ބޭންކުތަކުގައި ހުރި ޑިޕޮސިޓްގެ %58 ހުރީ ބީއެމްއެލްގައި، ކެޕިޓަލް 14 ބިލިއަނަށް އަރައިފި: ޝަރީފް

ބީއެމްއެލްގެ އޭޖީއެމްގައި ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވަހަހަކަދައްކަވަނީ -- ފޮޓޯ: ބީއެމްއެލް

ކަަސްޓަމަރުންގެ ޑިޕޮސިޓް 32 ބިލިއަން ރުފިޔާއަށް އިތުރުވެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިއަދު އޮތީ ރާއްޖޭގެ ހުރިހާ ބޭންކުތަކެއްގައި ހުރި ކަސްޓަމަރުންގެ ޑިޕޮސިޓްގެ %58 ބަހައްޓާފައިވާ ބޭންކުގެ ގޮތުގައި ކަމަށް ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

ބާސެލޯ ނަސަންދުރަގެ އިވެންޓް ހޯލްގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، 32 ބިލިއަން ރުފިޔާއަށް ޑިޕޮސިޓް އިތުރުވިއިރު، ދޫކޮށްފައިވާ ލޯނުގެ ޢަދަދު 21.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލައަށްވުރެ ގިނައިން، ޖުމްލަ ލޯނުގެ %51 ލޯނު ބީއެމްއެލުން ދޫކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ދުނިޔޭގެ އިގްތިސާދީ ހީނަރުކަމުގެ ތެރެއިން ވެސް، މިދިޔަ އަހަރު ބޭންކުން ވަނީ 643 މިލިއަން ރުފިޔާގެ ޓެކްސް ދެއްކުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.25 ބިލިއަން ރުފިޔާ ހޯދާފައި،" ޝަރީފް ވިދާޅުވިއެވެ.

މިއީ އޭގެ ކުރީ އަހަރަށްވުރެ އަށް ޕަސެންޓު އިތުރު އަދަދެއް ކަމަށާއި، ބޭންކުގެ ބެލެންސް ޝީޓަށް 2.8 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބި، އަހަރު ނިމުނު އިރު ޖުމްލަ އެސެޓްތައް ހުރީ 48.4 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އަދި މި ނަތީޖާއިން ބޭންކުގެ ހިންގުމުގެ ހަރުދަނާކަމާއި، ސްޓެބިލިޓީ ކަށަވަރުކޮށްދޭ ކަމަށް ފާހަގަކުރެއްވިއެވެ.

ބާސެލޯސް ނަސަންދުރައިގައި އޮތް ބީއެމްއެލްގެ އޭޖީއެމްގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އުފެއްދީ 10 މިލިއަން ރުފިޔާގެ ކެޕިޓަލަކުން ކަން ފާހަގަކުރައްވައި، ޝަރީފް ވިދާޅުވީ ހަރުދަނާ މިންގަނޑެއްގައި ފައިދާ އަލުން އިންވެސްޓްކުރަމުން ދިއުމުގެ ސަބަބުން މިއަދު ބޭންކުގެ ކެޕިޓަލް 14 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފައިވާ ކަމަށެވެ.

މިއީ ބޭންކުގެ ހިއްސާދާރުން ފަޚުރުވެރިވާނެ ނަތީޖާއެއް. ރައުސުލްމާލު އިތުރުކުރުމަކީ މާލީ މުއައްސަސާއެއްގެ ކުރިއެރުމަށް ނުހަނު މުހިންމު ކަމެއް. ބީއެމްއެލް ފަދަ ސިސްޓެމިކަލީ މުހިންމު ބޭންކަކަށް، ވަރުގަދަ ރައުސުލްމާލެއް ބިނާ ކުރުމަކީ ވަރަށް މުހިއްމުކަމެއް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބޭންކުގެ ރައުސުލްމާލު ވަރުގަދަކުރުމަކީ ޑިޕޮސިޓަރުން ރައްކާތެރިކުރުމަށާއި، ވަރުގަދަ މާލީ ބިންގަލެއް އެޅުމަށާއި، އިގްތިސާދީ ގޮންޖެހުންތަކާ ކުރިމަތިލައި، ދިގު މުއްދަތަކަށް ފައިދާ ދެމެހެއްޓުމަށް މަގުފަހިކުރަން މުހިންމު ކަމެއް ކަމަށެވެ.

ބީއެމްއެލްގެ ރައުސުލްމާލަށް އައި ކުރިއެރުން -- އިންފޮގްރެފިކްސް: ބީއެމްއެލް

"ފައިދާ އަލުން އިންވެސްޓްކުރުން މުހިންމުވަނީ ބޭންކެއް ކުރިއެރުމުގައި ކެޕިޓަލް އިތުރުކުރުން މުހިންމުވާތީ. ސިންގަލް ބޮރޯވާ ލިމިޓުން ފެށިގެން އެކި ދާއިރާތަކަށް ބޭނުންވާ މިންވަރަށް ބޭންކުން ފައިނޭންސް ދޫކުރެވޭ މިންވަރު ކަނޑައެޅިގެންދަނީ ކެޕިޓަލް އަށް ބިނާކޮށް،" ޝަރީފް ވިދާޅުވިއެވެ.

އެއާއެކު، މިދިޔަ އަހަރުގެ ކާމިޔާބީތައް މި އަހަރުވެސް ބޭންކުން ދަނީ ދަމަހައްޓަމުން ފަހަގަކުރެއްވިއެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ ލިބި، ސާފު ފައިދާގެ ގޮތުގައި 497 މިލިއަން ރުފިޔާ ލިބުނުކަމަށް ވިދާޅުވިއެވެ.

އަދި ފުރަތަމަ ކުއާޓަރގައި ބީއެމްއެލް އިން ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު %72 ގެ ކުރިއެރުމެއް ލިބުނު ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް