މުރަނގަ ގަސް ނުވަތަ މިރަކަލް ޓްރީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މި ގަހަކީ އިތުރު ތަފުސީލަކަށް ބޭނުންވާ ގަހެއް ނޫނެވެ.
މި ގަހުގެ ފަތްތަކާއި މުރަނގަ ތޮޅި އަދި މުރަނގަ މަލުން ހަށިގަނޑަށް ސިއްހީ އެތަކެއް ފައިދާތަކެއް ލިބޭއިރު މުރަނގަ ފަތް ހިއްކައިގެން އެ ހިމުންކޮށްގެން ކެއުމުގައި ހިމެނުމަކީ ވެސް ހަށިގަނޑަށް ގިނަގުނަ ސިއްހީ ފައިދާތައް ލިބޭ ކަމެކެވެ.
ރެޖިސްޓާޑް ޑައިޓީޝަނެއްގެ އިތުރުން ފިޓްނެސް ދާއިރާގައި މަސައްކަތްކޮށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރާ ޑރ.ޖެރެޑް މީޝަމް ބުނެފައިވާ ގޮތުގައި، މުރަނގައަކީ ހަށިގަނޑަށް ލިބޭ ޒަޚަމްތައް ރަނގަޅުކުރުމުގެ އިތުރުން ލޭގެ ގުލްކޯޒް އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެއްވަނައިގެ ބާވަތެކެވެ.

މުރަނގަ ޕައުޑާ އަކީ ވަރަށް ގިނަ ބުއިންތަކުގައި ވެސް އާއްމުކޮށް ގިނަ ބަޔަކު ބޭނުންކުރާ ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް
މުރަނގަފަތުން އުފައްދާ މުރަނގަ ޕައުޑާ އަކީ ގަދީމީ ބޭސްވެރިކަމުގައި ޒަމާނުއްސުރެ ގިނަބަޔަކު ބޭނުންކުރާ ބާވަތެކެވެ. މީގައި ވިޓަމިން އޭ، ސީ، އީ އަދި ވިޓަމިން ބީގެ ބާވަތްތަކުގެ އިތުރުން މުހިއްމު މިނެރަލްސް ކަމަށްވާ ކެލްސިއަމް، ޕޮޓޭސިއަމް، އަޔަން އަދި މެގްނީސިއަމް ހިމެނުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމަށް އެހީވެދެއެވެ.
ހަމައެއާއެކު އަޔަން އާއި ވިޓަމިން ބީގެ މާއްދާތައް މަތީ މިންވަރަކަށް ހިމެނިފައިވާތީ އަވަދި ނެތި ބިޒީ ޝެޑިއުލްގައި އުޅޭ ދުވަސްވަރު ވެސް ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދިނުމަށް އެހީވެދެއެވެ.

މުރަނގަ ޕައުޑާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބުއިމެއް--ފޮޓޯ/ޕިންޓްރެސްޓް
މުރަނގަ ޕައުޑާ އަކީ އޭގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސް އާއި އެންޓި އިންފްލެމެންޓްރީ ކޮމްޕައުންޑްސްގެ އެހީގައި ކުދި ކުދި ބަލިތަކުންނާއި އެކި ކަހަލަ ޖަރާސީމުތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް އެހީވެދޭ ބާވަތެކެވެ.
މީގައި އެކުލެވޭ ފައިބާ މާއްދާގެ އެހީގައި ގަވައިދުން ކާނާ ހަޖަމުކޮށްދިނުމަށް އެހީވެދީ ބަނޑުހަރުވުމުން ދުރުކޮށްދެއެވެ. މުރަނގަ ފަތް އަދި މުރަނގަ ތޮޅިއާ އެއްވަރަށް މުރަނގަ ޕައުޑަރަކީ ވެސް އެއި ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް އެހީވެދޭ ބާވަތެކެވެ.
މީގެއިތުރުން މުރަނގަ ޕައުޑަރަކީ ގައިގެ ހަން ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީވެދީ ޒުވާންކަންމަތީ ގައިގެން ހަން ގިނަ ދުވަހު ބެހެއްޓުމަށް އެހީވެދޭ ބާވަތެކެވެ.
މުރަނގަފަތް ޕައުޑަރުން ލިބޭ އަޖައިބުކުރުވަނިވި ފައިދާތަކުގެތެރޭ އަވަސް އަވަހަށް ކަންކަން ހަނދާންނެތޭނަމަ އެކަން ރަނގަޅުކޮށްދިނުމަށް އެހީވެދިނުން ހިމެނެއެވެ. މިއީ ހަށިގަނޑުގެ ހޯމޯންތައް އެއްވަރެއްގައި ބަހައްޓައި ދިނުމުގައި ވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބާވަތެކެވެ.
ހާއްސަކޮށް މައްސަރުކަންތައް ހުއްޓުމަކަށް އައިސް އިއްދައިން ކެނޑުމުގެ ދުވަސްކޮޅު ލިބޭ ވޭންތަކަށް ވެސް ވަރަށް ބޮޑު ލުޔެއް މުރަނގަ ޕައުޑަ ބޭނުންކުރާނަމަ ލިބޭނެއެވެ.