މި އަހަރަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 2.6 ބިލިއަން ރުފިޔާގެ ތެރެއިން އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި ލިބުނީ އެންމެ 3.6 ޕަސެންޓު ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިހައިތަނަށް ލިބިފައިވަނީ 94 މިލިއަން ރުފިޔާއެވެ. އެއީ މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭ އެހީގެ 3.6 ޕަސެންޓެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ހިލޭ އެހީއާ އަޅައިބަލާއިރު، މި އަހަރު ލިބުނު މިންވަރު 143.7 މިލިއަން ރުފިޔާ ދަށެވެ. އެހެން ކަމުން މި އަހަރަށް ކަނޑައަޅާފައިވާ ހިލޭ އެހީގެ އަދަދު ހަމަކުރަން އަދި އިތުރަށް 2.5 ބިލިއަން ރުފިޔާ ބޭނުންވެއެވެ.
އެހެން ނަމަވެސް ހިލޭ އެހީއާ އާމްދަނީއާއެކު ދައުލަތުގެ ބަޖެޓަށްވަނީ 14.9 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 14.9 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެ ހިސާބުތަކުން އެނގޭ ގޮތުގައި، މި އަހަރުގެ މިހައިތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ 77.8 ޕަސެންޓަކީ ޓެކުހުން ހޯދި ފައިސާއެވެ. މީގެ ތެރެއިން މިދިޔަ ހަފުތާގެ ނިޔަލަށް ޓެކުހުގެ ގޮތުގައި 11.6 ބިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 151.3 މިލިއަން އިތުރު އަދަދެކެވެ.
އޭގައިވާ ގޮތުން ފާާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 13.7 ބިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 17.9 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން ދައުލަތުގެ ރިކަރަންޓް ޚަރަދު 3.8 ޕަސެންޓުން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 64.2 ޕަސެންޓުން ދަށްވެފައެވެ.