"ޖަޒްލީގެ ލައިފް ރުއިންކޮށްލިހެން އެހެން އަންހެންކުއްޖެއްގެ ލައިފް ރުއިން ކުރިޔަކަ ނުދޭނަން!..." އިކާން ކުރިއަށްވުރެ ބާރަށް ބުނެލިއެވެ.
"މިއަހަނީނު ކާކުގެ ވާހަކައެއްހޭ ތި ދައްކަނީ؟" ޔަޒްދާންވެސް ހިތްހަމަނުޖެހުނެވެ. އިކާންގެ ގަމީހުގައި ހިފައިގަތެވެ. "އަހަރެން ކޮންމެ މީހަކާ އެކީ ކޮންމެ ކަމެއް ކުރިޔަސް، އެއްވެސް މީހަކަށް ނުހުއްޓުވޭނެ!"
********
މިފްޒާލްއަށް ވަދެވުނުއިރު ކަންތައް އޮތީ މާ ގޯސްވެފައެވެ. ދެމީހުން އެކަކު އަނެކެއްގެ ގައިގައި ހިފައިގެން ތިބީ ދޫކުރާ ގޮތަކަށް ނޫނެވެ. އިކާންއަކީ މަޑުމައިތިރި، އެހެން މީހުންނަށް ގަދަރުކުރާ މީހެކެވެ. ދުވަހަކުވެސް އެފަދަ ގޮތަކަށް އުޅުނުތަން މިފްޒާލަށް ކުރިން ފެނިފައެއް ނުވެއެވެ. އެކަމަކު، ދިހަ އަހަރު ކުރިން ދިމާވި އަންހެންކުއްޖަކަށްޓަކައި އިކާންގެ މިޒާޖުވެސް ބަދަލުވީ ހެއްޔެވެ؟
"އިކާން ހަމަޖެހިބަލަ!" ޔަޒްދާނާއި އިކާންގެ ދެމެދަށް ވަންނަމުން މިފްޒާލް ބުނެލިއެވެ. "ތީކީ މީހުން އުޅޭ ކަހަލަ ގޮތެއް ނޫނެއްނު... އަނެއްކާ ތީ އެއަށްވުރެ ގާތްކޮށް އުޅުނު ދެމީހުން.... ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރަން މަސައްކަތް ކުރަންވާނެ.."
ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އިކާން ޔަޒްދާންގެ ގަމީހުން އަތް ދޫކޮށްލިއެވެ. ޔަޒްދާންވެސް އިކާންގެ ގަމީހުން ދޫކޮށްލިއެވެ. ދެމީހުންވެސް ތިބީ ނުރުހުމުގެ ނަޒަރަކުން އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. ބުނާ ކަހަލައެވެ. މަގުސަދު ހާސިލުވިޔަކަ ނުދޭނަމެވެ.
"ޖަޒްލީއަކީ އަހަރެންގެވެސް ފްރެންޑެއް..." ޔަޒްދާން ދޫކޮށްލީ ފުން ނޭވާއެކެވެ.
އިކާންމެންގެ ފަސްފަހަތުން އައި ރޫބީ ހުރީ ޔަޒްދާންގެ ކެބިންގެ ކުރިމައްޗަށް އެއްވެފައިވާ މުވައްޒަފުންތަކުގެ ތެރޭގައެވެ. އެންމެންވެސް ބެލީ އެތެރޭގައި ދައްކާ ވާހަކަ އަޑު އިވޭތޯއެވެ.
"ކުރިން ދެ ބެސްޓް ފްރެންޑުންނޭ ކިޔާ އަޑު އެހިން... ކުޑައިރުން ފެށިގެން ދެމީހުން އެއް ގެއެއްގަ އުޅުނުކަމަށް ވަނީ... އެކަމަކު އެހާ އެއްކޮށް އުޅެފަ ކީއްވެބާ ހަތުރުންނަށްވީ؟" އެއްވެފައިވާ މުވައްޒަފުންގެ ތެރެއިން މީހަކު ބުނެލިއެވެ.
"އަޑުއެހިން އެއީ މިތާ އޯނަރުގެ ދަރިއެކޭ... އެކަން ފަޅާއެރީމައޭ މައްސަލަ ޖެހުނީ..." އެހެން މީހަކު ބުންޏެވެ.
"އަހަންނަކަށް ހިއެއްނުވޭ ތިކަހަލަ ކަމެއް ހެނެއް... އަހަރެން އަޑުއެހީ ކޮންމެސް އަންހެންކުއްޖެއްގެ މައްސަލައިގައޭ..." އެހެން މީހަކު ބުނެލިއެވެ.
ރޫބީ މަޑުމަޑުން ކުރިއަށް ޖެހިލައި ވާހަކަ ދައްކަން ތިބި މީހުންނާއި އިތުރަށް ގާތްވެލިއެވެ.
"އާނ، އެ ޖަޒްލީ ދޯ؟.." އިތުރު މީހަކު އެވާހަކައާއި ބައިވެރިވިއެވެ. "އެކުއްޖާ އެއީ ކުރިން މިތާ ވޯކްކުރި ކުއްޖެއް... ވަރަށް މަޑުން ހުންނާނީ... އޭނަ ސުއިސައިޑްކުރީޔޯ ކިޔަނީ... އެކަމަކު ބައެއް މީހުން ކިޔާ ޓެންތް ފްލޯގެ ޓެރެސްއިން އެކުއްޖާ ވައްޓާލީއޭ... އިނގޭތަ، ބަނޑުވެސް ބޮޑޯ ވެއްޓުނުއިރު... ޔަޒްދާންގެ ދަރިއެކޯ ކިޔަނީ...."
ރޫބީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިވެމުންދިޔައީ ގަބޫލުކުރަންދަތި ވާހަކަތަކެކެވެ. ޔަޒްދާންގެ މަޑުމޮޅި ސިފައާއި އެފަދަ އަމަލަކާއި އެއްވެސް ވަރަކަށް ނުގުޅެއެވެ. ރޫބީގެ ނަޒަރުގައި ޔަޒްދާނަކީ އެފަދަ ކަމެއް ކުރާނެ މީހެއް ނޫނެވެ. މީހުންގެ އެފަދަ ހަގީގަތް ނޭނގޭ ވާހަކަ ދެއްކުމަކީ ރޫބީ މާ ގަޔާވާ ކަމެއް ނޫނެވެ.
"ޔަގީންނުވާ ވާހަކަ ނުވާނެ ދައްކާކަށް..." ރޫބީއަށް ބުނެވުނެވެ.
އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ރޫބީއަށް ބަލައިލިއެވެ. ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފަކަށް ނުވުމުން އެންމެންވެސް ރޫބީއަށް ބެލީ ތަފާތު ނަޒަރަކުންނެވެ. ރޫބީއަށް ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރި ހެންނެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ލިފްޓަށް ދެމިގަތެވެ. އޭރު ފައިލުތަކެއް ހިފައިގެން ވިރުދާ ލިފްޓްގައި ހުއްޓެވެ. ރޫބީ އިތުރު ކަންކަން ސާފުކުރީ ވިރުދާގެ ކައިރިންނެވެ. ވިރުދާވެސް ދެއްކީ އެއް ވާހަކައެކެވެ. ތަފާތަކީ ރޫބީއެކޭ އެއްގޮތަށް ޔަޒްދާނަކީ ކުށްވެރިއެއްކަން ގަބޫލުކުރަން ވިރުދާއަށްވެސް އުނދަގޫކަމެވެ. ބަދަލުގައި ވިރުދާ ކުށްވެރިކުރީ އިކާނެވެ.
"އަހަރެން އަޑެއް ނާހަން އެކުއްޖާ ބަނޑުބޮޑު ވާހަކައެއް... ބަނޑުބޮޑުވިޔަސް، އެ ވާނީ އިކާންގެ ދަރިއަކަށް..." ވިރުދާ މަޖާވެގެން ހީގަތެވެ.
ރޫބީއަކަށް މަޖަލެއް ނުވިއެވެ. ހިތަށް ވަނީ ފާޑެއްގެ ބިރެކެވެ. އިވޭ ކޮންމެ ވާހަކައެއް ގަބޫލުކުރުމަކީ ރޫބީގެ ސިފައެއް ނޫނެވެ. އެކަމަކު، އަމިއްލަ ހަޔާތާއިމެދު ފުރަތަމަ ފަހަރަށް ހިތުގައި ޝަކުވާ އުފެދުނެވެ. މާލެ އައިފަހުން ރޫބީގެ ދިރިއުޅުން ދަނީ އެފަދަ ގޮތަކަށެވެ. އުއްމީދު ނުކުރާ އެތައް ކަމަކާއި ކުރިމަތިލާންޖެހުމާއި، އުއްމީދު ނުކުރާ ވާހަކަތައް އަޑުއިވުން ނޫންކަމެއް ނުވެއެވެ. ހަޔާތުގެ އެހިސާބުން ރޫބީއަށް ފުންމައިލެވުނީ ކޮންފަދަ ތަނަކަށްތޯ އަމިއްލަ ހިތާއި ސުވާލުކުރަން ރޫބީއަށް މަޖުބޫރުވިއެވެ. ހުރިހާ ކޮޅަކުންވެސް ފިތެމުންދިޔައީ ރޫބީގެ ހިތެވެ.
އިކާން ނުކުމެގެން ދިޔުމުން ޔަޒްދާންއަށް މޭޒުގައި ބާރަށް ޖަހައިލެވުނެވެ. އޭނާ ބޮޑަށް ހިތްހަމަނުޖެހުނީ އިކާން ދެއްކީ ރޫބީގެ ވާހަކަ ކަން އެނގުމުންނެވެ.
********
އިކާން އޮފީސް ނިންމާފައި ނުކުތްއިރު، ކާރު ކައިރީގައި އަންހެންކުއްޖަކު ހުއްޓެވެ. ފުރަގަހުންވެސް އެއީ ކޮން ކުއްޖެއްކަން އޭނާއަށް އެނގުނެވެ. އިކާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
މީހެއްގެ ހިލަންވުމުން، ރޫބީ ފަސްއެނބުރި ބަލައިލިއެވެ. އިކާން ހުރީ ރޫބީއާއި ދާދި ކައިރީގައެވެ. ރޫބީ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.
"ކޮފީ؟" ރޫބީ ހުރީ ދެ ކޮފީ ތަށި ހިފައިގެންނެވެ. އިކާން ފެނުމުން، ކޮފީތައްޓެއް ދިއްކޮށްލިއެވެ.
އިކާން ނޫންކަމަށް ހަދާލާފައި ކާރަށް އަރަން އުޅުނެވެ. ދޮރު ހުޅުވައިލުމާއިއެކު، އިކާންއަށްވުރެ ކުރިން ރޫބީ ކާރަށް އެރިއެވެ. ފިޒާލް އެއްޗެއް ބުނަން އުޅުމުން، އިކާން ލޮލުގެ އިޝާރާތުން އެކަން މަނާކުރިއެވެ.
"ކުރީދުވަހު ބުނީމެއްނު ރައިޑެއް ދޭނަމޭ..." ރޫބީ ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ.
ކާރަށް އެރިއިރު، ބޭއިހުތިޔާރުގައި އިކާންއަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ. ރޫބީގެ އެސުވާލަށް ޖަވާބުދޭން އޭނާގެ ހިތް އެތައް ފަހަރަކު އެދުނެވެ. އެކަމަކު، ހިތްވަރެއް ނުލިބުނެވެ. ރޫބީ ބަލައިލުމުން އިކާން އަވަސް އަވަހަށް ދެލޯ ހަނިކޮށްލިއެވެ. ނޫންކަމަށް ހެދުނެވެ.
"ކާރު ތެރޭގަ ކެއިން ބުއިން މަނާ..." ފިޒާލް ރޫބީއަށް ބަލައިލީ ލޯގަނޑުންނެވެ.
ރޫބީ ތުންފިއްތާލާފައި މައުސޫމުގޮތަކަށް އިކާނަށް ބަލައިލިއެވެ. އިކާން އެއްޗެއް ނުބުނެ ލޯގަނޑުން ބޭރު ބަލަން އިނެވެ.
"ޑްރައިވަރު އެއީ ހާދަ ރޫޑް މީހެކޭ..." އިކާނަށް އިވޭ ވަރަށް ސިއްރުން ރޫބީ ބުނެލިއެވެ.
ކާރު ގޮސް ރޫބީ އުޅޭ ގެއާއި އަރާ ހަމަވަންދެން ރޫބީ އެތައް ވާހަކައެއް ދެއްކިއެވެ. އިކާން އިނީ ޖެހި ބުދެއް ހެންނެވެ. އޭނާ އެއްޗެއް ބުނާނީ ކިހިނެއް ހެއްޔެވެ؟ ރޫބީއަކީ ކާކުކަން އެނގުނުފަހުން އިކާންގެ ހިތް ރަނގަޅަށް މަސައްކަތްކުރުން ހުއްޓާލައިފިއެވެ. ކާރުން ފައިބާފައި ރޫބީ އަތުން ހަނާއަޅައިލިއެވެ. ކާރުގެ ބޭރުގައި ހުންނަ މީހަކަށް އެތެރެ ނުފެނުނަސް، އިކާނަށް ވަރަށް ސާފުކޮށް ރޫބީ ފެނެއެވެ. ރޫބީ ހަނާއަޅާ މަންޒަރުން އިކާންގެ ހިތުގެ ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ދިޔައެވެ. ރޫބީއަކީ މިހާރު އިކާންގެ އުފަލެވެ.
ފިޒާލް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އިކާންއަކީ ސާފުތާހިރު މީހެކެވެ. ކާރަށް ކާއެއްޗެއް ކީއްކުރަން ބޯއެއްޗެއް އެރުވުންވެސް އޮންނަނީ މަނާކޮށްފައެވެ. އިކާންގެ އާއިލާގެ މީހަކަށްވެސް އެކާރުގައި ދަތުރުކުރުން މަނަލެވެ. ވީއިރު، ރޫބީފަދަ އާދައިގެ ކުއްޖަކު އެހުރިހާ ކަމެއް ކުރަން ހުއްދަ އޮންނަނީ ކީއްވެ ހެއްޔެވެ؟
"އަޅުގަނޑަށް އެހާ ކަމުދާ ކުއްޖެއް ނޫން އެއީ... ކީއްވެތޯ އެކުއްޖާ ކާރަށް އެރީމަ އަޅުގަނޑު އެކަން މަނާކުރުން ހުއްޓުވީ؟..." ފިޒާލްގެ އަޑުގައިވީ ޝަކުވާއެވެ. ކުރީ ދުވަހުގެ ހާދިސާގެ ފަހުން އިކާނަށް ދިމާވި ކަންތަކުގައި ފިޒާލަށް ކުށްވެރި ކުރެވުނީ ރޫބީއެވެ.
"މީގެފަހުން ކޮންމެ ގަޑިއެއްގަ ރޫބީ އަޔަސް، ދިމާވިޔަސް، ފިޒާލް ވާނެ ވަރަށް ރަނގަޅަށް ކަންތައް ކޮށްދޭން..." އިކާން އެދުނެވެ.
"އެކަމަކު އޭނަގެ ސަބަބުން..." ފިޒާލް އެއްޗެއް ބުނަން އުޅުނެވެ.
އޭނާ ހަނދާންވީ ކުރީ ދުވަހު އިކާނަށް ދިމާވި ހާދިސާގެ މަތިންނެވެ.
"އެއީ އަހަރެންގެ ވާންއުޅޭ އަނބިމީހާ..." އިކާން ބުނެލިއެވެ.
"އޭނ؟" ފިޒާލަށް ކުއްލިއަކަށް ބުރަކި ޖައްސައިލެވުނެވެ.
********
ރެސްޓޯރެންޓަށް ވަދެގެންދިޔަ ނަޖާތުގެ ފަސްފަހަތުން މީހަކު ދިޔަކަމެއް އޭނާ ނުދެނަހުއްޓެވެ. ކާއެއްޗަކަށް އޯޑަރު ކުރުމުން ކުރީ ދުވަހެކޭ އެއްގޮތަށް ނަޖާތަށް ރަންކުލައިގެ ކާޑެއް ލިބުނެވެ. ނަޖާތު ދިޔައީ ލިފްޓާއި ދިމާއަށެވެ. ނަޖާތު ލިފްޓަށް ވަދެވަދެ ހުއްޓާ، އިތުރު މީހަކު ލިފްޓްގެ ތެރެއަށް ދެމިގަތެވެ. އެމީހަކު ހުރީ ކަޅު މާސްކަކުން މޫނު ނިވާކޮށްގެންނެވެ. އެމީހަކު ހަލުވިކަމުން ނަޖާތު ދިޔައީ ސިއްސައިގެންނެވެ.
އެމީހަކު ގޮސް ހުއްޓުނީ ނަޖާތުގެ ފަހަތުގައެވެ. ނަޖާތަށް ވިސްނައިލާނޭ ފުރުސަތެއްވެސް ނުލިބުނެވެ. ކުއްލިއަކަށް ނަޖާތުގެ ބުރަކަށީގައި ތޫނު އެއްޗެއް ޖެހުނުކަމުގެ އިހުސާސް ކުރެވުނެވެ. އޭރު ލިފްޓްގެ ދޮރު ލެއްޕެނީއެވެ. ނަޖާތު އަމާންދެމުން، ދެއަތް މައްޗަށް އުފުލައިލިއެވެ.
"ތީ ކާކު؟" ފަހަތުގައި ހުރި މީހާ ސުވާލުކުރިއެވެ.
"ތި ސުވާލު ކުރަންޖެހޭނީ އަހަންނެއްނު..." ނަޖާތުގެ އަޑުގައި ބިރެއް ސިހުމެއް ނެތެވެ.
"ޖަވާބު..." ފަހަތުގައި ހުރި މީހާގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ.
ނަޖާތު ޖެހި ކުއްލިއާއިއެކު ފަހަތުގައި ހުރި މީހާގެ އަތުގައި އޮތް ވަޅީގައި ފައިން ޖަހައި ދުރަށް ފޮނުވައިލިއެވެ. އެމީހަކު ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. ނަޖާތު ދެވަނަ ހަމަލާ އަމާޒުކުރީ އެމީހެއްގެ ބަނޑަށެވެ. ބަނޑުގައި ފައިން ޖެހިލެއް ބާރުކަމުން އެމީހަކު އޮތީ ގުޑިވެސް ނުލެވިފައެވެ. ލިފްޓްގެ ދޮރު ހުޅުވުނީ އެވަގުތުއެވެ. ނަޖާތު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ރަންކުލައިގެ ކާޑު ނަގައި ތަޅުގައި ޖައްސައިލިއެވެ.
ޔަޒްދާން އޭނާ އަޅައިގެން ހުރި މާސްކު ތިރިކޮށްލިއެވެ. ނަޖާތު ދިމާއަށް ބަލައިލިއިރުވެސް އޭނާ ހުރީ ބަނޑުގައި އަތުން ހިފަހައްޓައިގެންނެވެ.
********
ނިދަން އުޅެއުޅެ ރޫބީއަށް ނިދޭގޮތެއް ނުވިއެވެ. ތަފާތު ވިސްނުންތަކުން ރޫބީގެ ހިތަށް އުނދަގޫ ކުރަނީއެވެ. އިކާންއާއި ޔަޒްދާންގެ ދެމެދުގައި ހިނގީ ކޮން ކަމެއް ހެއްޔެވެ؟ ހަގީގަތް އެނގެން ރޫބީގެ ހިތް އެދުނީ ކީއްވެކަމެއް ނޭނގުނެވެ. ބޭނުންވީ، ކަފުންވެވިފައި އޮތް ސިއްރު ތިލަކުރާށެވެ. ދެމީހުންގެ ކުށެއް ނެތްކަން އެންމެންނަށް ހާމަވާށެވެ.
"ކޮންތާކުން ތިއައީ؟" ނަޖާތު ކޮޓަރީގެ ދޮރު ހުޅުވައިލި ތަން ފެނިފައި ރޫބީ ސުވާލުކުރިއެވެ.
"ރައްޓެއްސަކާ ބައްދަލުކޮށްލަން ގޮއްސަ މިއައީ..." ނަޖާތު ދިޔައީ ފާހާނާއާއި ދިމާއަށެވެ.
"މިގަޑީ؟" ރޫބީ ބަލައިލީ ގަޑިއެވެ.
ގަޑިން ދޭއް ޖަހަނީއެވެ. އެހާ ލަސްވަންދެން ނަޖާތު ބޭރުގައި އުޅުނު އެއީ ފުރަތަމަ ފަހަރެވެ. އޭގެ ކުރިން ބޭރަށް ދިޔަސް، ބާރަޖެހުމުގެ ކުރިން ނަޖާތު ގެއަށް ވަދެއެވެ.
ރޫބީގެ ފޯނު ރިންގްވާން ފެށިއެވެ. އިސްކްރީނަށް އަރާފައި އޮތް ނަންބަރު ފެނުމުން، ރޫބީ އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
"ނަޖާތަކީ އާދައިގެ ކުއްޖެއް ނޫން..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކީ ޔަޒްދާނެވެ.
(ނުނިމޭ)