ދަރިންނަށް ޙައްޖު ކިޔައިދީގެން ޢާއިލީ ލޯބި އިތުރުކުރާށެވެ!

މި ދުވަސްވަރު އަޅުގަނޑުމެންގެ ދަރިންނަށް ވަރަށް ގިނައިން ޙައްޖުގެ ވާހަކަތައް އަޑުއިވޭނެއެވެ. މީހުން ޙައްޖަށް ފުރައިގެން ދާ ވާހަކައާއި މާމަ ކާފަ، ނުވަތަ މަންމަ ބައްޕަ، ޙައްޖަށް ދިޔުމުގެ ތައްޔާރީތައް ވަމުން އަންނަ ވާހަކަ ވަރަށް ގިނަ ގޭގެއިން ވެސް އިވޭނެއެވެ. އެ ވާހަކަތަކަށް އެ ކުދިން އަހުލުވެރިކުރުވާ ޙައްޖުގެ މަޢުލޫމާތުން އެ ކުދިންގެ ސިކުނޑިތައް ތަނަވަސްކޮށްލަން މިއީ ރަނގަޅު ފުރުޞަތެކެވެ.

ޙައްޖުގެ އަޅުކަމަކީ އިލާހީ ދަރުބާރަށް ކުރާ ތަޤުވާގެ ދަތުރެއްކަން ދަރިންނަށް ބުނެދިނުމަށް ކުރެވިދާނެ ބައެއްކަންކަމަށް މި ލިޔުމުގައި ބަލައިލަން ގަސްތުކުރަމެވެ. ތެދުފުޅެކެވެ. މިއަދު ޔޫޓިއުބުން ވީޑިއޯއެއް ހޯދާފައި އެ ކުދިންނަށް ދައްކައިލުމުން ވެސް މި މަޢުލޫމާތު އެ ކުދިންނަށް ދެވިދާނެއެވެ. ނޫން ނަމަ އެއަށްވުރެ ވެސް ފަސޭހަ ގޮތެއް މި ކަމުގައި އޮތް ކަމަށް ވެދާނެއެވެ.

އަޅުގަނޑުމެންނަށް ބުނެދޭން އެނގޭ ވަރަށްވުރެ މާ މޮޅަށް އެފަދަ ވީޑިއޯތަކާއި ރީލްތަކުން އެ ކުދިން ދަސްކޮށްފާނެ ކަމަށް ބައެއް މީހުންނަށް ހީވެދާނެއެވެ. އެހެނަސް ދަންނަވަންތޯއެވެ؟ މަންމަ ބައްފަ، މާމަ ކަފަ. ނުވަތަ ޢާއިލާގެ އިސް މީހަކު އެ ކުދިންނަށް ކިޔައިދޭދިނުން މާ އަސަރުގަދަވެފައި ޤަބޫލުކުރަން ފަސޭހަ ވާނެއެވެ. އަދި ހަމަ އެހެންމެ ޢާއިލީ ގުޅުން ރަނގަޅުކުރުމަށް އެޅޭ ބާރަކަށް ވެސް، އެކުގައި ވަގުތު ހޭދަކުރުމަށް ލިބޭ ހިތްވަރަކަށް ވެސް މި ކަން ވެގެން އާދެއެވެ.

މިދެންނެވި މަގުން ކަންހިގައިތޯ ތަޖުރިބާކޮށްލަން މިއީ ރަނުގެ ފުރުޞަތެކެވެ. ދަރިންނާ އެކު އިށީނދެ ތިރީގައި މި ބަޔާންކުރާ ކަންކަން އެ ކުދިންނަށް މި ދުވަސްކޮޅު ބުނެދެމާ ހިނގާށެވެ!

ޙައްޖުގެ މާނަ ކިޔައިދިނުން

ޙައްޖަކީ އިސްލާމްދީނުގެ 5ވަނަ ރުކުނެވެ. އަދި އެއީ ޛުލްޙިއްޖާމަހު މައްކާއަށް، ކަޢުބަތުﷲ ގެފުޅަށް ކުރާ ޒިޔާރަތެކެވެ.

ޙައްޖަކީ ކެރިކުޅަދާނަ ވީ މީހާ އުމުރުން އެއްފަހަރު އަދާކުރަން އޮންނަ އަޅުކަމެކެވެ. ކެރިކުޅަދާނަވުމަކީ ފައިސާގެ ގޮތުން ތަނަވަސްކަން ލިބުމާއި އެ ތަނަށް ދާން އޮންނަ މަގު އަމާންވުމެވެ.

ޙައްޖުގެ މަނާސިކުތައް ކިޔައިދިނުން

ޙައްޖަކީ ވަރަށް ޚާއްޞަ އަޅުކަމަކަށް ވީތީ، އެ އަޅުކަމަށް ޚާއްޞަ ބައެއް ކަންކަން އެބަހުއްޓެއެވެ. އެ ކަންކަމަށް ކިޔަނީ "ޙައްޖުގެ މަނާސިކުތައް" ކަމަށް އެކުދިންނަށް ބުނެދޭށެވެ. އެ މަނާސިކުތައް އަދާކުރުމުން އަޅުވެރިންގެ އީމާންކަން ވަރަށް ބޮޑަށް އުފުލޭނެ ވާހަކަ ވެސް އެ ކުދިންނަށް ބުނެދޭށެވެ.

އޭގެތެރޭގައި މީޤާތުން ނިޔަތްގަތުމާ އެކު އިޙުރާމުގައި ހުރުމާއި، ތަލްބިޔާ ކިޔަމުން ގެފުޅަށް ދިޔުމާއި، ގެފުޅު ވަށައިގެން 7 ބުރުޖަހައި ޠަވާފުކުރާ ވާހަކަ ކިޔައިދޭށެވެ. އެއަށްފަހު މަޤާމު އިބުރާހީމުގައި ދެ ރަކުޢަތް ނަމާދެއްކުރުމާއި ޒަމްޒަމް ފެން ބުއިމަކީ ޙައްޖުގެ ސުންނަތްތައް ކަން ވެސް ބުނެދޭށެވެ. ދެން ގޮސް ޞަފާއާ މަރުވާއާ ދެމެދު ހިނގުމަކީ ސަޢްޔު ކުރުން ކަމުގައި ވެސް ބުނެދޭށެވެ.

ޙައްޖުމަހުގެ 8ވަނަ ދުވަހު ޙައްޖާޖީން މިނާއަށް ދާނެކަމާއި އެ ތަނުގައި ރޭކުރުމަށް ފަހު 9ވަނަ ދުވަހު ޢަރަފާތް ބިމަށް ދާ ވާހަކަ ވެސް ކިޔައިދޭށެވެ. އެ ދުވަހަކީ ޢަރަފާތް ދުވަސް ކަމާއި އެ ދުވަހު ޢަރަފާތް ބިމުގައި ތިބުމަކީ ޙައްޖު ލިބޭ ސަބަބުކަން ވެސް ބުނެދޭށެވެ. އެ ދުވަހުގެ މެންދުރު ނަމާދަށް ފަހު ޙައްޖާޖީން ދުޢާކުރުމުގައި އިރުއޮއްސެންދެން ތިބޭނެކަމާއި، އިރު އޮއްސުމުން ޢަރަފާތްދޫކޮށް ހިނގާފައި މުޒްދަލިފާއަށްދާ ވަހަކަ ވެސް ބުނާށެވެ.

މުޒްދަލިފާގައި ރޭކުރުމަށްފަހު އަނެއް ދުވަހުގެ އިރު އެރުމުން މިނާއަށް ގޮސް ޖަމަރަތުލް ޢަޤަބާއަށް ހިލަ އުކައިފައި އެނބުރި މައްކާއަށް އައިސް ޠަޢާފުކުރާ ކަމާއި އެއަށް ފަހު ބޯބާލާ ކަމާއި ކުރިޔަށް އޮތް ތިން ދުވަހު އެ މީހުން މަޑުކޮށްގެން ތިބޭނީ މިނާގައި ކަމަށް ވެސް ބުނާށެވެ. އަދި އެއިން ކޮންމެ ދުވަހަކު ތިން ޖަމަރާތަށް ހިލަ އުކާނެ ވާހަކަ ވެސް ކިޔައިދޭށެވެ.

ކަޢުބާއާ ގުޅޭ ބައެއް ތަފްޞީލުތައް ކިޔައިދިނުން

ކަޢުބާއަކީ ﷲގެ ބިންމަތީގައި ހުރި ﷲގެ ގެކޮޅުކަމާއި، އެ ތަން ބިނާކުރެއްވި ނަބިއްޔުން އެ ކަން ކުރެއްވި ގޮތުގެ ވާހަކައަކީ އެ ކުދިން ވަރަށް ޝައުޤުވެރިކަމާ އެކު އަޑުއަހާނެ ވާހަކަތަކަކަށް ވާނެއެވެ.

މުސްލިމުން ނަމާދު ތަކުގައި ކުރިމަތިލާ ޤިބުލައަކީ ކަޢުބާ ކަމާއި އެ ދިމާލަށް ޤިބުލަ ބަދަލުކުރެވުނު ހާދިސާ ވެސް މިއީ އެ ކުދިންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކޮށްލުމަށް ދެވިދާނެ އިތުރު ފިލާވަޅުތަކެވެ.

އިބްރާހީމުގެފާނުގެ ވާހަކަ ކިޔައިދިނުން

ޙައްޖުގެ ގިނަ މަނާސިކުތައް ގުޅިފައިހުރީ އިބްރާހީމުގެފާނުގެ ޙަޔާތްޕުޅާ ކަމަށް ކުދިންނަށް ކިޔައިދީ އެކަލޭގެފާނު ތަޢާރަފުކޮށްދޭށެވެ. މާތް ﷲގެ އަމުރުފުޅުތައް ތަންފީޒުކުރެއްވުމުގައި އެކަލޭގެފާނު ދެއްކެވި ފުރިހަމަ ނަމޫނާގެ ވާހަކަ ކިޔައިދޭށެވެ. އަމިއްލަ ދަރިކަލުން އިސްމާޢީލުގެފާނު ޤުރުބާން ކުރައްވަން ލިބިވަޑައިގެންނެވި އަމުރު ފުޅަށް ކިޔަމަންތެރިވެވަޑައިގެންނެވި ކަމާއި އިސްމާޢީލުގެފާނު ވެސް ބައްޕާފުޅާ އެކު އެ ކަމަށް އިޖާބަދެއްވި ވާހަކަ ވެސް ބުނެދޭށެވެ. އެ އިމްތިޙާނުން ދެބަފައިކަލުން ފާސްވެވަޑައިގެންނެވި ކަމާއި ޛަބީޙާއެއްގެ ގޮތުގައި އުޑުން ކަންބަޅިއެއް ފޮނުއްވެވި ކަމުގެ ވާހަކަ ވެސް ބުނެދޭށެވެ. އަދި މި ހުރިހާ ކަމަކީ ﷲގެ ރުހުން ހޯދުން ކަމާއި އާޚިރަތުގެ ބާއްޖަވެރިކަން ހާސިލުކުރުން ކަމުގައި ވެސް ބުނެދޭށެވެ.

ތަލްބިޔާގެ ޢިބާރާތް ދަސްކޮށްލުން

ކުދިންގެ ޝައުޤު އިތުރުކޮށް ހަނދާނުގައި މި ވާހަކަތައް ބެހެއްޓުމަށް ޓަކައި ކުޑަ ޙަރަކާތެއްގެ ގޮތުން ތަލްބިޔާގެ ޢިބާރާތް ދަސްކޮށްލުން ރަނގަޅު ވާނެއެވެ. لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ، انَّالْحَمْدَ، وَالنِّعْمَةَ، لَكَ وَالْمُلْكَ، لا شَرِيكَ لَكَ

comment ކޮމެންޓް