަށް ގެނެސްފައި ނުވާ ކަމަށް, ކޮމިޝަންގެ ރައީސް ޞަފާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ޞަފާ ވިދާޅުވީ އޭނާ އާއި ކޮމިޝަންގެ އެހެން މެންބަރުން ވެސް މަސައްކަތް ކުރަމުން އަންނަނީ މުވައްޒަފުންނާ ވަރަށް ގާތުން, ގުޅިގެން ކަމަށެވެ. މުވައްޒަފުންގެ ވާހަކަތައް އަބަދުވެސް އަޑުއަހާ ކަމަށާއި ނަމަވެސް ޕެޓިޝަންގައި އެ އޮތް ބޮޑެތި ކަންބޮޑުވުންތަކަކީ އޭނާ އާއި ކޮމިޝަންގެ މެންބަރުންނާ ހަމައަށް ގެނެސްފައިވާ ކަންކަން ނޫންކަން ޞަފާ ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް