"ކީކޭ؟ ކޮންކަމެއް؟" ނަޖީބަށްވެސް ހައިރާންކަމާއެކު ސުވާލުކޮށްލެވުނެވެ.
"އަހަރެން…. އަހަރެން މައުވާއާ ބައްދަލުކޮށްފިން." ކުޑަކޮށް އިސްޖަހާލަމުން ރިސާމާ އެހެން ބުނެލީ ނަޖީބާ ކުރިމަތިލާނެ ގޮތެއް ނުވިސްނުމުންނެވެ. އޭނާއަކީ އެއް އިރެއްގައިވެސް ފިރިމީހާއަށް ސިއްރުން އެއްވެސް ކަމެއް ކުރާ މީހެއް ނޫނެވެ. ފިރިމީހާގެ ބަހަށް އަބަދުވެސް ކިޔަމަންތެރިވާ އަންހެނެކެވެ. ކޮންމެ ކަމެއްގައިވެސް ފިރިމީހާގެ އިޒުނަ ހޯދާ ކަންތައްތަކުގައި މަޝްވަރާކުރާ މީހެކެވެ. ވީއިރު އެފަދަ ކަމެއް އެފަދަ ގޮތަކަށް ކުރުމުން ނަޖީބު ހިތްހަމަނުޖެހިދާނެހެން ރިސާމާއަށް ހީވިއެވެ. އަދި އެވެސް އަޒްލަފް މެދުވެރިވެގެންނެވެ.
"ރިސާމާ. ކީކޭތަ ތި ކިޔަނީ؟ ސާފުކޮށް ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދީބަލަ. ކޮން އިރަކު ރިސާމާ މައުވާއާ ބައްދަލުކުރީ؟" ލޯބިވާ އަނބިމީހާގެ ނުތަނަވަސްކަން ފެނި އެ އަތަށް ބާރުކޮށްލަމުން ނަޖީބު ސުވާލުކޮށްލީ ލޯތްބާއެކުގައެވެ. ކެތްތެރިކަން އޭނާ އިސްކުރިއެވެ. ރުޅިއަކީ ހައްލު ނޫންކަން ވިސްނޭތީއެވެ. އަދި ވަގުތާ ޙާލަތުގެ ނާޒުކުކަމާއެކުގައިވެސް މެއެވެ. ނަޖީބާ ހަތަރުކަޅި ހަމަކޮށްލުމާއެކު ރިސާމާ ހުރިހާ ވާހަކައެއް ނަޖީބަށް ކިޔައިދިނެވެ. ލޯބިވާ ފިރިމީހާއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ކަންތައް ވެގެން ދިޔަ ގޮތް އެއްވެސް ފޮރުވުމެއްނެތި އޭނާ ކިޔައިދިނީ އެހިތަށް ވެސް ލުޔެއް ލިބޭނީ އެކަން އެގޮތަށް ކުރުމުންކަން އެނގޭތީއެވެ.
"ނަޖީބު އަހަރެން ދެކެ ހިތްހަމަ ނުޖެހުނީތަ؟" ރިސާމާ ދެރަވިއެވެ. ނަޖީބުގެ ހިމޭންކަމުން އޭނާއަށް އުނދަގޫވާން ފެށިއެވެ.
"ނޫން." ނަޖީބު ވިސްނާލަމުން ބުނެލިއެވެ. އޭނާ އެދުނީ ރިސާމާވެސް އިތުރުކަމަކާ ނުވިސްނާ ނިދާލުމަށެވެ. އޭނާ ރިސާމާ ދެކެ ރުޅި ނާންނަކަމަށް ބުނެފައި ނަޖީބު ރިސާމާގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއެވެ. ރިސާމާ އެގޮތަށް އެކަންތައްކުރީ އަފްނާންއާ މެދު ކަންބޮޑުވެގެންކަން އޭނާއަށް އެނގޭތީވެސް މެއެވެ. ރިސާމާއަކީވެސް ވިސްނުންތޫނު އަންހެނެކެވެ. އޭނާ ކަތިފިޔަވަޅެއް ނާޅާނެކަމުގެ ޔަޤީންކަން ނަޖީބަށް އަބަދުވެސް އޮވެއެވެ.
*****
އަފްނާންއާ މައުވާގެ ގުޅުމަށް ހަފްތާއެއް ފާއިތުވެގެން ދިޔައިރު އަފްނާން އެ ވާހަކަ ބުނީ ހަމައެކަނި އަޒްލަފްގެ ކައިރީގައެވެ. އޭނާ އެދުނީ އެ ވާހަކަ އެހަށް މަންމަމެން އެންމެންނަށް ސިއްރުކުރުމަށެވެ. ފުރަން އުޅެފައި ކުއްލިއަކަށް ފުރުން ކެންސަލް ކުރުމުން ރިސާމާގެ އިތުރުން ނަޖީބަށް ވެސް ހައިރާންކަމެއް ލިބުނެވެ. އެއާއެކު ރިސާމާއަށް އެއީ މައުވާގެ ސަބަބުންވީ ކަމެކޭ ހީވާން ފެށިއެވެ. ރިސާމާ އެ ސުވާލުތައް ކުރީ އަޒްލަފްއާއެވެ. އަޒްލަފްއަށް އެރޭ މައުވާއާ އަފްނާންއާ ދެމެދު ދެކެވުނު އެއްވެސް ވާހަކައެއް އެނގޭތޯ ރިސާމާ ސުވާލުކުރިނަމަވެސް، އަފްނާންގެ އާދޭސްތަކުގެ ސަބަބުން އަޒްލަފް އެކަންތައް ސިއްރުކުރީ ކޮންމެހެން އޭނާ ބޭނުންވެގެންނެއް ނޫނެވެ. އެހެންނަމަވެސް، އެ ވާހަކަ ބުނުން އެންމެ އެކަށީގެންވަނީ އަފްނާންކަމަށް ޤަބޫލުކުރެވޭތީއެވެ.
އަނެއްކޮޅުން މައުވާ އެ ވާހަކަތައް ޒާޔާއާ ހިއްސާކުރިއެވެ. އެހާ ދުވަސްފަހުން، މައުވާގެ ތުންފަތް މަތިން ހިނިތުންވުމެއް ފެނުމުން ޒާޔާއަށްވެސް ލިބުނީ އުފާވެރިކަމެކެވެ. އޭނާއާ ރަޔާންގެ ވާހަކަ މައުވާގެ ގާތުގައި ބުނަން ޒާޔާ ބޭނުންވިއެވެ. ޔޫޝައުއާ ދިމާކުރަން ކިތަންމެ ބޭނުންވިނަމަވެސް، ޔުނިވާސިޓީއިން ނޫން ގޮތަކަށް ޔޫޝައު ފެންނަ ގޮތެއް ނުވެއެވެ. ޔޫޝައު އުޅޭގޮތުން ހީވަނީ، އޭނާ ވަގުތު ބޭނުންވަނީ ހެންނެވެ. ހުރިހާކަމަކުން ސިކުނޑިއަށް ލިބުނު ހާސްކަމަށް ލުޔެއް ލިބެންދެން ދުރުގައި ހުންނަން ބޭނުންވެގެން އުޅޭހެންނެވެ. ޒާޔާ ޔޫޝައުއާ މެދު ކަންބޮޑުވެ ޔޫޝައުއަށް މެސެޖުކުރުމުން ޔޫޝައު ބުނީ، އޭނާގެ ހިތުގައި އެކަކަށްވެސް ހިތް ބުރަކަމެއް ނެތްކަމުގައެވެ. މި ދުވަސްކޮޅު އޭނާ އަމިއްލަ ނަފްސަށް ވަގުތު ދޭން ބޭނުންވާކަމުގައެވެ. ޒާޔާވެސް ހުރީ އެވަގުތު ޔޫޝައުއަށް ދީގެންނެވެ.
ރަޔާންގެ ވާހަކަ ބުނުމަށްޓަކައި ޒާޔާ މައުވާއާ ބައްދަލުކުރަން ދިޔައީ މައުވާމެންގެ ގެއަށެވެ. ޒާޔާ މައުވާގެ ގާތަށް ވަނުމުން ރާމިޒާ އިށީނދެލީ ސޯފާގައެވެ. ގޭގައި، ޒުލްފާ ނޫޅޭތީއާވެސް އެކުގައެވެ. މައުވާއާއި ޒާޔާއާ އެކަނި ވާހަކަ ދައްކާލަން ބޭނުންވާނެހެން ހީވާތީއާވެސް އެކުގައެވެ. އެރޭ އަފްނާންއާ ބައްދަލުކޮށްފައި އައިއިރު މައުވާ ހުރީ ވަރަށް ރޮއިފައިކަން އޭނާއަށް އެނގުނު ނަމަވެސް، އެ ދުވަހު އެ ދަރިފުޅުގެ މޫނުމަތިން އެހެންޏާ ނުފެންނަން އުފާވެރިކަމެއް އޭނާއަށް ފާހަގަވިއެވެ. އެކަމާ އޭނާ މައުވާއާ ސުވާލުނުކުރީ ކޮންމެހެން ކަންތައްތައް އެނގެން ބޭނުންނުވާތީއެއް ނޫނެވެ. އެހެންނަމަވެސް މައުވާ ބޮޑުކަމެއް ނަމަ އޭނާއަށް ސިއްރުނުކުރާނެކަމުގެ ޔަޤީންކަން އޮތްލެއް ބޮޑުކަމުންނެވެ. އެހާވަރުން ހުއްދަ ހޯދައިގެން އަފްނާންއާ ބައްދަލުކުރަން ދާނީވެސް އޭނާއަށް މައުވާގެ ހިތުގައި ވަރަށްވެސް މަތީ ޤަދަރެއް ދެވިފައިވާތީއެވެ.
"މައު… އަހަރެން ބޭނުން މައު ގާތު ވާހަކައެއް ބުނަން." ޒާޔާ މައުވާއަށް ބަލައިލަމުން ބުނެލިއެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ވެއެވެ. ލަދުވެތިކަމުގެ އަސަރުތައް އަލަށް ޒާޔާގެ މޫނުމަތިން މައުވާއަށް ފާހަގަވާން ފެށިއެވެ.
"ޒާ…" އޭނާއަށް ޒާޔާއަށް ގޮވައިލެވުނެވެ.
"މައު… އަހަރެން… މީ… އެންމެ ފުރަތަމަވެސް ސޮރީ ނުބުނެވުނީމަ. އެކަމަކު…. އަހަރެން ބޭނުން މައުއާ ކުއްޖަކާ މީޓްކުރުވަން." އަޅައަޅައިގަންނަމުން ވާހަކަ ފެށި ޒާޔާ ފަހު ޖުމްލަ ބުނެލިއިރު އެ އަޑުގައިހުރީ އައު ޖޯޝެކެވެ. އޭނާ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލައިފިއެވެ.
"ކޮން އިރަކު ވީކަމެއް؟" ޒާޔާ އެ ދައްކާ ވާހަކަ މައުވާއަށް ރަނގަޅަށް ފަހުމްވުމާއެކު އޭނާއަށް އަހައިލެވުނެވެ.
"ސިކްސް މަންތްސް ވީ. ޙާލަތު އޮތްގޮތުން އަސްލު ނުބުނެވުނީ. އައެމް ސޮރީ…" ޒާޔާ މާފަށް އެދުނެވެ.
"ދެން ކޮން އިރަކުން އެހެންވީމަ މީޓްކުރުވާނީ؟" މައުވާ ސުވާލުކޮށްލިއިރު އޭނާގެ އަޑުން ވެސް ޒާޔާއަށްޓަކައި އުފާވެފައިވާ މިންވަރު ފާޅުވަމުން ދިޔަ އެވެ.
"ވަރަށް އަވަހަށް. ރަޔާން ކިޔަނީ ބާބިކިއު ޕާރޓީއެއް ބާއްވަން. މައުއަށް ދާން އުނދަގޫވާނެހެން ހީވާތީ އަސްލު…." ޒާޔާ ބުނެލިއެވެ.
"އައެމް ފައިންއޭ މިހާރު. ހިނގަންވެސް ހިނގަމެއްނު. އިޓްސް ޖަސްޓް... ގިނައިރު ކޮޅަށް ނުހުރެވޭކަން. ހުޅުމާލެއަށް ދިޔަޔަސް އެތަނުގައި ހުންނާނެއެއްނު އިށީނދެވެންވެސް." މައުވާއަށް ރަޔާންގެ އެ ޚިޔާލު ކަމުދިޔައެވެ. އޭނާ ހުރީ އެފަދަ މާހައުލެއްގައި ހިތް އުފާކޮށްލަން ބޭނުންވެފައެވެ. ކުރީގެ މަޖާ އަލުން އާކޮށްލަން ބޭނުންވެފައެވެ.
"ރަޔާން ބޭނުންވޭ އަހަރެންގެ އެންމެ ގާތް ފްރެންޑުންނާ މީޓްކުރަން. އެބަޔަކަށް ތިބީ ޔޫޝައުއާ މައު." ޒާޔާ އެހެން ބުނެލާފައި މައުވާއަށް ބަލައިލިއެވެ. އޭނާ ޔޫޝައުގެ ވާހަކަ މައުވާގެ ގާތުގައި ދައްކަން ބޭނުންވިއެވެ.
"މައު. ޔޫޝައުއަކީ ގޯސް މީހެއް ނޫން. މައު އޭނަ ދެކެ ހިތްހަމަނުޖެހިފަތަ ތި ހުންނަނީ؟" ޒާޔާއަށް އަހައިލެވުނެވެ.
"ނޫން. އަހަރެން ކީއްވެ ޔޫޝައު ދެކެ ހިތްހަމަނުޖެހެންވީ؟ އަހަރެން ޔޫޝައުއަށް ޝުކުރުވެރިއެއް ނޫންތަ ވާާންވީ؟ އަހަންނަށް އެނގޭ އެއީ ހިތް ގޯސް މީހެއް ނޫންކަން. އަހަންނަށް ދިމާވި ކޮންމެ ކަމެއްގައިވެސް އެންމެ ކައިރީގައި ހުރީ ޔޫޝައު. ޔޫޝައު ޒާ ކައިރީގައި އެއްޗެއް ބުނީތަ؟" މައުވާ ސުވާލުކޮށްލިއެވެ.
"ނޫން. އައި ތިންކް ހީ ނީޑްސް ސަމް ޓައިމް." ޒާޔާ ބުނެލިއެވެ. މައުވާ ވެސް ބޯ ޖަހައިލިއެވެ. އެއާއެކު ޒާޔާ އެއްޗެއް ނުބުނުމުން ތަން ހިމޭންވެގެން ދިޔައެވެ.
"ދެން ކޮން އިރަކުންތަ މެރީ ކުރަނީ؟" އެންމެފަހުން މައުވާ އަހައިލިއެވެ. އެހިމޭންކަން ނައްތައިލުމުގެ ބޭނުމުގައެވެ.
"ރަޔާން އަދި އަހަރެންވެސް ބޭނުންވަނީ ވީ އެންމެ އަވަހަކަށް މެރީކުރަން." ޒާޔާ ރަޔާންގެ ވާހަކަތައް ކިޔައިދިނެވެ. އެގުޅުން ފެށިގެން މިއަދާ ހިސާބަށް ކަންތައްވަމުން އައި ގޮތެވެ. ރަޔާންގެ ކިބައިން އޭނާއަށް ފެނުނީ ހުސް ކަމުދާ ސިފަތައް ކަމެވެ. މާ މުއްސަނދި ނޫނެއްކަމަކު، އެއީވެސް ފުދިގެން އުޅޭ އާއިލާއެއް ކަމެވެ. ރަޔާން އޭނާއަށް އިޙްތިރާމްކުރާކަމެވެ. ލޯބިވާކަމެކެވެ. އޯގާތެރިވާކަމެކެވެ. ގުޅުމެއް ބިނާވާ މައިގަނޑު ހުރިހާ އަސާސެއްގައި ރަޔާން ހިފާކަމަށް ޒާޔާ ބުންޏެވެ. އެފަދަ ވާހަކަތަކެއްގައި ދެ އެކުވެރިން އެތަކެއް އިރަކު ތިއްބެވެ. ޒާޔާ ދިޔައީ ބާބިކިއު ތާރީޚެއް ކަނޑަ އަޅާފައި ޚަބަރެއް ވާނެކަމަށް ބުނެފައެވެ.
*****
ހަވީރުގެ ވަގުތެވެ. އަޒްލަފް ހޮސްޕިޓަލުން އައިސް ގެއަށް ވަތްއިރު ގޭތެރެއިން އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަދެ ފެންވަރާ ހަދާލައިގެން ނުކުމެ އޭނާ ތިރިއަށް އައިސް މަންމަމެންގެ ކޮޓަރިއަށް ގޮސް ޓަކި ޖަހައިލިއެވެ. އެތެރެއިން ވަންނާށޭ ބުނެލި އަޑު އިވިލިއެވެ. އެއީ ރިސާމާގެ އަޑެވެ. އަޒްލަފް އެތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކުވެސް ލޮލުގައި އަޅައިގަތީ ނިދިފައި އޮތް އާއިންއެވެ. އޭރު ނަޖީބު އިނީ ގޮނޑީގައި މެގަޒިންއެއް ހިފައްޓާލައިގެންނެވެ. ރިސާމާވެސް އެނދުގައި އާއިންގެ ކައިރީގައި އިނީ ފޯނަށް ބަލަންވެގެންނެވެ.
"އާއިންއަށް ނިދިފަ އޮތީ." އަޒްލަފްވަނީ އާއިން ހޯދަންކަމަށް ހީކޮށްފައި ރިސާމާ ބުނެލިއެވެ.
"އަޅުގަނޑު ބޭނުން މަންމައާއި ބައްޕައާ ވާހަކައެއް ދައްކާލަން." އަޒްލަފް ހުރި ފިޔަވަޅު މަތީގައި ހުރެ ބުނެލިއެވެ.
އޭރު އެ އަޑުން ފާޅުވަމުން ދިޔައީ ސީރިއަސްކަމަކާއި ކުޑަ ޖެހިލުންވުމެކެވެ.
"އާދޭ ދަރިފުޅާ. އިށީނދޭ…" އޭނާގެ ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތްކޮށްލަމުން، ނަޖީބު މެގަޒިން ލައްޕައިލިއެވެ. އަދި އަޒްލަފްއަށް ސަމާލުކަން ދިނެވެ. އަޒްލަފް ބުނަން އެ އުޅެނީ ކޮންމެވެސް ބޮޑު ވާހަކައެއްކަން އޭނާއަށް އިޙްސާސް ވާތީއެވެ. ނަޖީބު ބަލައިލުމުން އަޒްލަފް ގޮނޑީގައި އިށީނދެލިއެވެ. އަދި އިރުކޮޅަކު ހިމޭންވެފައި އޭނާ އިނެވެ. ވާހަކަތައް ހިތުތެރޭގައި ރާވާލި ނަމަވެސް ފަށާނެ ގޮތެއް ނޭނގި އޭނާއަށް އިނދެވުނެވެ.
"ދަރިފުޅާ! ކިހިނެއްވީ؟" ނަޖީބު ސުވާލުކޮށްލިއެވެ.
"އަޅުގަނޑު ބޭނުން މަންމައާއި ބައްޕައާ ދެމީހުން ކުއްޖަކާ ބައްދަލުކުރުވަން." އަޒްލަފް އިއްވައިލިއެވެ. ނަޖީބާ ރިސާމާއަށް އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލެވުނެވެ. ރިސާމާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔަ ހިނދު އޭނާއަށް އެއީ ކޮން ކުއްޖެއްތޯވެސް ނިކަން އަވަސް އަވަހަށް އަހައިލެވިއްޖެއެވެ. މަންމައާއި ބައްޕަގެ މޫނުމަތިން ފެނުނު ހަމަޖެހިފައިވާ ކަމުގެ ކުލަވަރުތަކާއެކު އަޒްލަފް ވެސް ހީނލިއެވެ.
"ލުޔޫނާ. ބައްޕައަށްވެސް ފެނިލައްވާފަ ހުންނާނީ. މަންމައަށް ވެސް." އަޒްލަފް ބުނެލިއެވެ.
"ހަނދާނަކަށް ނާދެ…" ނަޖީބު ވިސްނައިލިއެވެ.
"އެއީ… އެއީ އާއިން ބެލި ޑޮކްޓަރތަ؟" ކުއްލިއަކަށް ކަމެއް ހަނދާންވާފަދައަކުން ރިސާމާ ސުވާލުކޮށްލިއެވެ. އެއާއެކު އޭނާއަށް ނިދިފައި އޮތް އާއިންއަށް ބަލައިލެވުނެެވެ. އެއާއެކު ކުޑަކޮށް އޭނަ ނުތަނަވަސްވެލިއެވެ. ތުންފަތްމަތީގައިވި ހިނިތުންވެސް ފަނޑުވެގެން ހިނގައްޖެއެވެ. އަޒްލަފްއަށް ރިސާމާ އެ ވިސްނަނީ ކޮންކަމަކާ މެދު ކަން އެނގުނީކަންނޭނގެއެވެ.
"އާއިންއަށް މަންމައެއްގެ ލޯބި ލުޔޫނާ ދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން. އާއިންއަށް ދެރައެއް ލިބޭގޮތަަކަށް އަޅުގަނޑު ނިންމުމެއް ނުނިންމާނަން. އާއިންއަށް އަނިޔާވެރިވެއްޖެ ނަމަ އެމީހަކަށް އަޅުގަނޑުގެ ޙަޔާތުން ޖާގައެއް ނުލިބޭނެ." އަޒްލަފް ޔަޤީންކަންދިނެވެ. އޭނާއާ ލުޔޫނާއާ މެދު ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އާއިންއާ މެދު ވާހަކަ ދެކެވިފައިވާކަމުގައި އޭނާ ބުންޏެވެ.
އަޒްލަފްގެ ފަރާތުން އެފަދަ އުފާވެރިކަމެއް އެހާ ދުވަސްފަހުން ފެނުނީތީ ރިސާމާގެ ހިތަށް ފިނިކަން ލިބުނެވެ. ގޮތެއް ފޮތެއް ނެތް ވިޔާނުދާ އަންހެނެއްގެ ސަބަބުން ބަރުބާދުވި ޒުވާން ދަރިފުޅުގެ ދިރިއުޅުން އަލުން އާރާސްތުވާން އުޅޭކަމުގެ މަލަމަތި ފެންނަން ފަށައިފިއެވެ. އެ ހަޔާތަށް އަލުން އުފާވެރިކަން އަންނަން އުޅޭކަމުގެ ނިޝާނެއްގެ ގޮތުގައި އަޒްލަފްގެ ހިނިތުންވުން އެކަނިވެސް ފުދެއެވެ.
"ދެން ކޮން އިރަކުން މަންމަމެންނާ ބައްދަލުކުރުވާނީ؟" ރިސާމާ އަހައިލިއެވެ.
"ވަރަށް އަވަހަށް. ބައްޕައާ މަންމަ ފްރީވާނެ ދުވަހެއް ބުނެދެއްވާ. އޭރުން އަޅުގަނޑު ލުޔޫނާ ގެންނާނަން." އަޒްލަފް ނަޖީބަށް ބަލައިލަމުން ބުނެލިއެވެ. "އަޅުގަނޑުމެން ދެމީހުންވެސް ބޭނުންވަނީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން."
"ލުޔޫނާއަކީ ކޮންކަހަލަ ކުއްޖެއްކަމާއި ލުޔޫނާގެ ޢާއިލާގެ މައުލޫމާތު އަޒްލަފްއަށް އެނގޭތަ؟" އެހެން ބުނެލާފައި ނަޖީބު އަހައިލިއެވެ.
"ލުޔޫނާ ވެސް އަޅުގަނޑެކޭ އެއްގޮތަށް ކުރިން ކައިވެންޏެއް ކުރި." އަޒްލަފް އެއްވެސް ކަމެއް ސިއްރުކުރާކަށް ބޭނުމެއް ނުވިއެވެ. ލުޔޫނާ ކުރިން ކައިވެންޏެއް ކުރިކަމާއި އެހެން ނަމަވެސް ދަރިއަކު ނުހުންނަކަން އޭނަ ކިޔައިިދިނެވެ. އަދި ލުޔޫނާގެ އާއިލާއާ ބެހޭ މައުލޫމާތު ވެސް ދިނެވެ.
"މާދަން ރޭ ކިހިނެއްވާނީ؟ ދަރިފުޅާ ލުޔޫނާއަށް ވަގުތު ވާނެތަ؟" ނަޖީބު ސުވާލުކޮށްލުމާއެކު އަޒްލަފް އާއެކޭ ބުނެލިއެވެ. އެ ވާހަކަ ނަޖީބުމެން ގާތު ދައްކާފައި އޭނާ ނުކުތީ، އެ ޚަބަރު ލުޔޫނާއަށް ދޭށެވެ.
އަޒްލަފް ލުޔޫނާއަށް ގުޅާ އެ ޚަބަރު ދިނުމުން އޭނާވެސް އިންތިހާ އުފާވިއެވެ. އަޒްލަފް ބުނީ އޭނާ މާދަމާ ލުޔޫނާ ބަލާދާނެކަމުގައެވެ.
*****
ޖެހިގެން އައި ދުވަހުގެރޭ ވީ އަޒްލަފްމެން ޢާއިލާއަށް ވަަރަށްވެސް ޚާއްސަ ރެއަކަށެވެ. އެރޭ އަޒްލަފް އެމީހުންނާ ލުޔޫނާއާ ބައްދަލުކުރުވިއެވެ. އާއިން ލުޔޫނާއާ ވަރަށް ގަޔާވެއެވެ. އެއީ އަޒްލަފްއަށް ލިބުނު، ހިތްހަމަޖެހުމެކެވެ. ލުޔޫނާވެސް އާއިންއާ ދޭތެރޭ އަމަލުތައް ބެހެއްޓީ ވަރަށް ގާތްގޮތަކަށެވެ. އެއީ އޭނާ ދެއްކުންތެރިވުމުގެ ގޮތުން ކުރާ ކަމެއް ނޫންކަން އަޒްލަފްއަށް އެނގުނީ، އޭނާއާ ލުޔޫނާ ގުޅުމުގެ މާކުރިން ފެށިގެންވެސް ލުޔޫނާގެ ފަރާތުން އެ އަމަލުތައް ފެނިފައިވާތީއެވެ. އާއިންގެ ޙަޔާތުން ފަނޑުވެފައިވާ މަންމައެއްގެ ލޯބި އެންމެ ފުރިހަމަ ގޮތުގައި، ލުޔޫނާ ދޭނެ ކަމާމެދު އަޒްލަފްގެ ހިތުގައި މިހާރު އެއްވެސް ޝައްކެތް ނެތެވެ.
ކެއުމުގެ ތެރޭގައި ތަފާތު ވާހަކަތައް ދެކެވުނެވެ. ލުޔޫނާ އޭނާވެސް އަޒްލަފްގެ ވާހަކަ އާއިލާއާ ދެއްކިކަމަށް ބުންޏެވެ. އަދި އޭނާގެ ޢާއިލާވެސް އަޒްލަފްގެ ޢާއިލާއާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ހާމަކޮށްލިއެވެ. ދުވަހެއް ކަނޑައެޅުމަށްޓަކަިއ ލުޔޫނާ އަދި އިތުރަށް އެވާހަކަ ދައްކާނެކަމަށް ބުންޏެވެ. އޭނާ އިނީ ލަދުން ނަމަވެސް ރިސާމާގެ ގާތްކަމުން ނުތަނަވަސްކަމަށް ލުޔެއް ލިބިގެން ދިޔައެވެ.
*****
ރަޔާންއާ ވާހަކަ ދައްކާފައި ބާބިކިއު ހެދުމަށްޓަކައި ދުވަހެއް ކަނޑައަޅާފައި، ޒާޔާ މައުވާއާއި ޔޫޝައުއަށް ދަޢުވަތުދިނެވެ. ޔޫޝައުވެސް ޒާޔާގެ އެދުމަށް މިފަހަރު ދެކޮޅެއް ނުހަދައެވެ.
"އަފްނާން ދޭތަަ؟" ބެންޗުގައި އިން ޔޫޝައު ސުވާލުކޮށްލުމުން ޒާޔާ ބޯ ޖަހައިލިއެވެ. އޭނާ ބުނީ އެއީ މައުވާގެ އެދުމެއްކަމުގައެވެ. ޔޫޝައުވެސް ބޯ ޖަހާލާފައި އިތުރު އެއްޗެއް ނުބުނެއެވެ. ހިތުގެ އެތެރޭގައި އުތުރިއަރަން ފެށި ޖަޒުބާތުތައް މަޖުބޫރުކުރުވީ ހިމޭންވުމަށެވެ. އަފްނާންއާއެކީގައި މައުވާ ފެނުމުން އޭނާއަށް ވާނެ ގޮތެއް ވެސް ނޭނގެއެވެ. އުދާސްކަން ދުރުކޮށްލަން ލީ ފުންނޭވާއާއެކު ޔޫޝައު ގަދަކަމުން ހިނިތުންވެލިއެވެ.
ހަވީރުގެ ވަގުތެވެ. ޔޫޝައު ހުޅުމާލޭގެ ފޭސް ދޭއްގެ ބީޗު ކައިރީގައި ސައިކަލު މަޑުކޮށްލަމުން ވަށައިގެން ބަލައިލިއެވެ. އޭނާގެ ނަޒަރު ހޯދަމުން ދިޔައީ ޒާޔާއެވެ. ފޯނު ނަގާފައި ޒާޔާއަށް ގުޅާލަން އުޅުނު ވަގުތު، ތަންކޮޅެއް ދުރުން އޭނާގެ ނަމުން ގޮވާލައިފިއެވެ. އިސް އުފުލާލިއިރު އެތަނުގައި ހުރި ހަޓެއްގެ ދޮށުގައި ޒާޔާ ހުރެ އޭނާއަށް ހަނާ އަޅަނީއެވެ. ސައިކަލުން ފައިބާ، ހެލްމެޓް މަޑި ދަށަށް ލާފައި ޔޫޝައު އޭނާގެ ބޯ ރީތިކޮށްލަމުން ގޮސް އެ ހަޓު ތެރެއަށް ވަނެވެ. އޭރު އެތަނުގައި، ޒާޔާއާއި އޭނާގެ ލޯބިވެރިޔާ ތިއްބެވެ. ޒާޔާ ރަޔާންއާ ޔޫޝައުއަށް އެކަކު އަނެކަކު ތަޢާރަފްކޮށްލަދިނުމުން އެދެމީހުން ސަލާމްކޮށްލިއެވެ.
"ޒާ… އަދިވެސް އެމީހުން ނާދޭތަ؟" ބީޗާ ދިމާލުން ހިނގާލާފައި އައި އަންހެން ކުއްޖާ، އެ ހިސާބަށް އަރާ ހަމަވެފައި ވާހަކަ ދައްކަން ފެށިއެވެ. ދެވަނަ ސިކުންތުގައި ޔޫޝައު ފެނި އޭނާ ހައިރާންވިއެވެ. ޔޫޝައުވެސް އެ ކުއްޖާއަށް ބަލައިލިއެވެ. އެއާއެކު އެ ކުއްޖާ ކޮންމެވެސް ތަނަކުން ފެނުނުހެން އޭނާއަށް ހީވާން ފެށިއެވެ.
(ނުނިމޭ)