އައިކޮމްގެ ބައްދަލުވުންތަކަށް ވޭމަންޑޫ ކައުންސިލުން ހާޒިރުނުވުމުން 350 ރުފިޔާގެ ޖޫރިމަނާއެއް

ވޭމަންޑޫ: އައިކޮމްގެ ބައްދަލުވުންތަކަށް ހާޒިރުނުވާތީ އެ ކައުންސިލް ވަނީ ޖޫރިމަނާކޮށްފައި -- ފޮޓޯ/ އަރުޝަދު

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން ތާވަލުކުރި ދެ ބައްދަލުވުމަކަށް ތ. ވޭމަންޑޫ ކައުންސިލުން ހާޒިރުނުވުމުން 350 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އައިކޮމްއިން ނެރުނު ބަޔާނެއްގައިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ކައުންސިލުން މައުލޫމާތެއް ހޯދުމަށް ފޮނުވި ހުށަހެޅުމަށް ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު ދިން ޖަވާބާ ދޭތެރޭ ހިތްހަމަ ނުޖެހިގެން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ފަދަ ޝަކުވާއެއް އަދި އިލްތިމާސެއް ވެސް ބަލަންވާނީ ހުޅުވައިލެވިފައިވާ ބައްދަލުވުމެއްގައެވެ.

މި ޝަކުވާތައް ބެލުމަށް ޓަކައި މި އަހަރުގެ 28 އޭޕްރީލްގައި އެ އޮފީހުން ހުޅުވާލާފައިވާ ބައްދަލުވުން ތާވަލުކޮށްފައިވީ ނަމަވެސް އެ ބައްދަލުވުމުގައި ވޭމަންޑޫ ކައުންސިލުން ބައިވެރިނުވުމުން ކެންސަލް ކުރަން ޖެހުނު ކަމަށް އައިކޮމްއިން ބުންޏެވެ. އޭގެ ފަހުން، މި މަހުގެ އަށްވަނަ ދެވަނަ ބައްދަލުވުމެއް ތާވަލުކުރި އިރު ވެސް، އެ ކައުންސިލުން ބައިވެރި ނުވިއެވެ. އެހެން ކަމުން އައިކޮމްއިން އެ ބައްދަލުވުން ކުރިޔަށް ގެންދިޔައީ ވޭމަންޑޫ ކައުންސިލްގެ ޣައިރު ހާޒިރުގައެވެ.

އައިކޮމްގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ، އެ ކައުންސިލުން އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބުތަކަށް ހުރަސްއަޅަނީ ކަމަށެވެ.

އައިކޮމްއިން އަންގާ ތާރީޚުތަކުގައި ހާޒިރުވާންޖެހޭ ތަނާއި ގަޑިއަށް ދެވެން ނެތް ނަމަ، ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ މަދުވެގެން ގަޑިއިރިރެއްކުރިން، އެ ކަން އަންގަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްގައި އޮވެއެވެ.

އެހެން ނަމަވެސް އެ ފަދަ އެންގުމެއް އެ ކައުންސިލުން އަންގައިފައެއް ނުވެއެވެ.

ވޭމަންޑޫ ކައުންސިލް އިދާރާއިން މިދިޔަ އޭޕްރީލް މަހާއި މި މަހުގެ އަށްވަނަ ދުވަހު އެ އޮފީހަށް ހުށަހަޅައިފައިވާ ހަ މައްސަލައެއް ބެލުމަށް ތާވަލުކޮށްފައިވާ ބައްދަލުވުމަށް ހާޒިރުނުވާތީ އެ ކޮމިޝަނުން ނިންމީ ގާނޫނާ އެއްގޮތަށް ވޭމަންޑޫ ކައުންސިލް 350 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

comment ކޮމެންޓް