އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާ ކުންފުންޏާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން އެސްޓީއޯއިން، ކެންސަރަށް ފަރުވާ ދޭ އޮންކޮލޮޖީ ނަރުހުންނަށް ތަމްރީނު ސެޝަންތަކެއް ބާއްވައިފިއެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މުޅި ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރި އެއް ވެކްސިން އުފެއްދި ކުންފުނި ކަމަށްވާ އެސްޓްރާޒެނެކާއާއެކު އެސްޓީއޯއިން ވަނީ އޮންކޮލޮޖީ ނާސަސް އެކްސެލެންސް (ވަން)ގެ ނަމުގައި މިދިޔަ މަހު ޕްރޮގްރާމެއް އިފުތިތާހުކޮށްފައެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮގްރާމަކީ ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ކެންސަރަށް ފަރުވާދޭ ނަރުހުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ މި ޕްރޮގްރާމްގެ ދަށުން، ކެންސަރު ބައްޔަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ، ރާއްޖޭގައި ކެންސަރަށް ފަރުވާދޭ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީން ދިނުންކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓްރާޒެނެކާއާ ގުޅިގެން އެސްޓީއޯއިން، ކެންސަރަށް ފަރުވާދޭ ނަރުހުންނަށް ބޭއްވި ސެޝަންތަކުގެ ތެރެއިން --
މި ޕްރޮގްރާމްގެ މަގުސަދަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރާ މުހިންމު ރޯލު ފާހަގަކޮށްް، އެކި އިދާރާތަކުގެ އެއްބާރުލުމާއެކު ކެންސަރުގެ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ރާއްޖެ ތައްޔާރުކުރުން ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓޯއީއިން ބުނީ މި ޕްރޮގްރާމް، ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާދޭ ހުރިހާ މައިގަނޑު ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައި ވާކަމަށެވެ.
މި ޕްރޮގްރާމަކީ މައިގަނޑު ހަތަރު ސެޝަނެއްގެ މައްޗަށް އެކުލަވާލި ޕްރޮގްރާމެއް ކަމަށާއި މިހާތަނަށް ނިމިފައިވާ ދެ ސެޝަނުގެ ތެރެއިން، އެންމެ ފުރަތަމަ ބޭއްވި ސެޝަންގައި 55 ނަރުހުން ބައިވެރިވެފައި ވާކަމަށް އެސްޓީއޯއިން ބުންޏެވެ.
އަދި ދެވަނައަށް ބޭއްވި ސެޝަންގައި ޖުމްލަ 59 ނަރުހުން ބައިވެރިވެފައި ވާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓްރާޒެނެކާއާ ގުޅިގެން އެސްޓީއޯއިން، ކެންސަރަށް ފަރުވާދޭ ނަރުހުންނަށް ބޭއްވި ސެޝަންތަކުގެ ތެރެއިން --
ޕްރޮގްރާމާ ގުޅޭގޮތުން ކެންސާ ސޮސައިޓީގެ ރިޕްރެޒެންޓޭޓިވަކު ވިދާޅުވީ އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާއާއި އެމީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުން ކަމަށެެވެ. ނަރުހުންނަކީ ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފުސާނީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދޭ ބަޔެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެ ޕްރޮގްރާމަކީ އެ ފަރާތްތަކުގެ މުހިއްމުކަން ވަޒަންކޮށް، އޮންކޮލޮޖީ ނަރުހުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، އެ ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރުން ކަމަށެވެ.