ދެ ފަހަރު އުޅެވެސް ލީބިއާގެ އާމިރު ނުލައި ހައްޖު ފުލައިޓަށް ފުރޭގޮތެއް ނުވި!

ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދިއުމަށް އާމިރު ބޯޓުގައި --

ލީބިޔާގެ ޙައްޖުވެރިއެއް ކަމަށްވާ އާމިރު އަލް މަޙްދީ މަންސޫރު އަލް ޣައްޒާފީ ޙައްޖުގެ އަޅުކަމަށް ފުރަން އެއާޕޯޓަށް ދިޔައީ އޭނާ އެއާޕޯޓުގައި ތާށިވެ ނުފުރިދާނެކަމަށް އެއްގޮތަކަށް ވެސް ހީކޮށްގެނެއް ނޫނެވެ. ނަމަވެސް، ދިމާވި މައްސަލައަކާ ގުޅިގެން އޭނާގެ ފްލައިޓު މިސްވެ ނުފުރުނީއެވެ. އެއާޕޯޓުގައި އޭނާ އެތައް އިރަކު މަޑުކުރީ ﷲގެ އިރާދަފުޅާއެކު މިފަހަރު އޭނާ ހައްޖަށް ދާނެކަމަށް ބުނެއެވެ. ނަމަވެސް، އާމިރާމެދު ކަންތައްވީ ގޮތުން އެތައް ބަޔަކު ތިބީ އަޖައިބުވެފައެވެ.

ޙައްޖަށް ފުރުމަށް އާމިރު އެއާޕޯޓަށް ދިޔަ ނަމަވެސް ލީބިޔާގެ ކުރީގެ ރައީސް މުއައްމަރު ޣައްޒާފީއާ ގުޅުން ހުރި ނަމެއް އޭނާއަށް ކިޔާތީ، ސެކިއުރިޓީ ކްލިއަރެންސް ނުލިބުނެވެ. އޭނާއަށް އެ މައްސަލަ ހައްލުކޮށްދޭނެކަމަށް ސެކިއުރިޓީން ބުނި ނަމަވެސް، މައްސަލަ ހައްލު ނުވެ އުޅެނިކޮށް އެހެން ހައްޖުވެރިން ބޯޓަށް އަރައިފިއެވެ. އަދި ބޯޓުގެ ދޮރު ލައްޕައި ނައްޓާލަން ތައްޔާރު ވެއްޖެއެވެ.

އާމިރުގެ މި މައްސަލަ ހައްލުވީ އޭގެ ކުޑަ ވަގުތުކޮޅެއް ފަހުންނެެވެ. އޭރު ބޯޓު އަދި ނައްޓައި ނުލާތީ، ތަކުރާރުކޮށް އާދޭސް ކުރި ނަމަވެސް ސެކިއުރިޓީ ޕްރޮޓޮކޯލްތަކާއި ހަރުކަށި ޝެޑިއުލްތަކާ ގުޅިގެން ފްލައިޓް ކެޕްޓަން ނިންމީ އޭނާ ނުލާ ފުރާށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދިއުމަށް އާމިރު ބޯޓުގައި --

ނަމަވެސް ޙައްޖުގެ އަޅުކަން އަދާކުރުމުގެ މާތް މަގްސަދުގައި ސައުދީ އަރަބިއާއަށް ދެވޭނެ ކަމުގެ އުންމީދުގައި އާމިރު އެއާޕޯޓުގައި މަޑުކުރިއެވެ.

"އަހަރެން މި އައީ ހައްޖުގެ އަޅުކަން އަދާކުރަން ފުރަން ދާން. އިންޝާ ﷲ އަހަރެން ދާނަން،" އޭނާ ބުނަމުން ދިޔައެވެ.

ﷲ ސުބުޙާނަހޫ ވަޠަޢާލާގެ ރަޙްމަތާއެކު ދެން ކަންތައްވެގެންދިޔައީ ހައިރާންކުރަނިވި ގޮތަކަށެވެ.

ބޯޓު ނައްޓާލިތާ މާގިނައިރެއްނުވެ، ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަނބުރާ ޖައްސަން ޖެހުނީއެވެ. މައްސަލަ ހައްލުކޮށް ނައްޓާލުމުގެ ކުރިން އާމިރު އަރުވަން އެއާޕޯޓުން އެދުނު ނަމަވެސް، އެކަމަށް ޕައިލެޓު ދެކޮޅު ހެދިއެވެ. މިފަހަރު ވެސް ނައްޓާލީ އާމިރު ނުލައެވެ.

ނަމަވެސް، އަނެއްކާ ވެސް މާގިނަ އިރެއް ނުވެ، ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަނބުރާ ޖައްސަން ޖެހިއްޖެއެވެ.

އެހާ ހިސާބުން އާމިރު ގޮވައިގެން ނޫން ގޮތަކަށް ފްލައިޓް ނައްޓާނުލާނެ ކަމަށް ޕައިލެޓް ވަނީ ބުނެފައެވެ.

އޭގެފަހުން އާމިރު ފުރުމުގެ ހުއްދަ އެއާޕޯޓުގެ އިދާރާތަކުން ދިނުމުން، ތިން ވަނަ ފަހަރު ބޯޓު ނައްޓާލީ އާމިރު ގޮވައިގެންނެވެ. އާމިރު މިހާރު ހުރީ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާގައެވެ.

އާމިރުގެ މިދަތުރަކީ އިލާހީ އިރާދަފުޅުގެ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ މާނަކޮށްފައެވެ. އާމިރު ބުނިގޮތުގައި އޭނާ ހަމައެކަނި ބޭނުންވީ ހައްޖަށް ދާށެވެ. އަދި އެއީ އޭނާގެ މައްޗަށް ލިޔެވިފައިވާ ކަމެއް ކަމަށާއި، މާތް ﷲ ފިޔަވައި އެހެން އެއްވެސް ބާރަކަށް އެކަމެއް ނުހުއްޓުވޭނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.

comment ކޮމެންޓް