މިދިޔަ ސަރުކާރުގެ ޔޫތު އެމްޕަވަމަންޓް ކޮމިއުނިޓީ އެންޑް ސްޕޯޓްސް މިނިސްޓްރީން މަސައްކަތްކުރީ ރަނގަޅަށް ކަމަށާއި، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި އޮތީ އެ ތަނާ ގުޅުމެއް ވެސް ނެތް ދެ މައްސަލަ ކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ދާދިފަހުން ވަނީ ސްޕޯޓްސް މިނިސްޓްރީގެ 2018 އިން 2023އަށް ކުރި ޚަރަދުތަކާ ގުޅޭ ''ފިތްކަނޑައިގެންދާ'' ވަރުގެ ވާހަކަތަކެއް ތިލަކޮށްފައެވެ. ކުޅިވަރު އެސޯސިއޭޝަންތަކާއި ދަނޑުތަކާއި މަސައްކަތްތަކުގެ ޚަރަދުތަކާ ގުޅޭ ކޮރަޕްޝަނުގެ ގިނަ ކަންތައްތަކެއް މި އޮޑިޓު ރިޕޯޓުގައި ވަނީ ހާމަކޮށްދީފައެވެ.
އޭގެ ތެރޭގައި 16 ކުޅިވަރު އެސޯސިއޭޝަނަކަށް 2018ވަނަ އަހަރުން ފެށިގެން 36.6 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމާއި، މަޝްރޫއަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓް ކޯޑު ނޫން އެހެން ކޯޑެއްގައި ޚަރަދު ރިކޯޑުކޮށްފައިވުމާއި، ޚަރަދުކުރި ނަމަވެސް ބައެއް ޔޫތު ސެންޓަރުތައް ބޭނުންކޮށްފައި ނެތުމުގެ މައްސަލަ ފާހަގަކޮށްފައިވެއެވެ.
މި ކަމާ ގުޅިގެން މަހުލޫފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެންމެ ގިނަ މަޝްރޫއުތައް ހިންގި އެއް ތަނަކީ ސްޕޯޓްސް މިނިސްޓްރީ ކަމަށްވާއިރު، އޮޑިޓުގައި އެ ތަނާ ގުޅުމެއް ވެސް ނެތް ދެ މައްސަލައެއް ފާހަގަކޮށްފައިވުމަކީ، މިނިސްޓްރީގެ މުވައްޒަފުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ހެއްކެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ދައުރުގެ ކޮންމެ އަހަރެއްގައި ވެސް އެ މިނިސްޓްރީ އޮޑިޓުކޮށްފައިވެއެވެ. އެހެން ނަމަވެސް އެއްވެސް ފަހަރަކު ކަމެއް އިސްލާހުކުރަން ރަސްމީކޮށް އަދި ނުރަސްމީކޮށް ވެސް އެ ތަނަށް އެއްވެސް ލަފައެއް ދީފައެއް ނެތެވެ. އަދި 2023ވަނަ އަހަރުގެ އެންމެ ފަހު ބައްދަލުވުމުގައި ވެސް ބޮޑެތި މައްސަލަތަކެއް އެ މިނިސްޓްރީގައި ނެތް ކަމަށް އޮޑިޓަރުން މައުލޫމާތު ދީފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކަށް އޮޑިޓް ރިޕޯޓު އަހަރުން އަހަރަށް ނެރެން އެބަޖެހެއެވެ. ފަހަރުގައި އެކަން ނުވަނީ ބަޖެޓު ނެތިގެން ނަމަވެސް، ހަތް އަހަރު ފަހުން 576 ޕްރޮޖެކްޓު ހިންގި މިނިސްޓްރީއެއްގެ އޮޑިޓް ރިޕޯޓު ނެރޭނަމަ، ކަމެއް އިސްލާހުކުރަން ވެސް ފުރުސަތު ނުލިބޭނެއެވެ. ރައީސް ނޫނީ ވަޒީރަށް ފިޔަވަޅެއް އަޅަން ފުރުސަތެއް ނުލިބޭނެއެވެ. އަދި ރިޕޯޓު ނިންމާއިރު މައުލޫމާތު ދޭން ތިބޭނީ އަލަށް އުފެދޭ ސަރުކާރެއްގެ ބައެއްކަމުން އެންމެ ފުރިހަމަ މައުލޫމާތު ދޭނެކަމަށް ގަބޫލެއްނުކުރެވެއެވެ. ލިޔެކިއުން ފުރިހަމަކޮށްދޭނެކަމަށް ނުދެކެމެވެ،" މަހުލޫފް ލިޔުއްވާފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެސް ހިމެނޭހެން ނެރެފައިވާ އޮޑިޓު ރިޕޯޓުގައި، ވަރަށް ބޮޑަށް އޮޅުން އަރާފަދަ މައުލޫމާތުތައް ހުރި ކަމަށް މަހުލޫފް ވިދާޅުވެއެވެ.
ފުޓުބޯޅަ ސްކޫލާއި އެ މިނިސްޓްރީން ގަނެފައިވާ ވެހިކަލެއްގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. މަހުލޫފް ވިދާޅުވީ އޭގެ ތެރެއިން ފުޓުބޯޅަ ސްކޫލަކީ، މިދިޔަ ވެރިކަމުގެ ކުރީން ވެސް ފެށިފައިވާ މަސައްކަތެއް ކަމަށެވެ.
އަދި ވެހިކަލް ގަތުމުގެ މައްސަލައިގައި އަންގާފައިވަނީ ކޮންޓްރެކްޓަރު އޮޅުވާލައިގެން އައު ވެހިކަލެއް ގޮތަށް ވިއްކާފައިވާތީ ކޮންޓްރެކްޓަރުގެ މައްސަލަ މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމަށް ކަމަށާއި، އެ ކަމުގައި ވެސް މިނިސްޓްރީގެ މައްސަލައެއް ނެތް ކަމަށް މަހުލޫފު ވިދާޅުވިއެވެ.
"ދެން ފާހަގަ ކޮށްފައިވަނީ ރަނގަޅު ކުރަންޖެހޭ ކަމަށް އޮޑިޓު އޮފީހަށް ފެންނަ ބައެއް ކަންކަމެވެ. އަހަރުން އަހަރަށް އޮޑިޓު ރިޕޯޓު އާއްމުކުރެވޭނަމަ، އަދި އިސްލާހު ކުރަންޖެހޭ ކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭ ކަންކަން މަޝްވަރަަކޮށް އިސްލާހުކުރަން މުވައްޒަފުންނަށް ފަސޭހަވާނެއެވެ،" މަހުލޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީން ހިންގާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް، މިނިސްޓްރީން ހިއްސާކޮށްފައިވާ އެކްސެލް ފައިލެއްގައި ބައެއް މައުލޫމާތުތައް ފުރިހަމަނުވުމަކީ، ޕްރޮޖެކްޓެއް ހިންގަން ބޭނުންވާ ލިޔެކިއުން ފުރިހަމަ ނުވުމެއް ނޫނެވެ. ނޫނީ ލިޔެކިއުން ނެތުމެއް ވެސް ނޫނެވެ. ލިޔެކިއުން ގަސްތުގައި ފުރިހަމަނުކޮށް މުވައްޒަފުން މަސައްކަތެއްކޮށްފައި ހުންނާނެކަމަަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ޔޫތު ސެންޓަރުތައް ނުބެލެހެއްޓޭކަން އޮޑިޓުން ފާހަގަކޮށްފައިވާއިރު، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއިއެކު ޔޫތު ސެންޓަރުންތައް ހިންގުންވަނީ ކައުންސިލްތަކާ ހަވާލުކޮށްފައި ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ކޮށްފައިވާ ޚަރަދުތަކަކީ، އެ މިނިސްޓްރީގެ ކުރީގެ ޚަރަދު ތަފްސީލެއް ކަމަށެވެ. މިނިސްޓްރީއިން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ފައިސާ ދޫކުރަމުން ގެންދާނީ، ހަރަދު ތަފްސީލު މިނިސްޓްރީއަށް ހުށަހަޅާގޮތަށް ކަމަށާއި، އެ ތަފްސީލު ލިޔުމުން ފެންނަން ހުންނާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އޮޑިޓު ރިޕޯޓުގައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ބައެއް ފިކްސްޑް އެސެޓު ގެއްލިފައިވާ ކަމަށް ފާހަގަކޮށްފައެވެ. މަހުލޫފް ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ، މި ސަރުކާރުން ޔޫތާއި ސްޕޯޓްސް މިނިސްޓްރީ ވަކިކުރިއިރު ގެއްލިގެން މީޑިއާގައި ވެސް ރިޕޯޓުކުރި ބައެއް ސަމާނުތަކުގެ ވާހަކައެވެ.
އެ މިނިސްޓްރީން 576 މަޝްރޫއު ކުރިއަށް ގެންދިޔައިރު، އޭގެ ތެރޭގައި އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށް މަހުލޫފް އެއްބަސްވެލައްވައެވެ. އަދި ކޮރަޕްޝަންގެ މައްސަލައެއް އޮތް ނަމަ ތަހުގީގުކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.