މެޑިކަލް ޑިވައިސްއަށް ސެމްސަންގުން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަނީ

ފޮޓޯ: ކްރެޑިޓް އެކްސޯ (Exo) --

މަޝްހޫރު ޓެކް ކުންފުނި ސެމްސަންގުގެ ވެންޗާ އިންވެސްޓްމަންޓް ޔުނިޓުން، އެމެރިކާގެ ކެލިފޯނިއާގައި ގާއިމްކޮށްފައިވާ މެޑިކަލް ޑިވައިސް ސްޓާޓަޕެއް ކަމަށްވާ އެކްސޯއަށް 100 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް އިންވެސްޓްކުރަން ބަލަމުން އަންނަ ކަމަށް ބްލޫމްބާގުން ރިޕޯޓްކޮށްފިއެވެ.

މި އިސްވެސްޓްމެންޓް ރައުންޑްގައި އިސްކޮށް ހަރަކާތްތެރިވަނީ ސޭންޑްސް ކެޕިޓަލްއާއި، ބޯލްޑް ކެޕިޓަލް އަދި ކިއުބިޓް ހެލްތު ކެޕިޓަލް ކަމަށް ރިޕޯޓްގައިވެއެވެ. އަދި، ކިއުބިޓްގެ ޗެއާމަން، އިމާރު އިޝްރާކް، އެކްސޯގެ ބޯޑާ ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކުރިން 2015 ވަނަ އަހަރު އުފެއްދި އެކްސޯއިން އުފައްދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، މެޑިކަލް އިމޭޖިން އަދި ސިލިކަން ޓެކްނޮލޮޖީ އެއްކޮށްލައިގެން އަތުން ހިފެހެއްޓޭ މެޑިކަލް އިމޭޖިންގް ޑިވައިސްތަކެކެވެ.

މި ޑިވައިސްތައް ބޭނުންކޮށްގެން ފުއްޕާމޭ ސްކޭންކުރުން ނުވަތަ އެކޯކާޑިއޮގްރާމް ފަދަ އަލްޓްރާސައުންޑް އެގްޒެމިނޭޝަންތައް ހެދެއެވެ.

މި ޑިވައިސް ސީދާ ސްމާޓްފޯނަކަށް ގުޅާލެވޭއިރު، މެޑިކަލް އެގްޒެމިނަރުންނަށް އެންމެ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ބަލިމީހުން ސްކޭންކޮށް، ޓެސްޓްގެ ރިޕޯޓުތައް ޑޮކިއުމަންޓްކޮށް ހިއްސާކުރެވެއެވެ.

އެކްސޯއިން މިހާތަނަށް އިންވެސްޓަރުންގެ ފަރާތުން 320 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޯދާފައިވެއެވެ. އޭގެ ތެރޭގައި އާރްއޭ ކެޕިޓަލް މެނޭޖްމަންޓް، ބްލެކްރޮކް، ސޭންޑްސް ކެޕިޓަލް، އިންޓެލް، ސޮނީ، އަދި އެވިޑިޓީ ޕާޓްނާސް ފަދަ ފަރާތްތައް ހިމެނެއެވެ.

އެ ކުންފުނިން އެންމެ ފަހުން 2021 ވަނަ އަހަރު ވަނީ ސީރީޒް ސީ ރައުންޑެއްގައި 220 މިލިއަން ޑޮލަރު ހޯދާފައެވެ.

މީގެ އިތުރުން، އެކްސޯއިން ސެމްސަން މެޑިސަން ކޯއާއެކު ޕާޓްނާޝިޕެއް ގާއިމްކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްގައިވެއެވެ. ސެމްސަންގް މެޑިސަންއަކީ އަލްޓްރާސައުންޑް ޑައިގްނޯސްޓިކްސް އަދި ޑިޖިޓަލް އެކްސްރޭ ސިސްޓަމްތައް އުފައްދާ ކުންފުންޏެކެވެ.

އެކްސޯ، ސެމްސަންގް، ސޭންޑްސް ކެޕިޓަލް، ބޯލްޑް ކެޕިޓަލް އަދި ކިއުބިޓް ހެލްތުން ވަނީ މިކަމާ ގުޅޭގޮތުން ވަގުތުން ކޮމެންޓެއް ދީފައެއް ނުވެއެވެ.

ސެމްސަން ކުންފުނީގެ މި އިންވެސްޓްމެންޓުން އިތުރަށް އަލިއަޅުވާލަނީ ސިއްޙީ ދާއިރާގައި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އަންނަމުންދާ އިންގިލާބީ ބަދަލުތަކަށެވެ. އެކްސޯ ފަދަ ކުންފުނިތަކުން މަސައްކަތްކުރަމުން އަންނަނީ، އާންމުކޮށް ބޮޑެތި އަދި އަގުބޮޑު އަލްޓްރާސައުންޑް މެޝިންތަކަށް ބަރޯސާވުން ކުޑަކޮށް، ކޮންމެ ތަނެއްގައި ވެސް، އަދި ޚާއްސަކޮށް ރިމޯޓް ހިސާބުތަކުގައި ވެސް، ފަސޭހައިން ބޭނުންކުރެވޭ، އަތުން ހިފެހެއްޓޭ ޒަމާނީ އާލާތްތައް ތައާރަފުކުރުމަށެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި، މިފަދަ ޑިވައިސްތަކުން ނެގޭ އިމޭޖްތައް ދެނެގަތުމަށާއި، ތަހުލީލުކުރުމަށް ފަސޭހަވެ، ތަމްރީނު ލިބިފައިވާ މާހިރުން މަދު ތަންތަނުގައިވެސް މި ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެއެވެ.

ސެމްސަންގް ފަދަ ބައިނަލްއަގްވާމީ ޓެކްނޮލޮޖީ ކުންފުންޏަކުން މިފަދަ އީޖާދީ ސްޓާޓަޕަކަށް އިންވެސްޓްކުރުމަކީ، މި ދާއިރާގެ ކުރިމަގު ފެންނަ ފެނުމާއި، މެޑިކަލް ޓެކްނޮލޮޖީއަކީ ފައިދާހުރި އިންވެސްޓްމަންޓެއްކަން ދައްކުވައިދޭ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު