ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެމެރިކާގައި ދަތުރުކުރެއްވި މަތިންދާބޯޓެއްގައި ބޮމުގެ ހަމަލާއެއްގެ އިންޒާރެއް ލިޔެފައި އޮތުމުން، އެ ބޯޓު ޑައިވާޓްކޮށްފިއެވެ.
މި މަހުގެ 15 ވަނަ ދުވަހު ނައިބު ރައީސް އެމެރިކާއަށް ވަޑައިގަތީ، ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީތައް ބޭނުން ކުރަން ހިތްވަރުދޭ ޖަމްއިއްޔާއެއް ކަމަށްވާ ބްލޫ ޕްލެނެޓް އެލަޔަންސްގެ ދައުވަތަކަށެވެ.
އެ މަނިކުފާނު ދަތުރުކުރެއްވި ބޯޓެއް ޑައިވާޓް ކުރަން ޖެހުނީ، ހަވާއީގެ ހޮނޮލޫލޫގައި ބޭއްވި ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ލޮސް އެންޖެލެސްއަށް ވަޑައިގަންނަވަނިކޮށެވެ.
ބޭރުގެ ނޫސްތަކުގައިވާ ގޮތުން އެ ހާދިސާ ހިނގީ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް 1169ގައެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ވަނީ ބޯޓުގެ ފާޚާނާގެ ލޯގަނޑުގައި 'ކަންބޮޑުވާ ޒާތުގެ ލިޔުމެއް' ލިޔެފައި ވުމުން، ބޯޓު އެނބުރި ހޮނޮލޫލޫގައި ޖެއްސީއެވެ.
އެ ހާދިސާގައި ބޯޓުގައި ތިބި 339 ފަސިންޖަރުންނާއި 10 ކުރޫ މެންބަރުންނަށް އަނިޔާއެއް ނުވާ ކަމަށާއި އެންމެންނަށް ވެސް އެހެން ފްލައިޓުތައް ހަމަޖައްސައިދިން ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާއާ ގުޅިގެން، ބޯޓު ހޮނޮލޫލޫގައި އަލުން ޖެއްސުމާއެކު ނައިބު ރައީސް އެއާޕޯޓުގެ ވީއައިޕީއަށް ގެންދިޔައެވެ. އެއަށްފަހު އެ މަނިކުފާނު އެހެން ފްލައިޓެއްގައި ލޮސް އެންޖެލެސްއަށް ވަޑައިގަތީއެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން މިހާތަނަށް ރަސްމީ ބަހެއް ލިބިފައިނުވެއެވެ.
ނައިބު ރައީސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި، ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ)ގެ ރަސްމީ މެންބަރަކަށް ރާއްޖެ ވުމަށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.
ހަވާއީގެ ހޮނަލޫލޫގައި މިދިޔަ ހަފުތާގެ އާދިއްތައިން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގަތް ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.