ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބަހައްޓާފައި ހުރި އެކި ކުރެހުންތައް ބަލަމުން އައިރު، ކެންވަސް ބަހައްޓާ ބޯޑެއް ފެނުމުން ފުރަތަމަ ހިތަށް އެރީ، 'އެ ވާނީ ތަންކޮޅެއް ބޮޑު ކުރެހުމަކަށް' ކަމަށެވެ. އެ ބޯޑު ކައިރީ އެ އުފެއްދުމުގެ ވެރިޔާ މުޙައްމަދު ހިސާން ވެސް ހުއްޓެވެ.
އެހެންވެ، އެ ކުރެހުން ބަލައިލަން ކައިރިވެލުމުން ފެނުނީ، މުޅި މައުރަޒުގައި ވެސް ބައިވެރިކުރި އެންމެ ތަފާތު އެއް އުފެއްދުމެވެ. ކެންވަސް ފްރޭމެއްގައި ބަހައްޓައިފައިވަނީ ލަކުނޑި ފްރޭމެއްގެ ތެރޭ ބޮޑު ގަލެކެވެ.
އެކަމަކު، މިއީ އާދައިގެ ގަލެއް ނޫނެވެ. އަގުނުކުރެވޭފަދަ، ހުނަރުވެރިކަމާއި، ދިވެހީންގެ ކާބަފައިންގެ ފަންނުވެރިކަމުގެ ދުނިޔެއަށް ގެންގޮސްދޭނެ ފުރިހަމަ އުފެއްދުމެކެވެ. ހިސާން، އެއްވެސް ޒަމާނީ އާލާތެއް ބޭނުން ނުކޮށް، އަމިއްލަ އަތުން ކަނޑައިނަގައިފައިވާ ގަލެކެވެ.

ހިސާން، އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި ގަލުވަޑާމުގެ މަސައްކަތް -- ސަން ފޮޓޯ
"މިއީ އަތުން ކަނޑައިނަގައިފައިވާ ގަލެއް. އިމްޕޯޓެޑް ސްޓޯންއެއް މިއީ އަތުރައިފައި،" ހިސާން ބުންޏެވެ.
ސޫރަތުލް އިޚްލާސްގެ އާޔަތްތައް ކަނޑައިނަގައިފައިވާ މި ހިތްގައިމު ގަލުވަޑާމުގެ މަސައްކަތަށް އޭނާ 200 އަށްވުރެ ގިނަ ގަޑިއިރު ހޭދަކުރިއެވެ.
މި މަސައްކަތް އޭނާ ކުރީ ގާ ވަކިވަކި ބައިތަކަށް ބަަހައިލައިގެންނެވެ. އެއަށް ފަހު މުޅި ފަރުމާ ފުރިހަމަ ކުރަން، އެ ބަޔަކަށް ޚާއްސަ ފަރުމާ ނުވަތަ ލިޔުން ކަނޑައި ނަގަނީއެވެ. ގަލުގެ ހުރިހާ ބައެއްގެ ފަރުމާ ކަނޑައިނަގައި ނިމުމުން، ގާ އެކީ ރާވައި ނިންމީއެވެ.
"އެންމެ ފަހު ލޭޔާ ނިންމާފައި، ޕޮލިޝްކޮށް އެއްކޮށް އޮމާންކޮށް ހަދާފައި ދެން މި ލީ ޕްރޮޓެކްޓިވް ކޯޓިންއެއް. އެއީ، ހަދައި އެއްޗެހީގައި ގާ ގިނަ ދުވަހު ދެމިހުންނަ ގޮތަށް ބަހައްޓަން ލާ ކޯޓިންއެއް،" ހިސާން ބުންޏެވެ.

ހިސާން، އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި ގަލުވަޑާމުގެ މަސައްކަތް -- ސަން ފޮޓޯ
ހާސްކަމުން ފުރިފައިވާ ހަލަބޮލިކަމުގެ ތެރެއިން ހިސާނަށް ހިތްހަމަޖެހުން ގެނުވައިދެނީ މި މަސަައްކަތެވެ. އޮފީހުގައި އަވަދިނެތި މަސައްކަތުގައި އުޅުމަށް ފަހު ވަރުބަލިކަން ފިލުވައިލަނީ ގަލުގައި ކަނޑައިނަގާ ފަރުމާތަކުންނެވެ.
އެހެންވެ އޭނާއަށް މިއީ ހާސްކަމުން ފުރިފައިވާ ދުވަހެއް ނިންމައިލައި، ހިތްހަމަޖެހުން ގެނުވާ ހިމެން ވަގުތުކޮޅެއް ހޯދަން ބޭނުންނަމަ ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ.
"ގަލުގައި ކަނޑައިނަގާއިރު ކޮންމެ ވެސް ވަރަކަށް ސްޓްރެސް ފްރީކޮށް އިނދެގެން ކޮށްލެވޭނެ. އާންމުކޮށް ރާއްޖޭގައި މި އުޅެނީ ޒުވާނުން ވަރަށް ސްޓްރެސްކޮށް ކަންނޭނގެ މި އުޅެނީ، ވޯކްގައި އުޅެލާފައި. އެ ކަން ފިލުވައިލުމަށް މި ކަހަލަ މަސައްކަތެއް ކޮށްލައިގެން ކުރިއަށްދެވޭނެ،" ހިސާން ބުންޏެވެ.
ހިސާންގެ މި މަސައްކަތުން އޭނާ ދިރުން މި ގެނެސްދެނީ ކާބަފައިންގެ ހުނަރާއި ފަންނުވެރި މާޒީއަށެވެ. އެ ދިރުން ނެތިދިޔަ ނުދީ ހިފެހެއްޓުމާ އެކު، ގިނަ ބަޔަކަށް ވާސިލުކޮށްދިނުމަކީ އޭނާގެ ވިސްނުމެވެ.
"އަޅުގަނޑު މިހާރު ކޯސްތަކެއް ވެސް ކުރިއަށް ގެންދަން ނިންމައިގެން މި އުޅެނީ މި ކަން ކުރިއަރުވަން ވެގެން. އިރާދަކުރެެއްވިއްޔާ މި އެކްސްޕޯ ނިމުމަށް ފަހު ހެރިޓޭޖް މިނިސްޓްރީއާއި ތަންތަނާ ގުޅިގެން ކުރިއަށް ގެންދާނަން،" ހިސާން ބުންޏެވެ.
އޭނާގެ އުންމީދަކީ މި ކަން ގިނަ ބަޔަކަށް ދަސްކޮށްދީ މި ފަންނު ކުރިއެރުވުމެވެ. އަދި، މުސްތަގުބަލުގައި ހުނަރުވެރި ޒުވާނުން މި ދާއިރާއިން އުފެދުމެވެ.
ދިވެހި ވަރަށް ގިނަ މިސްކިތްތަކުގައި މި ޒާތުގެ ގަލުވަޑާން ފެންނަން ހުރެއެވެ. އެއީ، ދިވެހި ކާބަފައިންގެ ފަންނުވެރިކަމާ ގުޅިފައިވާ މުއްސަނދި މާޒީއެއް އޮތް ފަހުރުވެރި މަސައްކަތެކެވެ.
ގަލުވަޑާމަކީ، ގަލުގައި ވަކި ގޮތަކަށް ފަރުމާ ކަނޑައިނެގުމެވެ. އެއީ ދިވެހި ކާބަފައިންގެ ހުނަރު އެންމެ ބޮޑަށް ހާމަވާ އެއް މަސައްކަތެވެ.
އެގޮތުން ރާއްޖޭގައި ހުރި އާސާރީ މިސްކިތްތަކާއި، ހިރިގަލު މަހާނަ ގާތަކުން، ގަލު ވަޑާމުގެ ފުރިހަމަ ފަންނު ފެނެއެވެ.
ގަލުވަޑާމުގެ ފުރިހަމަކަން ފެންނަ މާލޭ ހުކުރު މިސްކިތަކީ ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ވެސް ހިމެނިފައިވާ ތަނެކެވެ.
މި ފަންނުގެ މަސައްކަތް މިއަދުގެ ދިވެހީންގެ ތެރެއިން ކުރަމުން އަންނަނީ މަދު ބައެކެވެ. ނަމަވެސް މިއަދު މި މަސައްކަތުގައި ޒަމާނީ އާލާތްތައް ވެސް ބޭނުން ކުރެއެވެ.