ސްޓާޝިޕް ޓެސްޓް ފްލައިޓް ފޮނުވާލިތާ 30 މިނެޓް ފަހުން ކޮންޓްރޯލް ގެއްލިއްޖެ

އިއްޔެ ޖައްވަށް ފޮނުވާލި ސްޕޭސްއެކްސް ސްޓާޝިޕް ޓެސްޓް ފްލައިޓް: ފޮޓޯ/ ރޮއިޓާސް

ބިލިއަނަރު އީލޮން މަސްކްގެ ކުންފުނި ސްޕޭސްއެކްސް ސްޓާޝިޕް ޓެސްޓް ފްލައިޓެ ޖައްވަށް ފޮނުވާލިތާ 30 މިނެޓް ފަހުން ކޮންޓްރޯލު ގެއްލިއްޖެއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޯޓުގެ ކޮންޓްރޯލު ގެއްލުނީ ތެޔޮ ލީކުވުމުގެ ސަބަބުންނެވެ.

"މިފަދަ ޓެސްޓަކުން ކާމިޔާބީ ލިބެނީ އަހަރެމެން ދަސްކުރާ އެއްޗަކުން. އަދި މިއަދުގެ ޓެސްޓުން ސްޓާޝިޕްގެ އިތުބާރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ." ސޯޝަލް މީޑިއާގައި ސްޕޭސްއެކްސް އިން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ހަތަރުސަތޭކަ ތިން ފޫޓުގެ އެ ރޮކެޓް، ވަނީ މީގެކުރިން ޓެސްޓް ލޯންޗްތައް ފެއިލްވެފައިވާ ހިސާބަށް ވެސް މާ ދުރަށް އުދުހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޕޭސްއެކްސްގެ ޓެސްޓް ފްލައިޓެއް އެންމެ ފަހުން ވެއްޓިފައި ވަނީ މިދިޔަ މާޗް މަހުގެ ހަވަނަ ދުވަހުއެވެ. އެ ބޯޓު ވެއްޓިފައި ވަނީ އުދުއްސާލިތާ މާގިނައިރުތަކެއް ނުވެއެވެ.

ސްޓާޝިޕްގެ ތަރައްގީއަށް މަސްކް ވަނީ އެތައް ބިލިއަން ޑޮލަރެއް ހޭދަކޮށްފައެވެ. ދެކުނު އެފްރިކާއަށް އުފަން މަސްކު ބުނާ ގޮތުގައި މިއީ އޭނާގެ ކުންފުނިން މާސްއަށް ދިއުމަށް ރާވާފައިވާ ޕްލޭންގެ ބައެކެވެ. މީގެ އިތުރުން ސްޕޭސްއެކްސް އިން ދަނީ 50 އަހަރަށްވުރެ ގިނަ ދުވަސް ފަހުން ފުރަތަމަ ފަހަރަށް އިންސާނުން ހަނދަށް އަނބުރާ ގެންދިއުމަށް އެމެރިކާ ސަރުކާރުގެ އިދާރާ، ނާސާއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ސްޕޭސްއެކްސްގެ ގިނަ ޓެސްޓް ފްލައިޓްތަކެއް ނާކާމިޔާބުވަމުން އަންނައިރު، އެމެރިކާގެ ދެކުނުގެ ސްޓޭޓްތަކާއި ކެރިބިއަން ސަރަހައްދުތަކަށް ފްލައިޓްތަކުގެ ބައިބައި އެތައް ފަހަރަކު ވެއްޓިފައިވެއެވެ.

މިފަހަރުގެ ޓެސްޓް ފްލައިޓް ވެއްޓުމާ ގުޅިގެން އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ގޮތަށް ފްލޮރިޑާގެ ހަތަރު އެއާޕޯޓެއްގައި ބައެއް ފްލައިޓްތައް ޑައިވާޓްކޮށް، ފުރުން ކުޑައިރުކޮޅަކަށް މެދުކަނޑާލާފައެވެ.

comment ކޮމެންޓް