އިއްޔެ ރައީސް ޑރ. މުޙައްމަދު މުއިއްޒު, ތަސްދީގުކުރެއްވި ގޭންގުތަކުގެ ގާނޫނަކީ ކުރަޙާލި މަންޒަރެއް ކަމަށާއި ގާނޫނު ތަސްދީގުކުރި ނަމަވެސް ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެެވެ.
ތަންފީޒީ އިދާރާތަކުގެ ވެރިންނާއެކު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ އެ ބިލް ތަސްދީގު ކުރެއްވުމަށް ފަހުގައި, މޫނަކަށް, ކަނދުރާއަކަށް ބެލުމެއް ނެތި އެ ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެއީ ގޭންގު ކުށްތައް ހުއްޓުވުމަށް ހަރުކަށި ބާރުތަކެއް ދީ އެކުލަވާލާފައިވާ ގާނޫނެކެވެ.
އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، ގޭންގުތަކާބެހޭ ގާނޫނު އިއްޔެ ތަސްދީގުކުރެއްވިއިރު، ފުރަތަމަ ހިމެނި މުހިންމު ކަންކަން އުނިކަމަށެވެ.
އުމަރު ވަނީ ޑްރާފްޓް ކުރެވުނު ގާނޫނުގައި ހުރި މުހިންމު ކަންކަން މިހާރު ނަގާފައި ވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ މުހިންމު މާއްދާއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، ގޭންގަކީ ކޮން އެއްޗެއްކަން ކަނޑައެޅުމެވެ. އޭނާ ވިދާޅުވީ ގޭންގަކީ ކޮން އެއްޗެއްކަން ކަނޑަނޭޅޭކަމުގައި ވާނަމަ މުޅި ގާނޫނުގެ ހުރިހާ ބާރެއްް ކެނޑިގެންދާނެ ކަމަށެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސަންގެ އެޑިޓަރުގެ ސުވާލު ޕްރޮގްރާމްގައި: -- ސަން ފޮޓޯ
ސަބަބެއްގެ ގޮތުގައި އުމަރު ފާހަގަކުރެއްވީ, ގޭންގު މެމްބަރެއް ކަމަށް ބުނެ އަދަބު ދެވެނީ ގޭންގަކަށް ނިސްބަތްވާނަމަ ކަމަށެވެ. އަދި ގޭންގަކަށް ނިސްބަތްވާކަން ކަނޑައެޅޭނީ ގޭންގެއް ކަނޑައެޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މިވެނި ގުރޫޕަކީ ގޭންގެކޭ، އެގޮތަށް ގާނޫނު ކަނޑައެޅިގެން، އެއީ އެންމެ މުހިންމު މާއްދާއަކީ. އެ މާއްދާ ސާބިތުކުރަން ޑްރާފްޓުގަ ހަމަޖެހިފަ އޮތް ގޮތަކީ ތިން މީހުންގެ ކޮމެޓީއަކުންނޭ އެކަން ނިންމާނީ. ސަރުކާރަށް ނިސްބަތްވާ، ލޯ އެންފޯސްމެންޓަށް ނިސްބަތްވާ ތިން މީހުންގެ ކޮމެޓީއަކުންނޭ ނިންމާނީ އެއީ އެންމެ މުހިންމު މާއްދާއަކީ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
އުމަރު ވިދާޅުވީ މިހާރު ގޭންގަކީ ކޮންއެއްޗެއްކަން ކަނޑައަޅަނީ ކޯޓުން ކަމަށެވެ. ނަމަވެސް ކޯޓަށް އެކަން ނުކުރެވޭނޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޯޓުތަކަކީ މަދަނީ މިންގަނޑުތަކަކުން ކަންކަން ސާފުކުރާ ބައެއް ކަމަށާއި އެތަނުން މިފަދަ މައްސަލަތައް ސާބިތުނުކުރެވޭނެ ކަމަށް އޭނާ ވަނީ ޕްރޮގްރާމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.
ކާމިޔާބުކަމާއެކު ގޭންގުތަކާ ދެކޮޅަށް މަސައްކަތްކުރާ ހުރިހާ ގައުމެއް ބައްލަވާ. ސިންގަޕޫރު ބައްލަވާ، މެލޭޝިއާ ބައްލަވާ، އިންޑޮނޭޝިއާ ބައްލަވާ، ގޭންގު ކަނޑައަޅަނީ ކޯޓަކުން ނޫން އިނގޭތޯ. ކޯޓުން ގޭންގު ކަނޑައަޅާކަމުގައި ވަންޏާ އެކަން ނުވާނެ އެއްގޮތަކަށްވެސް. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
އުމަރު ވަނީ ނޯމަލް ޕްރޮސީޖާގައި ވަކާލާތުކޮށްގެން ގޭންގެއްކަން ސާބިތުކުރާނީ ކިހިނެއްތޯ ސުވާލު އުފައްދާފައެވެ. އަދި މިއަދު ތަސްދީގުކުރެވުނު ގޭންގުތަކާބެހޭ ގާނޫނަކީ އެއްވެސް ދަތެއްނެތް, ހަރުކަމެއްނެތް އެއްޗެއް ކަމަށާއި މި ގާނޫނުން ނުކުންނާނެ އެއްވެސް ނަތީޖާއެއް ނޯންނާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ މިހާރު މި ހިންގާ ކޯޓެއްގެތެރެއިން ގޭންގެއްގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ, ކުށް ކުރުމަށް ބޮޑެތި ގޭންގުތައް ހަދައިގެން، މީހުން މެރުމާއި ޑްރަގް އެތެރެކޮށް ހަދާ މީހުންނާއި ހަނގުރާމަމަތީ ޖަމިއްޔާތަކާއި ޓެރަރިޒަމް ހިންގާ މީހުންނަށް އެހެން ގައުމިތަކުގައި ވެސް ވަކިވަކިކޮށް ކޯޓުތައް ހަދާފައި ހުރުމެވެ.
އުމަރު ވިދާޅުވީ ތަސްދީގުކުރެއްވި ގާނޫނުގެ ހުރިހާ މުހިންމު ތަންތަނެއްގައި، ސާބިތުކުރާނީ މަދަނީ މިންގަނޑުން ކަމަށް ބުނެފައި ވާކަމަށެވެ. ނަމަވެސް މަދަނީ މިންގަނޑުން ގޭންގެއްގެ މައްޗަށް ކުށް ސާބިތުނުކުރެވޭނޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދި އިއްޔެ ތަސްދީގުކޮށްފައިވާ ގާނޫނުން ލިބޭނޭ އެއްވެސް ކުރިއެރުމެއް ނޯންނާނެ ކަމަށާއި، ގޭންގުތައް އޮންނާނެ ކަމަށާއި އެ މީހުންނާއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރާއި ސިޔާސީ ޕާޓީތައްވެސް އޮންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.