ފާޑުކިޔުން އަމާޒުވެފައިވާ މުއުތަސިމްގެ ދިފާއުގައި ނަޝީދު ވާހަކަދައްކަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން -- ފޮޓޯ/ ރައީސް އޮފީސް

ފާޑުކިޔުން އަމާޒުވެފައިވާ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ މަނިކުފާނަށް ތައުރީފުކުރައްވައި ވާހަކަދައްކަވައިފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، ވަކިކުރި މައްސަލައިގައި މުއުތަސިމް ހަނުހުންނެވުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެހެން އޮއްވައި، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅޭ ގޮތުން އުއްތަމަފަނޑިޔާރު، ނަޝީދަށް ގުޅުއްވައި ވާހަކަދެއްކެވި ކަމަށް ނޫހެއްގައި ވަނީ ރިޕޯޓުކޮށްފައެވެ.

އެ ކަމާ ގުޅިގެން ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ.

އެ ބަޔާނުގައި ބުނީ، މުއުތަސިމްއަކީ އެ މަނިކުފާނުގެ ނަޒާހާތްތެރިކަމާ މެދު ދުވަހަކު ވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އެ މަނިކުފާނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސްއޫލިއްޔަތުތައް އަދާކުރައްވާނެ ބޭފުޅެއް ކަމާ މެދު ކުޑަވެސް ޝައްކެއް އުފެދިފައިނުވާ ކަމަށާއި އެ މަގާމަށް އެ މަނިކުފާނު އައްޔަންކުރީ ވެސް އެ ސަބަބުތަކަށް ބިނާކޮށް ކަމަށް ބަޔާނުގައިވެއެވެ.

"މި ބާވަތުގެ ބޮޑުވެގެންވާ ފިތުނަވެރި ދޮގު ވާހަކަ ފެތުރުން ހުއްޓާލަން ދަންނަވަން،" އެކްސްގައި ބަޔާން ހިއްސާކުރައްވައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ލިޔުއްވާފައިވެއެވެ.

މުއުތަސިމާއި ނަޝީދަކީ ގާތް ދެ ބޭފުޅުންނެވެ. މަޖިލީހުގެ ރައީސްކަމުގައި ނަޝީދު ހުންނެވިއިރު ވެސް ބައެއް ދަތުރުފުޅުތަކުގައި ވެސް މުއުތަސިމް ބައިވެރިކުރެއްވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ މިދިޔަ ފެބްރުވަރީ 26 ގައެވެ. އެ ފަނޑިޔާރުން ސަސްޕެންޑުކުރީ މަޖިލީސް މެންބަރުން ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުން އަންނަނިކޮށެވެ.

ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އެހެންވެ، އެ މަގާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގައި އޭރު ހުންނެވި ހުސައިން ޝަހީދު ވަނީ އައްޔަންކުރައްވައިފައެވެ.

https://sun.mv/206020

ސުލޫކީ މައްސަލަ ބެލުމަށް ފަހު ޖޭއެސްސީން ނިންމި ގޮތަށް ފަނޑިޔާރު އަަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވެސް މި މަހު 14 ގައި ވަނީ މަގާމުން ވަކިކޮށްފައެވެ.

އެ މައްސަލައިގައި ހަނު ހުންނެވުމުން ގިނަ ބަޔަކު މުއުތަސިމަށް ފާޑުކިޔެވެ.

ފަނޑިޔާރުކަމުން ވަކިކުރުމާ އެކު ނެރުނު ބަޔާނެއްގައި އަޒްމިރަލްދާ ވަނީ ފަނޑިޔާރުން ސަސްޕެންޑުކުރުމާ އެކު، އެ ބޭފުޅުން ކޯޓަށް ދެން ވަޑައިނުގަންނަވާނެ ކަމަށް މުއުތަސިމް ވިދާޅުވި ކަމަށް ތުހުމަތުކުރައްވައިފައެވެ.

ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް މުއުތަސިމް ވަނީ ރިޓަޔާވުމަށް އަމިއްލައަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ ރިޓަޔާމަންޓާ ގުޅޭ ގޮތުން ޖޭއެސްސީން އަދި ވަނި އެއްޗެއް ނުބުނެއެވެ.

comment ކޮމެންޓް