މަތިކިޅި އިކޯ ގާޑެންގައި ރޯކޮށްލި ކަމަށް ތުހުމަތުކޮށް، ފިޔަވަޅު އަޅައިދޭން އެދިއްޖެ

މަތިކިޅީގެ އިކޯ ގާޑެންގައި ރޯވުން: އެ ސޮސައިޓީން ބުނީ އެ ތަނުގައި ބަޔަކު ރޯކޮށްލީ ކަމަށް -- އިކޯ ގާޑެން ސޮސައިޓީ

އައްޑޫ ސިޓީ މީދޫ، މަތިކިޅި އިކޯ ގާޑެން ސަރަހައްދުގައި އަނެއްކާ ވެސް ބަޔަކު އަލިފާން ރޯކޮށްލާފައިވާތީ، އެ ބަޔަކާމެދު ފިޔަވަޅު އަޅައިދޭން އިކޯ ގާޑަން ސޮސައިޓީން އެދިއްޖެއެވެ.

އެ ސޮސައިޓީން ފޭސްބުކްގައި މިއަދު ބުނެފައިވަނީ އެ ތަނުގެ ރޯކޮށްލާފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. މި ފަހަރު ރޯކޮށްލާފައިވަނީ އިކޯ ގާޑަނުގެ އެންޓްރީ ވޯކްވޭގެ ދެކުނު ފަރާތު ކައިރީގައި ކަމަށާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުން މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެ ޕޯސްޓުގައި ވެއެވެ.

އިކޯ ގާޑަނުން ބުނި ގޮތުގައި މިއީ ސީދާ އެ ތަނަށް ގެއްލުން ދިނުމަށް ޓަކައި ބަޔަކު ޖެހި ހުޅެކެވެ.

"މިފަދަ ކަންކަން ކުރާ މީހުން ހޯދައި ތަހުގީގުކޮށް އެމީހުންނަށް ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ" އެ ސޮސައިޓީން ބުންޏެވެ.

މަތިކިޅީގެ އިކޯ ގާޑެންގައި ރޯވުން: އެ ސޮސައިޓީން ބުނީ އެ ތަނުގައި ބަޔަކު ރޯކޮށްލީ ކަމަށް -- އިކޯ ގާޑެން ސޮސައިޓީ

މީގެ ކުރިން ވެސް އެކި ފަހަރުމަތިން އެ ތަނުގައި އަލިފާން ރޯވުމުގެ ހާދިސާތައްވަނީ ދިމާވެފައެވެ.

މި މައްސަލައިގައި "ސަން"އާ ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރޯވާން މެދުވެރިވާ ސަބަބު، ފުލުހުންގެ އެހީތެރިކަމާއެކު ވެސް އަދި ސީދާ ދެނެގަނެވިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ނޭނގޭ އެވާ ގޮތެއް. އެއްގޮތަކީ ބަޔަކު ގަސްތުގައި ކުރަނީ، ގަސްތުގައި ބަޔަކު ކުރާ ކަހަލަ ކަމެއް ނޫން އެއީއެއް. ދެން އަނެއް ގޮތަކީ ހޫނުވީމާ އެ ތަނުގެ ގޮތުން އެ ރޯވަނީ... ވަކި ސީދާ ކިހިނެއްވެ ކަމެއް އެހެންވަނީ ދަންނަވާކަށް ނޭނގޭ" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވި ގޮތުގައި އެންމެ ފަހުން މީގެ ދެ މަހެއްކުރިން ހަމަ އެ ތަނުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް އެ ކަން ޔަގީން ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

https://sun.mv/203920

އައްޑޫ ސިޓީ ކައުންސިލްގެ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ޞާލިހާ ވިދާޅުވެފައިވަނީ އެ ތަނުގައި ބައެއް ފަހަރު އަމިއްލައަށް ރޯވުމުގެ ހާދިސާތައް ހިނގައިފައިހުރިއިރު، ގަސްދުގައި ވެސް މީހުން ރޯކޮށްފައި އެބަހުރި ކަމަށެވެ.

އެ ގޮތުން މިދިޔަ މާރިޗު 19ގައި ވެސް މަތިކިޅީގައި ވަރަށް ބޮޑަށް ރޯވެގެން އެ ތަނުގެ ދެބައިކުޅަ އެއްބައި އަނދައިހުލިވެގެންދިޔައެވެ. މިއީ 15 އަހަރު ތެރޭ ލިބިގެންދިޔަ އެންމެ ބޮޑު ގެއްލުން ކަމަށް އިކޯ ގާޑެން ސޮސައިޓީން ބުންޏެވެ. އެ ހާދިސާގައި އަނދައި ހުލިވެގެންދިޔަ އެ ތަނުގެ ގްރާސް ފީލްޑް، ހަ މަސްދުވަހުގެ ތެރޭގައި ރިކަވާވާނެ ކަމަށް އެ މީހުން އޭރު ބުންޏެވެ.

comment ކޮމެންޓް