"ހައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހު ކުރެވިދާނެ ހެޔޮ އަމަލު ތަކުގެ ތެރޭގައި ރޯދަ ހިފުން، ފަރުޟު ނަމާދު ޖަމާއަތުގައި ކުރުން، ކީރިތި ގުރުއާން ކިޔެވުން، ގިނައިން ޒިކުރު ކުރުން، ސަދަގާތް ކުރުން، ތިމާގެ މީހުންނަށް އަޅާލުމާއި ގުޅުން ބަދަހިކުރުން، ޒިކުރުގެ މަޖިލީސްތަކުގައި ބައިވެރިވުން، ސުންނަތް ނަމާދުތައް ކުރުން އަދި ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް ތައުބާވުން ހިމެނެއެވެ."

***

ކުއްލިއަކަށް އޭނަގެ ނޭވާ ހުއްޓުނެވެ. އެމީހާ ވައްތަރީ އޭނަ ދަންނަ މީހަކާއެވެ. އޭނަގެ ބައްޕައާއެވެ. ސީދާ ބައްޕައެއްނޫނެވެ. އެކަމަކު އާދަޔާ ޚިލާފަށް ވައްތަރުގޮތެއް ހުއްޓެވެ. ކޮނޑުގެ ސީދާކަމާއި އިސްތަށިގަނޑުގެ ވަކި ތަންކޮޅެއް ނުރަޖަހާފައި ހުރުމެވެ. އޭނަ އެސްފިޔަ ޖަހަމުން ދިޔައިރު ހިތްވެސް އަވަސްވެ ތެޅިފޮޅެމުން ދިޔައެވެ. އެމީހާ ކުޑަކޮށް މޫނު އަނބުރައިލުމާއެކު މުޅި މޫނުގެ ސިފަ ފެނުނެވެ. އޭނަގެ ލޯ ބޮޑުވިއެވެ.

"ނޫން...އެހެނެއްނުވާނެ.." އޭނައަށް ބުނެވުނެވެ. އެވަގުތު އެތަނަށް ނިކުތް ބޮޑު ވޭނުގެ ސަބަބުން ބައްޕައާއި ވައްތަރު މީހާ ފޮރުވައިލިއެވެ. ވޭން ދުއްވައިލިއިރު އެމީހާ ފެންނާނަކަށްނެތެވެ. އޭނަ އަވަސްއަވަހަށް އާޔަތުލް ކުރުސި ކިޔަވަންފެށިއިރު މޫނުން ދާ ހިއްލާލައިފިއެވެ. މަންމަ ފަދައިން އޭނައަށްވެސް އެއްޗެހި ފެންނާން ފެށީއެވެ.

އެއާޕޯޓްތެރެ ފިނިކަން ގަދަވެފައި އަލިގަދަކަމުން ލޯ ތަރަތަރަޖަހައިގެންދާ ވަރަށް ބޮކިތައް ދިއްލާލާފައި އޮތެވެ. ތޮއްޖެހިފައިވާ މީހުންގެ ތެރެއިން އޭނަ ޗެކިން ނިންމައިލީ އެކަނިވެރިކޮށެވެ. މުޅިންވެސް ފެނުނީ ނުދަންނަ މޫނުތަކެވެ. އެހެން މީހަކަށްވެސް އޭނަ ފާހަގަނުވަނީ އެމީހުންނަށް އޭނަ ނުފެންނަނީހެއްޔެވެ؟ ޖިންނިއަކީ ހެއްޔެވެ؟ނަސީބަކުން "ޖިންނި ޗެކިން" ކޮށްލެވުނީ ފަސޭހަކަމާއެކުގައެވެ. އެހެން މީހުންގެ ސަމާލުކަން ނުލިބުމަކީވެސް ބައެއްފަހަރު ރަހުމަތެކެވެ. ޗެކިން ނިންމާލާފައި ބޯޑިން ޕާސް ލިބުމާއެކު ގެޓް ހޯދަން ކުޑަކޮށް މަސައްކަތްކޮށްލަން ޖެހުނެވެ. އޭނައަށް އިހުސާސްވާންފެށީ މިރިއަމްގެ ބަދަލުގައި އެ ޖާގައިގާ އެެހެން މީހަކުވާހެންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އޭނައަށް މުޅިން ބީރައްޓެހި މާހައުލެކެވެ. ހިތަށް ނާރާފަދަ އާ ކަންތައްތަކެވެ. ހުވަފެނުގައިވެސް އާދެވޭނެކަމަށް ހީކުރެވުނު ތަންތަނެއް ނޫނެވެ.

ފްލައިޓަށް އެރިތަނުން ކެބިންކުރޫއެއް އޭނަގެ ސީޓު ދެއްކިއެވެ. ސީޓު ލިބުނީ ކުޑަދޮރު ކައިރިންނެވެ. ފްލައިޓްގެ އިންޖީނަށް ދިރުން ލިބި ފާޑުފާޑުގެ އަޑުތައް އިވި ގުޑުން އަރާ ޓެކްސީކުރަން ފެށުމުން ސީޓުގެ އަތްގަނޑުގައި ބާރަށް ހިފަހައްޓައިލެވުނެވެ. ހިތް ތެޅެންފެށީ އޭގެ އެންމެ ބާރުމިނުގައެވެ. މިއީ އޭނައަށް އުދުހެން ލިބުނު ފުރަތަމަ ފުރުސަތެވެ. ކެބިންކްރޫއިންގެ ވާހަކަތަކަށް ސަމާލުކަން ދީގެންް އިނދެ ސީޓްބެލްޓް އަޅާ ފުންމާލަން ޖެހިއްޖެއްޔާ ލައިފްޖެކެޓް އޮތްކަންވެސް ޔަގީންކޮށްލެވުނެވެ. ރަންވޭމަތިން ފުރޮޅުތައް ހިއްލައިލުމާއެކު މެޔަށް ތޫނު ތަދެއްވިއެވެ.

"ނޫން. ނޫން.....އަހަރެން ބޭނުމީ ގެއަށް ދާން...."

އޭނަ ކިތަންމެ އިހުތިޖާޖު ކުރިޔަސް މަތިންދާބޯޓް ވައިކަފާލާފައި އަރަމުން ދިޔައީ މައްޗަށެވެ. މާގިނަ އިރެއްނުވަނީސް މާލޭގެ އިމާރާތްތައް ގެއްލި އުކައިލެވިފައިވާ އަލިފާންކޮކާތަކެއް ފަދަވިއެވެ. ޖާދުވީ މަންޒަރުތަކެވެ. އޭނައަށް އަވަސްއަވަހަށް އެސްފިޔަޖަހައިލެވުނެވެ. އެއާއެކު ހިތަށްވެސް ނާރާފަދަގޮތަކަށް ހޫނު ކަރުނަތައް ކޯތާފަތުން ތިރިއަށް ފައިބައިގަތެވެ. އެހާއަވަހަށް ގޭގެ މަތިން ހަނދާންވާންފެށީއެވެ. ރަށުގެ ވައިރޯޅިތަކުގައި ހިފާފައިވާ މޫދުގެ ވަހާއި ރަށްފުށުގެ ހިމޭންކަމެވެ. ފަތިސް ދަޅައިގާ މަންމަ ގުރުއާން ކިޔަވާ އަޑެވެ. އެ ހިމޭން އަރާމު ދިރިއުޅުމަށް ރުޖޫއަށްވުމަށް ހިތް އާދޭސްކުރަނީއެވެ.

"މަންމަ.."

އޭނައަށް ބޭއިޚުތިޔާރުގައި މަންމައަށް ގޮވައިލެވުނުގޮތުން ލަދުގަތެވެ. އޭނަ ލަދުގަންނާން ނުޖެހޭހެއްޔެވެ؟ ފިރިހެނެއްގެ ފަހަތުން ދުވަނީ މަންމަ އެކަނި ކޮށްލާފައެވެ. އޭނަ މިތާ ކީއްކުރަނީހެއްޔެވެ؟ މިހުރިހާ ޒިންމާތަކެއް ކޮނޑުގައި އަޅައިގެން ދިރިއުޅުމުގެ މިހާ ބޮޑު ފިޔަވަޅެއް ނެގިދާނެކަމަށް ހީކުރެވުނީވެސް ކީއްހެއްޔެވެ؟ ބައެއް ފިލޯސަފަރުން ބުނާނެއެވެ. ދުނިޔެއަށް އައީވެސް މަރުވާނީވެސް އެކަނިއެވެ. ހަޔާތުގައި އެކަނިމާ އެކަނި ދަތުރުކުރުމުގެ ހިތްވަރު ހުންނަން ޖެހޭނެއެވެ. އަންހެންކުދިންނާއި ފިރިހެނުން ހުރިހާކަމެއްގައި ހަމަހަމަ ކަމުގައި އެމީހުން ދައުވާކުރެއެވެ. ނަމަވެސް ދީނުގައި އަންހެންކުދިންނަށް ވަނީ މަހުރަމަކާއި ނުލައި ދަތުުރުކުނުކުރުމަށް އަންގަވާފައެވެ. އެހެން ކަންތައްތަކުގައިވެސް ރައްކާތެރިކަން ލިބޭނެފަދަ ގޮތްތައް ކަނޑައަޅުއްވާފައެވެ. އެއީ އިލާހީ ގާނޫނެވެ. ހުރިހާ ކަމެއް ދެނެވޮޑިގެންވާ ހިކުމަތްތެރި ފަރާތުން ކަނޑައަޅުއްވާފައިވާ ކޮންމެ ކަމެއް އެންމެ ފުރިހަމަވާނެއެވެ. ސަޔާރާ އަބަދުވެސް ބަހުސްކުރާނީ ހުޅަނގު ފިކުރާއި ދެކޮޅަށެވެ.

އޭނައަށް ފުރުމުގެ ކުރިން އެންމެންގެ ލަފާ ހޯދުނުނަމައެވެ. މަންމަ ބުނިގޮތަށް ހެދުނުނަމައެވެ. އެކަމަކު މިހާރު މާ ލަސްވެއްޖެއެވެ.

އޭނަގެ ޚިޔާލުތަކާއެކު ކުއްލިއަކަށް ބޯޓު ތަޅުވަން ފެށިގޮތުން މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. މިފަހަރުވެސް ދަތުރު ދުޢާކިޔަން އޭނަ ހަނދާނެއްނެތެވެ. އޭނަގެ ޚިޔާލުގައި ރަސްކަން ކުރީ ހަމްޒާއާއި ދެވެން އުޅޭ އާ ދުނިޔެއެވެ.

ކުއްލިއަކަށް ހީވީ ބޯޓު ތިރިއަށް ވައްޓައިލެވުނުހެންނެވެ. އެތައް ބަޔަކަށް ހަޅޭއްލަވައިގަނެވުނުއިރު އޭނަގެ ތޫނު އަޑުވެސް ގުގުމައިލިއެވެ. ސިހުނުވަރުން ކައިރީގައި އިން ބީރައްޓެހި ދަތުރުވެރިއެއްގެ އަތުގައި ހިފައިލެވުނެވެ.

"ޔޭ.......މި ފްލައިޓް ވެއްޓެނީ........ "ފަހަތު ސީޓުން ފުރަވަރުގެ ކުއްޖަކު ހީގަނެފައި ބުނެލިއެވެ. އަޖައިބެކެވެ. ޒަލްޒަލާއެއް އަޔަސް ބައެއްމީހުންނަށް އެއްޗެއް ނުވިސްނޭނެއެވެ.

" ބިރުނުގަނޭ. ޓޭކް ޑީޕް ބްރެތް....ދަތުރު ދުޢާކިންތަ؟ " އެ އަންހެންމީހާ މަލާމާތްކުރުމުގެ ބަދަލުގައި އޭނައަށް ހިތްވަރުދިނެވެ."ޓާބިއުލެންސްވިޔަސް ފްލައިޓަށް މައްސަލައެއްނުޖެހޭނެ އިންޝާﷲ. ކަނޑު ދަތުރުކުރާއިރު އޮޔާއި ރާޅުގައި ޖެހުނީމަ ވާހެން ފްލައިޓްވެސް ބައެއްފަހަރު އެއާޕޮކެޓްތަކުގައި ޖެހި ނޫނީ މޫސުމް ގޯސްވުމުން އެހެން ދިމާވަނީ. ބައެއް ފަހަރު ބޯޓު ކުއްލިއަށް ވައްޓާލާހެން ހީވިޔަސް ވަރަށް ކުޑަ ތަންކޮޅަކަށް ތިރިއަށް އެދަނީ.. ޕައިލެޓުން މިފަަދަ ހުރިހާކަމަކަށް ތަމްރީނުކޮށްފައި ތިބޭނީ. އެހެންނޫނަސް ﷲތައާލާއަށް ހުރިހާކަމެއްގައި ވަކީލުކުރަން ޖެހޭ..."

އޭރުވެސް މަތިންދާބޯޓު ގަދަކަނޑެއްގައި ރާޅުތަކާއި ހަގުރާމަޖެހިފައިވާ އުޅަދެއްފަދައެވެ. ދަތުރުވެރިއަކު ބާރަށް ރޯންފެށިއެވެ. އެހެން މީހަކު ބާރަށް ޝަހާދަތުގެ ކަލިމަ ކިޔަންފެށިއެވެ. އޭނަގެ ހިތުގައި އުފަންވި ބިރުވެރިކަން ކުރީގެ ހަނދާނަކާއި ގުޅުނެވެ. މަންމަ ކިޔަވާ އާޔަތެއް ކަންފަތަށް އިވެންފެށިއެވެ. ސޫރަތު އައް ރައުދުގެ ތޭރަވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވަނީ 'أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ"އެވެ. ވެރިލީ އިންދަ ރިމެމްބެރަންސް އޮފް ﷲ ޑޫ ހާޓްސް ފައިންޑް ރެސްޓް..."

"اللهم هون علينا سفرنا هذا.. އޯ ﷲ މޭކް ދިސް ޖާނީ އީޒީ ފޯ އަސް..........."އޭނަ ދަތުރު ފެށުމުގެ ކުރިން ދަސްކުރި ދުޢާއެއް ކިޔައިލެވުނެވެ.

އޭނަ ލޯ މަރައިލަމުން ހިތްވަރު ލިބުމަށް އެދި ހިމޭންކަމާއެކު ދުޢާކުރަން ފެށިއެވެ." ޔާ ﷲ ޔޫ އާ ދަ ޕްރޮޓެކްޓާ އޮފް ދަ ލޮސްޓް. ގައިޑް މައި ހާޓް ވެން އައިމް އެފްރެއިޑް..."

އިރުކޮޅެއް ފަހުން ކެބިންގެ ވަށައިގެން ލޯ ހިންގައިލެވުނީ އޭނަފަދަ އާ ދަތުރުވެރިއަކު މާބޮޑަށް ހާސްވެގެން އުޅޭތޯ ޗެކްކޮށްލުމަށެވެ. ތަންކޮޅެއް ކުރީ ގޮނޑިބަރިއެއްގައި އިން ޒުވާނަކު ނިކަން ހަމަޖެހިލާފައި ސްކްރީނުން ފެންނަ މޫވީއެއް ބަލަން އިނދެ ގަދަޔަށް ހެމުން ދިޔަގޮތުން އެއްވެސް ކަމަކާއި ޚިޔާލެއްނެތް ފަދައެވެ. އޭނައަަށް އެ ޒުވާނާގެ ހަރަކާތްތަކަށް ބަލަން އިނދެވުނެވެ. އެ ޒުވާނާއަށް ހަމަ ނުވިސްނެނީހެއްޔެވެ؟ އޭނަ ހެއްދެވި ފަރާތާއި މީޓްވުމުގެ އެންމެ ފަހު ވަގުތުކޮޅަށްވެސް ވެދާނެ ނޫންހެއްޔެވެ؟ ރަސޫލު ސައްލަﷲއަލައިހި ވަސައްލަމްގެ ހަދީސެއްގައިވެސްވެއެވެ." ގިނަގިނައިން މަރު ހަނދާން ކުރާށެވެ. އެއީ ހިތްތައް މަޑުކޮށްދޭ ކަމެކެވެ. އޭނަވެސް ޒިކުރުކުރުމުން ހިތަށް އަމާންކަން ލިބުނެވެ. ކިތަންމެ ދުރަށް ދަތުރުކުރެވުނަސް ﷲ ތައާލާ ތިބާއާއެކު ވޮޑިގެންވާކަމުގެ ދަލީލެކެވެ.

އިރު ސަތަހައިން ސިއްރުން ބޯދިއްކޮށްލީ ވިލާތަކުގައި ރަން ކުލަ ޖައްސަމުންނެވެ. އޭރު ބޯޓު ޖައްސަން ތިރިކުރަން ފެށިކަމަށް ކެޕްޓަން އިއުލާންކުރިއެވެ.

***

"ޑޮކްޓަރ ހަމްޒާއަށް ހަމަ މިހާރު ޕޭޖްކުރޭ..." ނަރުސްކުއްޖަކު ހަރު އަޑުން ގޮވައިލިއެވެ. އަޑުގައި އަވަސްކަމެއްވިއެވެ. އިމަޖެންސީއަށް ގެނެވުނު ފިރިހެންކުއްޖާގެ ފައި ބިނދިފައިވާއިރު އެކުއްޖާގެ މޫނު ގެ ކުލަ ފަނޑުވަމުން ދިޔަގޮތުން ބޭރުފުށުން ނުފެންނަ ބޮޑު އަނިޔާއެއް ލިބިފައިވާހެން ހީވިއެވެ.ސިކުންތުކޮޅެއްފަހުން ހަމްޒާ އެތަނަށް ހާޟިރުވިއެވެ. އޭނަ ހުރީ ހުދުކުލައިގެ ކޯޓެއްގައެވެ. "ޕްރެޝާ ކިހާވަރެއް؟"

"ޑްރޮޕްވަނީ...80/50."

"ސްކޭނެއް ހަދައިލާނީ.. ސީޓީއަކަށްވެސް ވަގުތެއްނެތް.."އޭނަ އަވަހަށް އަތުކުރި އޮޅައިލަމުން އެކުއްޖާގެ ބަނޑުގައި ޕްރޯބް ޖައްސައިލުމާއެކު ސްކްރީނަށް ބަލައިލެވުނީ ލޯ ހަނިކޮށްލަމުންނެވެ. ." މިހިރީ..ސްޕްލީން ރަޕްޗާއެއް..އަވަހަށް ތިއޭޓަރަށް.....ފާސްޓް..."

އެތަނުގެ ތެރެ ހަލަބޮލިވީއިރުވެސް ހަމްޒާގެ މޫނުމަތިން ހާސްކަމެއް ނުފެނެއެވެ. ހަރަކާތްތައް އަވަހެވެ. ކޮންމެ ކުއްލި ހާލަތެއްގައި އޭނަ ގެ ނިންމުންތައް ފުރިހަމައެވެ. ބަލިތައް ދެނެގަނެ ގާބިލުކަމާއެކު އެކަންތައްތައް ހައްލުކޮށްލުމުގެ މާހިރެކެވެ/

"ސުބުހާނަﷲ.."ޒުވާން އިންޓާންއެއް އަނެކަކާއި ނަޒަރު ބަދަލުކޮށްލިއެވެ." އޭނަ ހީވަނީ...ހަމަ ރޮބޮޓެއްހެން.."

"ނޫން. އެއީ ހަމަ ގިފްޓެއް.."އަނެކަކު ލޯ ބޮޑުކޮށްލިއެވެ." އެނގޭތަ؟ ގާހިރާ މީހުންވެސް ބައެއްކަންތައްތަކުގައި މި ޑޮކްޓަރގެ ލަފާ ހޯދާ ކަމަށް ވޭ..އެހާވެސް އިންޓެލިޖެންޓް.."

މުސްކުޅި ނަރުހަކު އައިވީ ގުޅަން ހުރެފައި އަމިއްލަ ނަފުސަށް ހީލިއެވެ."އެކަމަކުވެސް ކޮންމެ ސާޖަރީއެއް ފަށާއިރު ބިސްމީގެ ބަރަކާތުން އޭނަ ފަށަނީ.."

ތަންކޮޅެއް ފަހުން އެ ފިރިހެންކުއްޖާގެ އޮޕަރޭޝަން ކާމިޔާބުުކަމާއެކު ނިންމާލާފައި ހަމްޒާގެ އަތުގައިވާ އަންގި ނައްޓާލިއެވެ. ކައިރީގައި ތިބި ބައެއް ސްޓާފުންގެ ތަރުހީބުގެ އަތްތިލަބަޑިއެއް އިވުނެވެ. ތަންކޮޅެއް ޒުވާން ޑޮކްޓަރަކު ހީލަމުން އޭނަގެ އަތަށް ފެންފުޅިއެއް ދިއްކޮށްލިއެވެ.

اللّهُـمَّ بارِكْ......ޑޮކްޓަރ...ދެޓް ވޯޒް އިންކްރެޑިބަލް.."

"لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ.." ހަމްޒާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއްވެރިވިއެވެ. "ހުރިހާ ގާބިލުކަމެއް ދެއްވަނީ ﷲ ތައާލާ......"

ހަމްޒާ އެއްވެސް ވަރަކަށް ތައުރީފު އަޑުއަހަން ބޭނުމެއްނުވެއެވެ. އޭނައަށް އެކަމުން ނުތަނަވަސްކަން ލިބެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު