މިހަފުތާގެ ކުރީކޮޅު ހުޅުމާލޭގައި ޖެހިޖެހިގެން ތިން ރޭ ހަވާއެރުވުމަށް ފަހު، މިރޭ ވެސް ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރިވެލި ބީޗުގައި މިރޭ 20:00ގައި ހަވާ އެރުވުމަށް ހަމަޖެހިފައި ވާކަމަށެވެ. މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި މި ހަރަކާތް ކުރިއަށް ދާނީ ތިންވަރަކަށް މިނިޓަށް ކަމަށް އެ ޕޯސްޓުގައި ވެއެވެ.
މިއީ މިހަފުތާގައި ހަވާ އަރުވާ ހަތަރުވަނަ ރެއެވެ. މީގެ ކުރިން މިދިޔަ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް ޖެހިޖެހިގެން ކޮންމެ ރެއަކު ވަނީ ހަވާ އަރުވައިފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހަވާ އެރުވީ ހުޅުމާލޭ ފެރީ ޓާމިނަލާ ދިމާ ބޭރުންނެވެ. އެއީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. އެ ރޭ ހަވާ އަރުވާ މަންޒަރު ބެލުމަށް ސެންޓްރަލް ޕާކަށާއި، ފެރީ ޓާމިނަލް ކައިރިއަށް ވެސް ގިނަ އަދަދެއްގެ މީހުން އެއްވިއެވެ.
ޖެހިގެން އައި ހޮނިހިރު ދުވަހު ހުޅުމާލޭ ފަރުކޮޅު ފުށީގައި ވެސް ހަވާއެރުވިއެވެ. އެއީ، ސަންގު ޓީވީގެ 10ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައެވެ.
ޖެހިގެން އައި އާދިއްތަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ހަވާ އެރުވީ، ލިވަޕޫލުން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާތީ، އެކަމުގެ އުފަލުގައެވެ.
ރާއްޖޭގައި އާންމުކޮށް ހަވާ އަރުވަނީ ޚާއްސަ ކަންކަމާ ގުޅިގެންނެވެ.