ބުރުނާއީއާއި ބޫޓާންގެ ކުންފުނިތަކާ ވާދަކޮށް 'ސްމޯލް ޓެލްކޯ އޮފް ދަ އިޔާ' އެވޯޑު އުރީދޫއަށް

އުރީދޫ މޯލްޑިވްސްއިން ޓްވިމްބިޓް އެވޯޑްސްގައި ސްމޯލް ޓެލްކޯ އޮފް ދަ އިޔާ ކާމިޔާބުކޮށްފި -- ފޮޓޯ/ އުރީދޫ

ބުރުނާއީއާއި ބޫޓާންގެ ޓެލްކޯ ކުންފުނިތަކާ ވާދަކޮށް މި އަހަރު ވެސް އުރީދޫ މޯލްޑިވްސްއިން ޓްވިމްބިޓް އެވޯޑްސްގައި ސްމޯލް ޓެލްކޯ އޮފް ދަ އިޔާ އެވޯޑު ކާމިޔާބުކޮށްފިއެވެ.

ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2025 ގައި އުރީދޫ މޯލްޑިވްސްއަށް ޓެލްކޯ އޮފް ދަ އިޔާ (ސްމޯލް މާކެޓްސްގެ ޝަރަފު) ލިބިނު މިއީ ދެވަނަ ފަހަރެވެ.

ޓްވިމްބްޓް ޓެލެކޮމް އެވޯޑްސްއަކީ ތަފާތު މާކެޓް ސެގްމެންޓްތަކުގައި އިނޮވޭޝަން، ކަސްޓަމަރުންގެ ތަޖުރިބާ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މޮޅު ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ފާހަގަކުރާ އެވޯޑެކެވެ. ސްމޯލް މާކެޓްސް ކެޓަގަރީގެ ވާދަކުރަނީ ދެ މިލިއަން ހަމަނުވާ ގައުމުތަކުގެ ޓެލްކޯ އޮޕަރޭޓަރުންނެވެ.

އުރީދޫން ބުނީ، މި އަހަރުގެ މުބާރާތުގައި އުރީދޫއަށް މި ވަނަ ލިބިފައިވަނީ ދިރާގު (ރާއްޖެ) ޑީއެސްޓީ (ބްރޫނާއީ) ބޫޓާން ޓެލެކޮމް ފަދަ ޓެލެކޮމް ކުންފުނިތަކާ ވާދަކޮށްގެން ކަމަށެވެ.

ވާދަވެރިކަން ބޮޑު މި ކެޓަގޮރީގައި އުރީދޫގެ ޑިޖިޓަލް އިނޮވޭޝަން، އިންކްލޫސިވް ސާވިސަސް އަދި ރާއްޖޭގެ ޑިޖިޓަލް މާހައުލު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

މި އެވޯޑުގައި "ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރުގެ ދަށުން '5ޖީ' ފުޅާކުރުމާއި، އެމް ފައިސާ މެދުވެރިކޮށް ފިންޓެކް އިނޮވޭޝަނާއި އޭއައި ޑްރިވެން ޑިޖިޓަލް އެކްސްޕީރިއަންސް އަދި މާނަހުރި ކޮމިއުނިޓީ އިނިޝިއޭޓިވްސްއަށް އެ ކުންފުނިން ކުރާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކަށް ވަނީ އަލިއަޅުވާލާފައެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، ޖެހިޖެހިގެން ދެވަނަ އަހަރު މި އެވޯޑް ލިބުމަކީ ޓީމަށް ލިބުނު ފަޚުރެއް ކަމަށާއި ހަގީގަތުގައި ވެސް ދައްކުވައިދެނީ ރާއްޖެ ޑިޖިޓަލީ ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން މި އަގު ވަޒަންކުރަނީ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންނާއި އަގުހުރި ކަސްޓަމަރުންނާއި ޕާޓްނަރުން. އެ ފަރާތްތަކުގެ ސަބަބުން އަޅުގަނޑުމެން ދެމުން އަންނަ ޚިދުމަތްތައް އިހުނަށްވުރެ ރަނގަޅުކޮށް، މިހާރަށްވުރެ ބޮޑަށް ގުޅިފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް އުފެއްދުމަށް އަބަދު ވެސް ހިތްވަރު ދޭތީ،" ސީއީއޯ ޚާލިދު ވިދާޅުވިއެވެ.

އުރީދޫން ވަނީ ޑިޖިޓަލް ފަރަގުތައް ނައްތާލުމާއި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާންމު ދިރިއުޅުމުގެ ތަޖުރިބާތައް ރަނގަޅުކުރުމާއި، ގައުމީ ކުރިއެރުމުގެ މައި ކުންފުންޏެއްގެ ގޮތުގައި މަސައްކަތްކުރުމުގައި އުރީދޫ ދެމިއޮންނާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް